ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 47 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. މިއީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ސަރުކާރުން ނިންމާފައިވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށެވެ. މިހާތަނަށް ހިއްކާ ނިމިފައިވާ 47 ހެކްޓަރާއެކު، މަޝްރޫޢުގެ ބޮޑު ބައެއް ވަނީ ނިމުމަކާ ގާތްވެފައެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެކި ފަހަރު މަތިން މި މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު، މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ވަނީ އަލުން ބާރުސްޕީޑުގައި ކުރިއަށް ގެންދަން ފަށާފައެވެ.
މި މަޝްރޫޢު ނިމުމުން، ހުޅުމާލޭގެ ބިމުގެ ޖާގަ އިތުރުވެ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި އެހެނިހެން އިޖުތިމާޢީ އަދި އިޤްތިޞާދީ ޚިދުމަތްތަކަށް ބޭނުންވާ ބިން ލިބިގެންދާނެއެވެ.
އެމްއޭސީއެލް އިން އަންނަނީ ބާކީ އޮތް ބައި ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހިން މިހާތަނަށް 47 ހެކްޓަރުގެ ބިން ހިއްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ