ދިވެހި ސަފީރު ލަންކާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފި ދިވެހި ސަފީރު ލަންކާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފި

ރާއްޖެ އާއި އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުންދާ އަވަށްޓެރި ސްރީލަންކާގެ އިދާރާތަކުން ދިވެހިންނާމެދު ތަފާތުކުރާ ކަމަށް ވިދާޅުވެ އެ ގައުމަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ލަންކާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ލަންކާގެ ނޫހެއް ކަމަށްވާ ޑެއިލީ ނިއުސް އާއި ވާހަކަދައްކަވަމުން މަސްއޫދު ވަނީ ލަންކާއަށް ދާ ދިވެހިންނާމެދު އެ ގައުމުގެ އިދާރާތަކުން، ހާއްސަކޮށް އިމިގްރޭޝަނުން ދިވެހިންނާމެދު ތަފާތުކުރާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. މަސްއޫދު ސިފަކުރެއްވި ގޮތުގައި ލަންކާ އިމިގްރޭޝަނުން ދިވެހިންނާމެދު ކަންކުރަނީ "ދޮން މަންމަ" އަކަށް ކަންކުރާ ގޮތަށް ކަމަށް އެ ނޫހުން ލިޔެފައިވެ އެވެ.
ލަންކާގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިން ވިސާ ހޯދުމަށް އަދި ވިސާ އާ ކުރުމަށް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ދިގު ކިޔޫތަކުގައި ތިބެން ޖެހޭ ކަމަށާއި ލަންކާގެ އިދާރާތަކުން ދިވެހިންނާމެދު ނަސްލީގޮތުން ތަފާތުކުރާ ކަމަށް ވެސް އޭނާ ތުހުމަތުކުރައްވާފައިވެ އެވެ.
"ލަންކާ އިމިގްރޭޝަނުގެ އޮފިޝަލުން މި ގައުމަށް އަންނަ ހަމައެކަނި މެހެމާނުންނަކީ ދޮން ނަސްލުގެ މީހުން ކަމަށް ދެކޭތީ އަހަރެން ހަމަ ހައިރާން ވޭ،" މަސްއޫދު ވިދާޅުވި ކަމަށް ލަންކާ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.
ދިގު ކިޔޫތަކަށް ނުގޮސް ވިސާ ލިބެނީ ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ވިސާއަށް ހުށަހެޅުމުން ކަމަށް ވިދާޅުވެ މަސްއޫދު ވަނީ އެގޮތަށް ކަންކުރަނީ ލަންކާގެ އިމިގްރޭޝަން އޮފިޝަލުންނަށް މާލީ ފައިދާއެއް ލިބޭތީ ކަމަށް ވެސް ތުހުމަތުކުރައްވާފަ އެވެ.
މީގެ އިތުރުން، ވޭތުވެދިޔަ ތަނުގައި ލަންކާ އަކީ ދިވެހިންގެ މެދުގައި ޗުއްޓީ ހޭދަކުރުމަށާއި ދިރިއުޅުމަށް އަދި ބޭސްފަރުވާއަށް މަގުބޫލު މަންޒިލެއް ކަމަށާއި ނަމަވެސް މިފަދަ ކަންކަން ތަކުރާރުވާނަމަ އެ މަންޒަރު ބަދަލުވާނެ ކަމަށް މަސްއޫދު ވިދާޅުވެފައިވެ އެވެ. ލަންކާއަށް ދަތުރުކުރާ ދިވެހިންގެ އަދަދު އެތައް ހާހަކުން މަދުވެފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރައްވާފައިވެ އެވެ.
ދިވެހިންނާމެދު ތަފާތުކުރަނީ ރާއްޖެއަކީ ލަންކާގެ ސަލާމަތަށް ނުރައްކަލަކަށްވާ ގައުމެއްގެ ގޮތުގައި ދެކޭތީ ތޯ އެ ގައުމުގެ ސަރުކާރުން ސާފުކުރުމަށް އެދިފައިވާ ކަމަށާއި އެކަމަށް ޖަވާބެއް ނުލިބޭ ކަމަށް މަސްއޫދު ވިދާޅުވެފައިވެ އެވެ. ބައެއް ދަރިވަރުންނަށް ވިސާ ދިނުމުގެ ކުރިން ޓެރަރިޒަމާއި ގުޅޭ ސުވާލުތައް ލަންކާގެ އިމިގްރޭޝަނުން ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް، އާންމުކޮށް ޑިޕްލޮމެޓަކު އަދި ހާއްސަކޮށް އެހެން ގައުމަކަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކު އެ ގައުމާއި ގުޅޭގޮތުން ދައްކައިގެން ނުވާނެ ފަދަ ދަށު ދަރަޖައިގެ އެތައް ވާހަކައެއް މަސްއޫދު ލަންކާގެ ނޫހާއި ހިއްސާކޮށްފައިވެ އެވެ.
އެގޮތުން ދިވެހި މަސްދޯނިތަކުން ލަންކާ ސަރަހައްދަށް މަސްވެރިކަމަށް ނުދާ ކަމަށާއި ނަމަވެސް އެ ގައުމުގެ މަސް ބޯޓުތައް ތަކުރާރުކޮށް ރާއްޖޭގެ ސަރަހައްދަށް އަންނައިރު އެކަން ބޮޑު ކަމަކަށް ނުހަދާ މަސްވެރިން ޑީޕޯޓުކޮށްލަނީ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ލަންކާ ނޫހާއި ދެއްކެވި ވާހަކަ މަސްއޫދު ނިންމާލެއްވީ އިންޒާރަކުންނެވެ. އެގޮތުން މިގޮތަށް ކަންކުރާނަމަ ރާއްޖޭގައި އުޅޭ ލަންކާ ރައްޔިތުންނަށް ވިސާ ދޫކުރުމުގެ އުސޫލު ހަރުކަށިކުރަން މަޖުބޫރުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ