އެންއައިސީ ހިންގާނެ އޮފީސް އިމާރާތެއް ކުއްޔަށް ހޯދަނީ

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ހިންގާނެ އޮފީސް އިމާރާތެއް ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ. އެންއައިސީން އެދިގެން ކުރިއަށްގެންދާ މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިންނެވެ. މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދޭއްގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށެވެ. ރަމަޟާން މަހު ފައިސާ ބަލައިގަންނާނީ ހެނދުނު 9:30 އިން މެންދުރު 1:00 އަށެވެ. ފައިސާ ދައްކަންޖެހޭނީ ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް "ބަނޑޭރި ޕޭ" މެދުވެރިކޮށެވެ. ފައިސާ ދެއްކުމަށްފަހު، ރަޖިސްޓްރީވުމަށް ބޭނުންވާ މައުލޫމާތާއި ރަސީދުގެ ކޮޕީ އީމެއިލް މެދުވެރިކޮށް ފޮނުވަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 67،500 ރުފިޔާ ހުށަހަޅަންޖެހޭއިރު، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ޕްރީބިޑް ބައްދަލުވުން އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވަނީ 25 ފެބުރުވަރީ 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 26 ފެބުރުވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ކުރިން އީމެއިލް ކުރަންޖެހެއެވެ.ބީލަން ހުށަހެޅުން އޮންނާނީ 4 މާރިޗު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ބީލަން ޕޯޓަލް މެދުވެރިކޮށެވެ. ބިޑު ހުޅުވުން އޮންނާނީ ހަމަ އެދުވަހުގެ ހެނދުނު 11:00 ގައެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައިނުގަނެވޭނެ ކަމަށް ފިނޭންސުން މައުލޫމާތުދެއެވެ. މިވަގުތު އެ އޮފީސް ހިންގަމުން އަންނަނީ ސީ ޓްރެކްސް ބިލްޑިންގެ ހަތަރު ވަނަ ފްލޯގައެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަކީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމަށާއި، އެފަދަ އިދާރާތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ މައްސަލަތައް ބަލައި ތަޙގީގުކުރުމުގެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުމަށް ޓަކައި 2015ވަނަ އަހަރު އުފައްދާފައިވާ މުއައްސަސާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ