ޑިޖިޓަލް އައިޑެންޓިޓީގެ ބިލަށް އާންމުންގެ ޚިޔާލު ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން ދިރާސާކުރަމުންދާ "ޑިޖިޓަލް އައިޑެންޓިޓީގެ ބިލު" އަށް އާންމުންގެ ޚިޔާލު ހޯދުމަށް މިއަދު ހުޅުވާލައިފިއެވެ.
އަލިފުށީ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާން ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަޤްސަދަކީ، ދައުލަތުގެ އިދާރާތަކާއި ޤާނޫނީ ޝަޙްސުތަކާއި އެ ނޫންވެސް ފަރާތްތަކާއެކު އޮންލައިންކޮށް ކުރާ މުޢާމަލާތުތަކުގައި، އައިޑެންޓިޓީ ކަށަވަރު ކުރުމަށް ބޭނުންކުރާ މަޢުލޫމާތުގެ ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތަކަށް ނިޒާމު ފަރުމާކުރުމެވެ. ބިލު ހުށަހަޅުއްވަމުން ޢަބްދުއްލަޠީފް ވިދާޅުވީ، މި ނިޒާމުގެ ރައްކާތެރިކަމާއި އިތުބާރު ދެމެހެއްޓުމަކީ މި ބިލުގެ އެންމެ މުހިންމު އެއް ބޭނުން ކަމަށެވެ.
އެގޮތުން، މި ބިލަށް ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 03 އޮގަސްޓު 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެ ކޮމިޓީގެ އީމެއިލް އެޑްރެސް ([email protected]) އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް އެ އިޢުލާނުގައި ވަނީ އެދިފައެވެ.
މިއީ ބިލު އިތުރަށް ފުރިހަމަކުރުމަށްޓަކައި، ކަމާބެހޭ ފަރާތްތަކާއި އާންމުންގެ ބައިވެރިވުން ހޯދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ