ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވާނަމަ ސިޔާސީ ވާދަވެރިކަން ކުޑަވެ، ގައުމުގެ ކަންކަން ކުރިއަށްގެންދަން ފަސޭހަވާނެ: އުޝާމް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާނަމަ ރާއްޖޭގައި އޮންނަ ސިޔާސީ ވާދަވެރިކަން ވަރަށް ބޮޑަށް ކުޑަވެ، ގައުމުގެ ކަންކަން ކުރިއަށްގެންދިއުމުގައި ފަސޭހަވަގެންދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ދައުލަތުގެ މީޑީއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށާއި ދިމަގްރާތީ ނިޒާމު ހަރުދަނާކުރުމަށާއި ރާއްޖޭގެ ރައްޔިތުންނަސް ހަމަޖެހުން ހޯދައިދިނުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ ވާހަކަ އަކީ އެމަނިކުފާނު އަބަދުވެސް ދައްކަވާ ވާހަކަތަކެއް ކަމަށެވެ.
މިދިޔަ ދެ އަހަރުގެ ތެރޭގައި އެކި ގާނޫނުތަކަށް އިސްލާހުތައް ގެނެސްފައިވާއިރު، އޭގެން ވެސް ވަރަށް ރަނގަޅު ނަތީޖާތަކެއް ހާސިލްވެފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ 2008 ވަނަ އަހަރު ވުޖޫދުވީއްސުރެ ދިމަގްރާތީ ކަމެއް އަޝަގެންނުމުގައި ވަރަށް ގިނަ ހަމަނުޖެހުންތަކާއި ގޮންޖެހުންތަކާ ދިވެހި ރައްޔިތުން ކުރިމަތިލާފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގައި އަބަދުވެސް އިންތިހާބެއްގެ ވާދަވެރިކަން އޮންނައިރު، އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށްވެސް ކުރާ ކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާނަމަ ވަރަށް ގިނަ ހަރަދުތައް ހޭދަވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ 200އެއްހާ ރަށުގައި ވޯޓު ފޮށި ބަހައްޓައިގެން އިންތިހާބުތައް ބާއްވާއިރު، ކޮންމެ އިންތިހާބަކަށް 100 މިލިއަނެއްހާ ރުފިޔާ ހޭދަވާކަމަށް އުޝާމް ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުން ގިނައިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވުމުގައިވެސް ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރަން ފަސް އަހަރުގެ ދައުރެއް ލިބޭއިރު، އޭގެ ތެރެއިން ތިން އިންތިހާބެއްގެ ވާދަވެރިކަން އަންނައިރު ރައްޔިތުންނަށް ހިދުމަތްކުރުމުގައި ވެސް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވާގޮތަށް ހަމަޖެހިއްޖެނަމަ ސިޔާސީ ވާދަވެރިކަން ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
އަދި ސިޔާސީ ޕާޓީތަކަށްވެސް މީގެ ސަބަބުން ވަރަށް ގިނަ ފައިދާތައް ކުރާނެ ކަމަށާއި، ޕާޓީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ހިތްވަރުލިބިގެންދާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ ދެ އިންތިހާބު އެއްދަވުހައްގައި ބޭއްވުމަށް ސަރުކާރުން މަސައްކަތް ކޮށްފައިވަނީ ދިރާސާކުރަންޖެހޭ ވަރަށް ދިރާސާތައްވެސް ކުރުމަށްފަހު ގާނޫނުގެ ތެރެއިން ކަމަށެވެ.
މީގެ އިތުރުން ދެ އިންތިހާބު އެއްކޮށްލަނީ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކާ ގުޅޭ ގޮތުން އުޝާމް ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
އަދި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަންދޫބުން އިންތިހާބުކުރުމުގައި ރައްޔިތުންނަށް ވަކި ދެ ވޯޓުކަރުދާސް ލިބޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ