ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ގެންގުޅޭ ތަސައްވުރު ކުރިއަށް ނުގެންދިއުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ބާރުއަޅުއްވައިފި އެވެ.
ހާރިޖީ ގޮތުން ނުހަނު މުހިންމު ޑިއޭގޯ ގާސިއާ ކޮންޓްރޯލް ދޫކޮށްލުމަކީ އިނގިރޭސިވިލާތް ފަދަ ގާތް އެކުވެރި ގައުމެއްގެ ފަރާތުން ފެނިގެންވާނެ ހުތުރު އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ޓްރަމްޕްގެ ޓްރޫތު ސޯޝަލްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައުމުތަކުގެ މެދުގައި ހިނގާ މިފަދަ މުހިންމު ކަންކަމުގައި "ކުއްޔަށް ދިނުމުގެ" އުސޫލަކީ އަމަލީ ގޮތުން ބަލާއިރު ރަނގަޅު ގޮތެއް ނޫން ކަމަށާއި، މި ނިންމުމުގެ ސަބަބުން މި މުހިންމު ރަށުގެ މައްޗަށް އޮތް ބާރު އިނގިރޭސިވިލާތަށް ގެއްލިގެންދާނެ ކަމަށް ބޮޑުވަޒީރު ކިއަރު ސްޓާމާއަށް ދަންނަވާފައިވާނެ ކަމަށެވެ.
މީގެ އިތުރުން، އިންޑިއާ ކަނޑުގައި ޑިއޭގޯ ގާސިއާ އޮތް ސަރަހައްދުގެ މުހިންމުކަން ފާހަގަކުރައްވައި، އީރާނާ އެކު ކުރެވޭ ހާރިޖީ މަޝްވަރާތައް ނާކާމިޔާބުވެއްޖެ ހާލަތެއްގައި މި އަސްކަރީ މަރުކަޒުގެ ބޭނުން ނުހަނު ބޮޑަށް ޖެހިދާނެ ކަމަށް ވެސް އޭނާ އިޝާރާތް ކުރެއްވި އެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ، ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް ފަހު، 99 އަހަރަށް ޑިއޭގޯ ގާސިއާ ކުއްޔަށް ހިފުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް އެމެރިކާ ސަރުކާރުން މި ހަފުތާގެ ކުރީކޮޅު ރަސްމީކޮށް ތާއީދުކޮށްފައި ވަނިކޮށެވެ.
އިނގިރޭސި ހާރިޖިއްޔާއިން ބުނާ ގޮތުގައި، މި އެއްބަސްވުމަކީ އިނގިރޭސިވިލާތާއި އެ ގައުމުގެ ބައިވެރިންގެ ސަލާމަތަށް ނުހަނު މުހިންމު ކަމެކެވެ. އަދި މިއީ އެ ސަރަހައްދުގައި އޮތް އަސްކަރީ މަރުކަޒުގެ މުސްތަގުބަލު ދިގު މުއްދަތަކަށް ކަށަވަރުކުރެވޭނެ ހަމައެކަނި މަގު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މި މައްސަލައިގައި ޓްރަމްޕްގެ ރޫހު މިފަހަރު ހުރީ ކުރިއާ ތަފާތު ގޮތަކަށެވެ. މީގެ ކުރިން އޭނާ ވަނީ މި އެއްބަސްވުމަކީ "ވަރަށް ބޮޑު މޮޔަކަމެއް" ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފަހުން ވިދާޅުވީ މިއީ ބޮޑުވަޒީރު ސްޓާމާއަށް ހެއްދެވޭނެ އެންމެ ރަނގަޅު އެއްބަސްވުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިނގިރޭސި ސިޔާސީ މަސްރަހު އަނެއްކާވެސް ހޫނުވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި އެއްބަސްވުން އުވާލުމަށް ގޮވާލަމުންނެވެ. އެމެރިކާ އާއި މޮރިޝަސްއާ ދެމެދު މިކަމާ ގުޅޭ މަޝްވަރާތައް އަންނަ ހަފުތާގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.
ޗާގޯސްގެ އެއްބަސްވުމަށް ފާޑުވިދާޅުވެ، ދޫނުކުރަން ޓްރަމްޕް އިނގިރޭސިވިލާތަށް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ