ފުލެޓް ލިބިފައިވާކަމަށް ބުނެ އޯޓީޕީ ހޯދައިގެން 5 ލައްކަ ރުފިޔާ ފޭރިގެންފި

ފުލެޓް ލިބިފައިވާކަމަށް ބުނެ ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ހޯދައިގެން 500،000 ރުފިޔާ މަކަރާއި ހީލަތުން ބަޔަކު ފޭރިގަނެފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފްލެޓް ލިބިފައިވާކަމަށް ބުނެ މިއަދު އެކަނިވެސް ފަސް ލައްކަ ރުފިޔާ މަކަރާ ހީލަތުން ބަޔަކު ވަނިީ ހޯދާފައި ކަމަށެވެ. އަދި ފުލެޓް ކަށަވަރު ކުރުމަށް އެއްވެސް އިދާރާއަކުން އޯޓީޕީ އެއް ނުފޮނުވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެހެންކަމުން ބުރަ މަސައްކަތުން ހޯދާ ފައިސާ އަށް ރައްކާތެރިވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ޑިސެންބަރު މަހުގެ ފަހުކޮޅުން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް ސްކޭމްކޮށްގެން 27 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ. އަދި އޭގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 1 މިލިއަން ރުފިޔާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުންގެ ރިކޯޑްތައް ދައްކާގޮތުން މިކަހަލަ މައްސަލަތަކުގެ ރެކޯޑު ބަލަހައްޓަން ފެށުނީއްސުރެ މިހާތަނަށް ގާތްގަނޑަކަށް 57 މިލިއަން ރުފިޔާ ރައްޔިތުންގެ އަތުން ގެއްލިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ބުނެފަ އެވެ. އެގޮތުން ސްކޭމް މައްސަލަތައް ގޮތުގައި 28،003 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ބޮޑެތި އަދަދުތަކުން ރައްޔިތުންގެ އަތުން ފައިސާ ގެއްލިގެން ދިޔުމަކީ ނުހަނު ގިނަ ގަންބޮޑުވުންތައް ހުރި ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މިފަދަ ކަންކަމަށް މިހާރަށްވުރެ ވެސް ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ