މިއީ އޭ ރިޕޯޓު ހޯދަން ބޭނުންވާ ސަރުކާރެއް: ޝިޔާމް

މިއީ އޭ ރިޕޯޓު ހޯދަން ބޭނުންވާ ސަރުކާރެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ހއ. މުރައިދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީގެ ކޮމެޓީގެ އިންތިހާބުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން މާލޭގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ލިބުނީ ބީ ރިޕޯޓެއް ކަމަށާއި ނަމަވެސް މި ސަރުކާރުން ބޭނުންވަނީ އޭ ރިޕޯޓެއް ކަމަށެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ އޭ ރިޕޯޓު،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ، އިންތިހާބު ނިމުމާއެކު ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތް ރައީސް ވަނީ ވަގުތުން ފައްޓަވާފައި ކަމަށާއި މިއީ ޑިމޮކްރަސީއެއްގައި ފެންނާނެ އެންމެ ރީތި މަންޒަރު ކަމަށެވެ. އަދި ކުރީގެ ސަރުކާރަށް ފާޑުވިދާޅުވަމުން ޝިޔާމް ވަނީ މިދިޔަ ސަރުކާރުގައި ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރިއިރުވެސް، މިނިސްޓަރުން ވަކިކޮށް ފިޔަވަޅު އަޅަން އޭރުގެ ރައީސަށް ކެރިވަޑައިނުގެންނެވި ކަމަށްވެސް ވިދާޅުވެފަ އެވެ.
"ބަލަދު އަޅާފައި ހުރީ. ވަތްގަނޑު ހުސް ކުރިއިރު ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ސަރުކާރަށް ހުރިހާ ވަޒީރުންގެ ބަލަދު އަރައިގެން ވެރިކަން ހިންގިތަން އަޅުގަނޑުމެން ދުށިން. މިހެނެއް ނޫންތޯ ވީ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި 70 ޕަސަންޓަށްވުރެ ގިނަ މީހުން ވޯޓުލާން ނުކުތުމުން އެ ނިޒާމަށް ރައްޔިތުންގެ އިތުބާރު އޮތްކަން ހާމަވާ ކަމަށެވެ. އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް އޮތް ނަމަވެސް، ކޯޓު ހުކުމަކާ ގުޅިގެން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލުމަކީ ދައުލަތުގެ ނިޒާމަށް އޮތް އިތުބާރު ބޮޑުވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ