މެންގްރޫވް ޗެމްޕިއަންޝިޕް: ކެނދިކުޅުދޫ ގުގުމާލާނެ ފުޓުބޯޅައިގެ ބޮޑު އީދު މާދަމާ ފަށަނީ
ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް" އަކީ މިއަދު ރާއްޖޭގެ ރަށެއްގައި ބާއްވާ އެންމެ ފެންވަރު ރަނގަޅު އަދި އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިފަހަރުގެ މުބާރާތް ހާއްސަވާ ބައެއް މުހިންމު ސަބަބުތަކަކީ: މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 300,000 ރުފިޔާ ހުށަހަޅާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނަ ބޮޑު އަދަދެކެވެ. ރަނަރަޕް ޓީމަށް 100,000 ރުފިޔާ ލިބޭއިރު، މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ. މީގެ އިތުރުން ރަށުން ބޭރުން އަންނަ ޓީމުތަކަށް ކެނދިކުޅުދޫ އިން ދޭ މެހްމާންދާރީ އާއި ހުރުމުގެ އިންތިޒާމުތަކަކީ މި މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި ބާއްވާ މުބާރާތެއްގައި، ރާއްޖޭގެ އެއްވަނަ ޑިވިޝަންގެ ކްލަބަކުން ބައިވެރިވާ ފުރަތަމަ ފަހަރެވެ. ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން މި މުބާރާތުގައި ބައިވެރިވުމަކީ މުޅި އަތޮޅަށާއި މި މުބާރާތަށް ލިބުނު ބޮޑު ޝަރަފެކެވެ. މުބާރާތުގައި ޖުމްލަ 8 ޓީމު ވާދަކުރާއިރު، ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލެވިފައެވެ. ގްރޫޕް އޭ: ކެނދިކުޅުދޫ، މާޒިޔާ، އަލިފުށި، އަދި މަހިބަދޫ ޖިބިއްލީ (މިއީ އެންމެ ވަރުގަދަ ޓީމުތައް ހިމެނޭ "ގްރޫޕް އޮފް ޑެތް" އެވެ).ގްރޫޕް ބީ: ނައިފަރު ޗެލްސީ، މަނަދޫ، އަދި މާފަރު.ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭނެއެވެ. މި މުބާރާތަކީ ކެނދިކުޅުދޫގެ ފަޚުރެކެވެ. މީގެ ފަސް އަހަރު ކުރިން މުބާރާތް ބާއްވަން ފެށީއްސުރެ، މިހާތަނަށް އެއްވެސް ބަޔަކަށް ކެނދިކުޅުދޫގެ އަތުން ތަށި އަތުލައިގެން ރަށުން ބޭރަށް ގެންދެވިފައެއް ނުވެއެވެ. މި ރެކޯޑު ދިފާއުކުރުމުގެ ބޮޑު ޒިންމާ މިފަހަރު އޮތީ މުޅި ރަށް އެކަތިގަނޑަކަށް ވެގެން ނުކުންނަ ކެނދިކުޅުދޫ ސްޕޯޓްސް ކްލަބަށެވެ. މިފަހަރުގެ މުބާރާތުގައި ފެނިގެންދާ ވަރުގަދަ ޓީމުތައް ޖިބިއްލީ ސްޕޯޓްސް ކްލަބް (އދ. މަހިބަދޫ)މަހިބަދޫ ޖިބިއްލީ ސްޕޯޓްސް ކްލަބަކީ މިފަހަރުގެ މުބާރާތުގައި "ސްޓާ-ސްޓަޑަޑް" ނުވަތަ އެންމެ ގިނަ ތަރިން ހިމެނޭ ޓީމެވެ. ގައުމީ ޓީމުގެ 12 ކުޅުންތެރިން ހިމެނޭ މި ޓީމުގެ އެންމެ ކުރީގައި ތިބީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑުން ކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އެވެ. ޓީމުގެ ހިންގުމުގައި އަސަދުﷲ އަބްދުﷲ އިސްކޮށް ހަރަކާތްތެރިވާއިރު، އިރުޝާދު ދިނުމުގައި ހުންނާނީ މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހްމަދު ސުޒޭރު (ކޮއްކޮ) އެވެ. މިއީ ޖިބިއްލީ އިން ރަށުން ބޭރުގައި ކުޅޭ ފުރަތަމަ މުބާރާތް ކަމަށް ވިޔަސް، ތަޖުރިބާކާރު ކުޅުންތެރިންނާއެކު އެޓީމު ނުކުންނަނީ ތަށްޓަށް އަމާޒުކޮށްގެންނެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން (މާލެ)ދިވެހި ފުޓްބޯޅައިގެ ރަސްކަން ކުރަމުން އަންނަ މާޒިޔާ އިން މި މުބާރާތުގައި ބައިވެރިކޮށްފައިވަނީ އެ ކްލަބުގެ 23 އަހަރުން ދަށުގެ ޓީމެވެ. މި ޓީމަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު ކަމަށް ބެލެވޭ ހުނަރުވެރިންގެ މައްޗަށް އެކުލެވިގެންވާ ޓީމެކެވެ. މީގެ ތެރޭގައި ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ރަން ބޫޓް ހޯދި ކެޕްޓަން މުހައްމަދު އިލާން އިމްރާން އާއެކު ޖޫނިއާ ގައުމީ ޓީމުގެ 11 ކުޅުންތެރިޔަކު ހިމެނެއެވެ. އިބްރާހިމް ސައީދު (ކަކާ) ގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމަށް އިތުރު ބާރެއް ދިނުމަށް މާޒިޔާގެ ސީނިއާ ޓީމުގެ 5 ކުޅުންތެރިން ވެސް ޓީމާ ގުޅޭނެއެވެ. ނައިފަރު ޗެލްސީ (ޅ. ނައިފަރު)ނައިފަރު ޗެލްސީ އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. ވޭތުވެދިޔަ ދެ އަހަރުވެސް ފައިނަލްގައި ކުޅެ، ޕެނަލްޓީއަކުން ތަށި ގެއްލުމުގެ ހިތްދަތިކަން މިފަހަރު ފިލުވާލަން އެޓީމު ނުކުންނަނީ ވަރަށް ވަރުގަދަ އަޒުމެއްގައެވެ. އިސްމާއިލް އާސިފް (ކުޑަ ހީނާ) ގެ ކޯޗުކަމުގެ ދަށުން ނުކުންނަ މި ޓީމުގައި ނައިޖީރިއާ، ސިއެރަލިއޯން އަދި އުޒްބަކިސްތާނަށް ނިސްބަތްވާ 7 ބިދޭސީ ކުޅުންތެރިން ހިމެނެއެވެ. މީގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ޒުވާން ހުނަރުވެރިންނާއެކު ކޮންމެ މަގާމަކަށް ރަގަޅު ބެކަޕް ކުޅުންތެރިން މިފަހަރު ވަނީ ހިމަނާފައެވެ. އަލިފުށި ރެކްރިއޭޝަން ކްލަބް (ރ. އަލިފުށި)ގޯލްޑް ކަޕްގެ ސެމީ ފައިނަލުން ލިބުނު ބޮޑު ކާމިޔާބީއަށްފަހު އަލިފުށި ނުކުންނަނީ އަތޮޅުތެރޭގެ ފުޓްބޯޅައިގައި އެޓީމުގެ ނަން ރަން އަކުރުން ފަވާލުމަށެވެ. ގައުމީ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އާއި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ފާހަގަކޮށްލެވޭ ޒުވާން ކުޅުންތެރިންގެ އިތުރުން 5 ބިދޭސީ ކުޅުންތެރިން ޓީމުގައި ހިމެނެއެވެ. ކުރީގެ މަޝްހޫރު ފޯވާޑް އާދަމް އަބްދުއްލަތީފް (ލައްޗޭ) ގެ ކޯޗުކަމުގެ ދަށުން ކުޅޭ މި ޓީމުގެ އެންމެ ބޮޑު ބާރަކީ ކޮންމެ ތަނަކަށްވެސް ޓީމާއެކު ދަތުރުކުރާ އެރަށުގެ ފޯރިގަދަ ސަޕޯޓަރުންނެވެ. ކެނދިކުޅުދޫ ސްޕޯޓްސް ކްލަބް (ނ. ކެނދިކުޅުދޫ)މުބާރާތް ބާއްވާ ރަށުގެ ފަހުރު ދިފާއުކުރުމަށް ނުކުންނަނީ މުޅި ރަށް ޝާމިލުވާ ގޮތަށް އެކުލަވާލާފައިވާ ކެނދިކުޅުދޫ ސްޕޯޓްސް ކްލަބެވެ. މީގެ ކުރިން ބޭއްވި ހަތަރު މުބާރާތުގެ ތަށިވެސް ރަށުން ބޭރަށް ދިޔަނުދީ ހިފެހެއްޓި ރެކޯޑު ދެމެހެއްޓުމުގެ ބޮޑު ޒިންމާ އޮތީ މި ޓީމަށެވެ. ޓީމުގެ މެނޭޖަރު ވާސިފް އަހްމަދު ބުނާ ގޮތުގައި މިފަހަރުގެ ޓީމަކީ ދެ އަވަށުގެ ހުރިހާ ހުނަރުވެރިން ހިމެނޭ ވަރުގަދަ ޓީމެކެވެ. ރަށުގެ ކުޅުންތެރިންގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ މަޝްހޫރު ކުޅުންތެރިންނާއެކު އެޓީމުގެ ދިފާއީ ބާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. މަނަދޫ އަދި މާފަރުމި ދެ ޓީމަކީ ވެސް މުބާރާތުގައި ވާދަވެރި ކުޅުމެއް ދައްކާނެ ޓީމުތަކެވެ. ނ. އަތޮޅަށް ނިސްބަތްވާ މަނަދޫ ސްޕޯޓްސް ކްލަބާއި މާފަރު ފުޓްބޯލް ކްލަބް ނުކުންނަނީ އަތޮޅުގެ ފުޓްބޯޅަ ހުނަރު ދައްކާލުމަށެވެ. ޓީމުތަކަކީ ބޮޑެތި ޓީމުތަކަށް "ސަޕްރައިޒް" ދިނުމުގެ ގާބިލްކަން ހުރި، ހުނަރުވެރި ލޯކަލް ކުޅުންތެރިން ގިނަ ޓީމުތަކެކެވެ. މުބާރާތުގެ ހުރިހާ މެޗެއް ސަން ޕްލޭ މެދުވެރިކޮށް ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ފައިނަލް މެޗު އެސްއެސްޓީވީން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ