ހުޅުމާލެ މުނިސިޕަލް ހިދުމަތް: މޭޔަރާއި ކައުންސިލަރުންނާ ދެމެދު ބަހުގެ ހަމަލާތަކެއް!

ހުޅުމާލެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމުގައި ލަސްތަކެއް ކުރިމަތިވަމުންދާ މައްސަލައިގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އަދި އެ ކައުންސިލްގެ އެހެން ކައުންސިލަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ރައްދުވެއްޖެއެވެ.
ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހުޅުމާލެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ނުގެނެވި އޮތީ މާލެ ސިޓީ ކައުންސިލުން ބޭނުން ނުވެގެން ކަމަށެވެ.
އެގޮތުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމަށް ކެބިނެޓާއި ސަރުކާރުގެ ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކުން ތައްޔާރަށް ތިބި ކަމަށް ރަައީސް ވިދާޅުވިއެވެ. އަދި މާ ލަސްތަކެއް ނުވެ ކައުންސިލްގެ ނިންމުން ބަދަލުކޮށް އަލުން ހުޅުމާލެ މުނިސިޕަލް ހިދުމަތާ ހަވާލުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ހުޅުމާލެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމަށް އެމަނިކުފާނު ވެވަޑައިގެން ވައުދު ފުއްދަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު އާޒިމް ވިދާޅުވީ މުނިސިޕަލް ހިދުމަތްތަކާ މާލެ ސިޓީ ކައުންސިލުން ހަވާލުނުވެގެން އުޅޭ ކަމަށް ވިދާޅުވެ ރައީސް ޑރ. މުއިއްޒު ހެއްދެވީ "ކަނޑައެޅިގެން އިތުރުފުޅެއް" ކަމަށެވެ. އަދި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް އެކުލަވާލާފައިވާ ޓައިމްލައިނާ އެއްގޮތަށް އެ މަސައްކަތް ކުރުމަށް، ކަމާގުޅުންހުރި ފަރާތްތަކުން ބޭއްވި ކޮންމެ ބައްދަލުވުމެއްގައި މާލެ ސިޓީ ކައުންސިލުން ވަނީ ބައިވެރިވެ، އެ ކަން އަވަސްކޮށްދިނުމަށް ދެވެން ހުރި ހުރިހާ އެއްބާރުލުމެއްދީފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީއާއި އެޗްޑީސީން ވެސް ބޭނުންވަނީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިއަދާ ހަމަށްއަށް ވެސް އެ ކަމަށް އަމަލީ ސިފަ ނައިސްގެން އުޅެނީ ސީދާ ރައީސް މުއިއްޒު އެ ކަން ކުރައްވަން ބޭނުންފުޅު ނުވެގެން ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.
މޭޔަރު އާޒިމް މިފަދައިން ވިދާޅުވެފައިވީނަމަވެސް ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވީ މޭޔަރު އާޒިމް މިކަން "ވަރަށް ބޮޑަށް އޮޅުވާލައްވާތީ" ހިތާމަކުރައްވާ ކަމަށެވެ. ހުޅުމާލެ މުނިސިޕަލް ހިދުމަތްތަކާ ސިޓީ ކައުންސިލުން ހަވާލުވުމާމެދު ގޮތެއް ނިންމަން މޭޔަރު އާދަމް އާޒިމް ކައުންސިލުގައި ވޯޓެއް ނަންގަވާފައެއް ނެތް ކަމަށް އަރީޝް ވިދާޅުވިއެވެ.
އެގޮތުން ކައުންސިލުގެ ވޯޓަކަށް ނާއްސަވާ މޭޔަރު މިކަން ކުރައްވާނެ ގާނޫނީ ގޮތަކީ ކޮބައިކަމާއި ހުޅުމާލެ މުނިސޕަލް ހިދުމަތްތައް ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމުގައި މޭޔަރުގެ އިހްލާސްތެރި ނިޔަތެއް އޮތް ކަމާމެދު އަރީޝް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ހުޅުމާލޭ މުނިސިޕަލް ހިދުމަތްތަކާ ސިޓީ ކައުންސިލުން ހަވާލުވާން އަމަލީގޮތުން އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އެއީ ސިޔާސީ މަގްސަދެއް ހާސިލްކުރައްވަން މީޑިއާތަކަށް ދައްކަވާ ދަޅައެއް ކަމަށް އަރީޝް ވަނީ ވިދާޅުވެފައެވެ.
ހުޅުމާލެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވުމަށް މޭޔަރު އިޖާބަނުދެއްވިކަމަށް ސިޓީ ކައުންސިލުގައި ތިއްބެވި ހަގީގަތް ދަންނަ ހުރިހާ ބޭފުޅުން ހެކިވެވަޑައިގަންނަވާނެ ކަމަށް ވެސް އަރީޝްވަނީ ވިދާޅުވެފައެވެ.
މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރުން ކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ އިބްރާހިމް މުހައްމަދު އަދި ވިލިމާލެ ދާއިރާގެ ނަހުލާ އަލީ ވެސް ވަނީ މޭޔަރު ހައްދަވަނީ އިތުރުފުޅު ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ