ޢަދުލުވެރިވެބަލަ! އަނބިމީހާގެ ސަމާލުކަން ކުޑަވެގެން ވަރިފަށަށް ކަންކަން ގެންދިއުމުގެ ކުރިން އަނބިމީހާއަށް ދޭންޖެހޭ ސަމާލުކަން ތިމާއަށް ދެވޭ މިންވަރާއިމެދު ވިސްނާނުލަނީ ކީއްވެތަ؟

ކައިވެނިކުރުމަށްފަހު އަނެކާއަށް ދޭންޖެހޭ ސަމާލުކަން ދެމީހުންވެސް ދޭންވާނެއެވެ. އެކަމަށް އެކަކުވެސް އިހުމާލުވެގެންނުވާނެއެވެ. ބައިވެރިޔާއަށް އަޅައިނުލުމާ އިހުމާލުވުމުގެ ޝަކުވާއަކީ އަބަދުހެން އެންމެ ގިނަ ބައަކުކުރާ އެއްޝަކުވާއެވެ. މިބުނަނީވެސް އެއިގެ ތެރެއިން ކަމެއްގެ ވާހަކައެވެ.  
އެއްދުވަހަކު ބައްދަލުވި ޒުވާން އަންހެނަކު ބުންޏެވެ. "ޝައިޚް އެވެ. އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑަކަށް ސަމާލުކަމެއް ނުދެއެވެ. ސަމާލުކަން ދެނީ ފޯނަށެވެ. އަޅުގަނޑުގެ ފިރިމީހާ މަސައްކަތުން އެނބުރި ގެއަށްވަނުމަށްފަހުގައިވެސް އަތުން ފޯނު ދޫކޮށެއް ނުލައެވެ. ކާން އިނަސް ކައިރީގައި ބާއްވައެވެ. ފާޚާނާއަށް ވަނަސް ފޯނު ގެންދެއެވެ. 
ގޭގައި އުޅޭއިރުވެސް ފިރިމީހާގެ ސަމާލުކަން ބޭނުންނަމަ ޖެހޭނީ ފޯނަށް ކޮންމެވެސް އެއްޗެއް ފޮނުވާށެވެ! ލޮލުން އަހުރެން ބަލައި އަހުރެންގެ ގައިގައި ބީހިލައި ވާހަކަދައްކަން އޭނާ ބޭނުމެއް ނުވެއެވެ."  
އޭނާގެ ވާހަކަތައް އަޑުއަހާފައި ކެތްތެރިވުމަށާއި ފިރިމީހާއަށް ރަނގަޅު ގޮތް ވިސްނައިދޭން މަސައްކަތްކުރަން ބުނީމެވެ.  
ދުވަސްކޮޅެއްފަހުން ގުޅާފައި ބުންޏެވެ. "ޝައިޚް އެވެ. މިއުޅެނީ ކަންތައް މާބޮޑަށް ގޯސްވެގެންނެވެ. ވަރިފަށަށް އަރައިގެންނެވެ. ފިރިމީހާ އިއްޔެ ގެއަށް އައުމުން އަޅުގަނޑު ސަމާލުކަން ނުދިނީއެވެ. ފޯނާކުޅެން އިނީއެވެ. އިރުކޮޅެއްވާއިރަށް ރުޅިއައިސްގެން އަޑުގަދަކުރަން ފެށުމުން ބުނީމެވެ. ބަލަ ކަލޭ ގެއަށްވަނުމަށްފަހުގައިވެސް ފޯނުން އަތްދޫކޮށްނުލައި އަހުރެންނަށް އެއްވެސް ސަމާލުކަމެއް ނުދީ އުޅޭތާ ކިތައް އަހަރުވެއްޖެ ހެއްޔެވެ؟ އެހެން ބުނުން މިވީ ވަރަށް ބޮޑު ކުށަކަށެވެ."  
އަނބިން ފިރިންނަށް ސަމާލުކަން ނުދޭން ބުނަނީއެއް ނޫނެވެ. ނަމަވެސް ފިރިންވެސް ވިސްނާލަންޖެހޭނެއެވެ. ތިމާއަށް އަނބިމީހާގެ ސަމާލުކަން ބޭނުންވާ ފަދައިން އަނބިންވެސް ފިރިމީހާގެ ސަމާލުކަމަށް ބޭނުންވާނެ ކަމެވެ. އެކަން ޤަބޫލުނުކުރެވޭނަމަ އެއީ އިންޞާފަކަށް ނުވާނެއެވެ.  
މިކިޔައިދިން ޙާދިސާއަށް ބަލާށެވެ. ފިރިމީހާ އެތައް އަހަރެއް ވަންދެން ކުރަމުން އައިކަމެއް، ބުނެބުނެވެސް އިޞްލާޙްނުކުރުމުން އަނބިމީހާ އެންމެ ދުވަހަކު ކުރުމުން ވަރިކުރުމުގެ ބާރު ފިރިހެނުންނަށް އޮންނާތީ ވަރިކުރުމުން އެކަން އެކުރެވުނީ އިންޞާފުންކަމަށްވާނެ ހެއްޔެވެ؟  
އުފާވެރިކަމާއިއެކު ޒަވާޖީ ޙަޔާތް ހޭދަކުރެވޭނީ މިފަދަ ކަންކަން އިޞްލާޙްކޮށް ދެމީހުންވެސް އަނެކާއަށް އަދާކުރަންޖެހޭ ޙައްޤުތައް ކުރުމުންނެވެ.
 
- މަޢުލޫމާތު މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ