"ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ބާރުތައް ވަކިވެފައި އޮންނަ ނިޒާމަށް ބަދަލެއް ނާންނާނެ"

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ދިވެހިރާއްޖޭގެ ތިން ބާރު ވަކިވެފައި އޮންނަ ދުސްތޫރީ ނިޒާމަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫން ކަމަށް ބަނޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމަށް ނުވަތަ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމަށް ގެންނަ ބަދަލެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި މިއީ ވަރަށް ބޮޑު ޤާނޫނީ ބަދަލެއް ކަމަށްވެސް ބައެއް މީހުން ގަބޫލުކުރެއެވެ.
މިކަމަށް އިޝާރާތްކުރައްވާ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އިންތިޚާބީ އޮނިގަނޑަށް އަންނަ ބަދަލެއް ނަމަވެސް، މިއީ ރާއްޖޭގެ އަސާސީ ދުސްތޫރީ އޮނިގަނޑަށް ގެނެވޭ ބަދަލެއް ނޫންކަމަށެވެ.
"ގާނޫނު އަސާސީގައި އޮތް އެންމެ މުހިންމު އެއް ކަންތައް އެއީ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއް ރާއްޖޭގައި އޮތުން. މި ބަދަލު ގެނަޔަސް ދުސްތޫރީ ނިޒާމަށް އެއްވެސް ބަދަލެއް ނާންނާނެ. ދެވަނަ ކަމަކަށް ރައްޔިތުންގެ ވޯޓުން ރައީސަކު ހޮވުން. އަދި ރައްޔިތުންގެ ވޯޓުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހޮވުން. އެކަމަށްވެސް އެއްވެސް ބަދަލެއް އަންނާނެ ކަމުން އަސްލު ދުސްތޫރީ ނިޒާމަަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އަޅުގަނޑަަށް ޤާބޫލުކުރެވެނީ." ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވިއެވެ.
ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް މި ގެންނަ ބަދަލަކީ އެކަށީގެންވާ މަޝްވަރާ ނުކޮށް، އަވަސްއަރުވާލައިގެން ގެންނަ ބަދަލެއް ކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ބަންޑާރަ ނައިބު ވަނީ ރައްދު ދެއްވާފައެވެ. ބަންޑާރަ ނައިބު ވިދާޅުވީ މިކަމަކީ ސަރުކާރުން ވަރަށް ބޮޑަށް ދިރާސާކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި މަންދޫބުންގެ މެދުގައިވެސް ފުޅާ ދާއިރާއެއްގައި މިކަމަށް ބަހުސް ކުރެވިފައިވާ ކަމަށެވެ.
ކޮމިޓީ މަރުހަލާގައި ސިޔާސީ ޕާޓީތަކާއި އެހެނިހެން ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ ހޯދައި، އާންމުންގެ ޚިޔާލަށްވެސް މިކަން ހުޅުވާލެވުނުކަން ބަންޑާރަ ނައިބު އުޝާމް ފާހަގަކުރެއްވިއެވެ.
"އާންމުންގެ ޚިޔާލަށްވެސް ހުޅުވާލެވުނު. އަދި އެއަށްފަހު ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރުމަށްފަހު 45 ދުވަހުގެ މުއްދަތެއް އެބަ ލިބިގެންދޭ ރައްޔިތުން މިކަމަށް ހޭލުންތެރިކުރުމަށް. އެހެންމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެޕްރީލް 4 އާ ހަމައަށް މިކަމަށް މަޝްވަރާކުރުމުގެ ފުުރުސަތު އެބައޮތް. ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުގޮތެއްގައި މިކަމުގައި ހުރި ރަނގަޅު ގޮތްތަކާއި ނުރަނގަޅުގޮތްތައް ސާފުކޮށްދެވުނީމަ އެބޭފުޅުންގެ ޒިންމާ އަދާކުރެވުނީ. އެހެންމަ އެކަށީގެންވާ މަޝްވަރާކުރުމެއްނެތި ކުރަމުންދާ ކަމެއްކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން." ބަނޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވިއެވެ.
އަންނަ މަހުގެ 4ވަނަ ދުވަހު ބާއްވާ ވޯޓުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވީ، ޤާނޫނުއަސާސީއަށް މަޖިލީހުން ގެނައި އިސްލާޙު ތަސްދީޤު ކުރުމާ ގުޅޭގޮތުންނެވެ. އެ އިސްލާޙުގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތީޚާބާއި، ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ވަނީ ފާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ