އުމެއިރަކީ އެމްޑީޕީގެ ވެރިކަމުގައި އަރުތަ ޕްރޮގްރާމުގައި ހިމެނިގެން ކުޅިވަރުގެ ކުރިމަގު ބިނާކުރަމުންގެންދިޔަ އެތުލީޓެއްކަމަށް ކުރީގެ ކުޅިވަރާއި ބެހޭ ވަޒީރު އަދި މިހާރު ޖަޕާނުގައި ހުންނަވާ ސަފީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
އަރުތަ ޕްރޮގްރާމަކީ އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ކުޅިވަރުގެ އައު ޖީލު ބިނާކުރުމަށް 2023 ވަނަ އަހަރު ސަރުކާރުން ފެށި ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ ދަށުން އެކި ކުޅިވަރުތަކުގެ ރާއްޖޭގެ ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދައި އެ ކުޅިވަރުގައި ކުރިއަށްދިޔުމަށް ފުރުސަތުތައް ވަނީ ފަހިކޮށްދީފައެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން، އުމައިރު މުހައްމަދު މުއިއްޒު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ނޮމިނޭޓު ވުމުން ބައެއް ފަރާތްތަކުން އެކަމާ ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތަކަށް އިޝާރަތްކުރައްވައި ކުރީގެ ކުޅިވަރާބެހޭ ވަޒީރު މަހްލޫފް ސޯޗަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އުމައިރު ނޮމިނޭޓްވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވެގެންކަމަށްބުނެ ދައްކަމުންގެންދާ ވާހަކަތަކުގައި އަސާސެއް ނެތްކަމަށެވެ.
މަހްލޫފް ވިދާޅުވީ އުމައިރު އަކީ މޮޅު ޓީޓީ ކުޅުންތެރިއެއް ކަމަށާއި، އެއީ ޓީޓީ އިން ރަން ވަނަތަކެއް ބައިނަލްއަގުވާމީ އަދި ޤައުމީ ފެންވަރުގައި ވެސް ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ. އުމައިރު މި އެވޯޑަށް ނޮމިނޭޓުވެފައިވަނީ އެންމެ ކުޑައިރުންފެށިގެން ކުރާ މަސައްކަތުން ކަމަށާއި، 2024 ވަނަ އަހަރު ހޯދި ކާމިޔާބީގެ ނަތީޖާގެ ސަބަބުން ކަމަށެވެ.
މަހުލޫފް އިތުރަށް ވިދާޅުވީ ހަގީގަތް ނުބަލާ ކުދިންގެ މިފަދަ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީކުރުން ހުއްޓާލަންޖެހޭކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑް އަށް އުމައިރު ނޮމިނޭޓްވެފައި ވަނީ، އަހަރުގެ ޒުވާން ކުޅުންތެރިޔާގެ ފިރިހެން ކެޓަގަރީއަށެވެ. ޖުމްލަ ފަސް ކުޅުންތެރެއިން ނޮމިނޭޓްވި މި ގެޓަގަރީއަށް އުމައިރު ނޮމިނޭޓްކޮށްފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ޓޭބަލްޓެނިސް ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މިއީ މިފަދަ އެވޯޑަކަށް ރާއްޖޭގެ ރައީސްއެއްގެ ބޭފުޅަކު ނޮމިނޭޓްވި ފުރަތަމަ ފަހަރެވެ.
އުމެއިރަކީ އެމްޑީޕީގެ ވެރިކަމުގައި އަރުތަ ޕްރޮގްރާމުގައި ހިމެނުނު އެތުލީޓެއް: މަހްލޫފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ