ޝިޔާމްގެ ފޮތް "ހަނދާންތަކުން ތަންކޮޅެއް" ނެރެފި، ކިޔައިދެނީ 70ގެ އަހަރުތަކުގައި ދިވެހީންގެ ދިރިއުޅުން
ހަތްދިހައިގެ އަހަރުތަކުގައި ދިވެހީންގެ ދިރިއުޅުން ހުރި ގޮތުގެ މައްޗަށް ބިނާކޮށް، "ހަނދާންތަކުން ތަންކޮޅެއް"ގެ ނަމުގައި، ލިޔުންތެރިޔާ އަޙްމަދު ޝިޔާމް ފޮތެއް ނެރުއްވައިފިއެވެ. މިއަދު ސޮލައިލް ރޫފްޓޮޕް ރެސްޓޯރެންޓުގައި ބޭއްވި ހަފުލާއެއްގައި، ޝިޔާމްގެ ފޮތް ނެރެދެއްވީ ދިވެހި ދައުލަތަށް 21 އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު، އަހުމަދު މުޖްތަބާއެވެ. މީގެ ކުރިން ވެސް ފޮތްތައް ލިޔުއްވާފައިވާ ޝިޔާމްގެ އައު ފޮތާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އެއީ އަމިއްލަ ތަޖުރިބާގެ މައްޗަށް ބިނާކޮށް ލިޔުއްވި ފޮތެއް ކަމަށެވެ. އެގޮތުން ފޮތުގެ މަސައްކަތް ފެއްޓެވީ ކޮވިޑް ބަލިމަޑުކަމުގެ ދުވަސްވަރުކަން އޭނާ ފާހަގަކުރެއްވިއެވެ. ޝިޔާމް ވިދާޅުވީ އެ ފޮތަކީ 70ގެ އަހަރުތަކުގައި ދިވެހީންގެ ދިރިއުޅުން ދައްކުވައިދޭ ފޮތެއް ކަމަށެވެ. އެ ފޮތް ލިޔުއްވުމުގު ބޭނުމަކީ، އޭރުގެ ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ދިވެހީންގެ ސަގާފަތް އަންނާން އޮތް ޖީލުތަކަށް ކިޔައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. ފޮތް ރަސްމީކޮށް ނެރެދެއްވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު، އަހުމަދު މުޖުތަބާ -- ޝިޔާމް ވިދާޅުވީ، ޖުމްލަ 14 ލިޔުމެއް ހިމެނޭ ގޮތަށް ނެރެފައިވާ އެ ފޮތުގައި ހިއްސާކޮށްފައިވާނީ އަމިއްލަ ތަޖުރިބާ ކަމަށާއި، އޭގެ ތެރޭގައި ރޯދަމަހުގެ ހަނދާންތަކާއި އަލަށް ބައިސްކަލު ދުއްވި ދުވަހުގެ ހަނދާންތައް ހިމެނޭ ކަމަށެވެ. އަދި ފުރަތަމަ ނެންގެވި ފޮޓޯއާއި އޭރު ދިވެހީންގެ ތެރޭގައި ގެންގުޅުނު ބުމަރުގެ ވާހަކަ ފަދަ ކުރީ ޒަމާނުގެ ތަޖުރިބާތައް އެ ފޮތުގައި ހިމަނައިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޝިޔާމް ވަނީ، މިއަދު ނެރެފައި ވަނީ ފޮތުގެ ފުރަތަމަ ބައި ކަމަށާއި މި އަހަރުގެ ތެރޭގައި ދެވަނަ ބައި ނެރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ޝިޔާމްގެ ފޮތް، ދިވެހި ފޮތް އެޕުން ކިޔައިލެވޭނެއެވެ. އަދި މާދަމާއިން ފެށިގެން އެ ފޮތުގެ ހާޑު ކޮޕީ އަސްރަފީ ބުކްޝޮޕުން ލިބެން ހުންނާނެއެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ އަހަރު ހާސިލުކުރައްވާފައިވާ ޝިޔާމް ވަނީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކުރައްވައި، ތާރީޚީ އެކިއެކި ފޮޓޯތައް ނަންގަވައި، އަރުޝީފް ކުރެއްވުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ. ޝިޔާމް ލިޔުންތެރިކަމުގެ ތެރެއަށް ވަދެވަޑައިގަތީ 1980ގެ މެދު ތެރޭގައެވެ. އޭނާ ލިޔުންތެރިކަމުގެ ދާއިރާގައި އުޅުއްވާތާ 36 އަހަރަށްވުރެ ގިނަ ދުވަސްވީއިރު، އެންމެ ފުރަތަމަ ކުރެއްވީ ނޫސްވެރިކަމެވެ. އެގޮތުން ހަވީރު ނޫހާއި އާފަތިސް ނޫހުގެ އިތުރުން ފުރަދާނަ ނޫހަށް އޭނާ ލިޔުއްވިއެވެ. މީގެ އިތުރުން ފިޔެސް މަޖައްލާގެ އެޑިޓަަރު ކަމާއި މަސްއޫލުވެރިކަން ކުރައްވާފައިވެއެވެ. ޝިޔާމް މީގެ ކުރިން ލިޔުއްވި ބައެއް ފޮތްތަކުގެ ތެރޭގައި އޭނާގެ އެންމެ ފުރަތަމަ ވާހަކަފޮތް، "އިބްރާހީމްގެ ހުވަފެން" އަދި ސިނަމާލެ ބްރިޖާ ބެހޭ ގޮތުން ލިޔުއްވި ފޮތާއި "އެމްޓީސީސީގެ ކާމިޔާބު 40 އަހަރު" ފޮތް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، 2022ވަނަ އަހަރުގެ ރޯދަމަހާ ދިމާކޮށް، 30 ކުރުވާހަކަ ވެސް އޭނާ ނެރުއްވިއެވެ. ސަން މީޑިއާ ގުރޫޕުގެ ދަށުން ހިންގާ އެސްއެސްޓީވީގައި ވެސް ޝިޔާމް، ޝައުގުވެރި ޕްރޮގްރާމްތަކެއް ގެނެސްދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ