މުއިއްޒު ހޮވަން ފާތުން ''ހަބޭހަށް'' ކެމްޕޭނުކުރި، 3 މިލިއަން ހަރަދުކުރި: ޔާމީން

ރައީސް ކަމަށް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ގެންނަން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން) ''ހަބޭހަށް'' ކެމްޕޭނު ކުރެއްވި ކަމަށާއި، ފައިސާގެ ގޮތުގައި ތިން މިލިއަން ރުފިޔާ ހޭދަކުރެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެއެވެ.
ހައި ކޯޓުން އެމަނިކުފާނުގެ މިނިވަންވެ ވަޑައިގެންގެން ރޭ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އޮފީހުގައި ޔާމީން ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ބޭނުންވާ ސުވާލުކުރުމުގެ ފުރުސަތު ދީފައެވެ. ސަޕޯޓަރަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ޔާމީން ވިދާޅުވީ މުއިއްޒަށް ކެމްޕޭނު ކޮށްދޭން ފާތުމަ ކުރެއްވި އެއްވެސް މަސައްކަތެއް މިއަދު ޕީއެންސީ/ޕީޕީއެމް ބޭފުޅުންނަށް ފެނިވަޑައިނުގަންނަ ކަމަށެވެ.
''ފެނުނު ކަމަކަށް ނުވި، މުއިއްޒު އެތައް ފަހަރަކު ވިދާޅުވީ މެޑަމްއޭ ތިމަންނައާ އެކީ ޓީވީއަށް އަރާށޭ، ދެން މެޑަމް އެކަން ކުރައްވަން ބޭނުންނުވީ، އެކަމަކު މެޑަމް ނިކުމެ އަމަލީ މަސައްކަތް ކުރި ދެއްތޯ، ހަމަ ހަބޭހަށް'' ޔާމިން ވިދާޅުވީ އެމަނިކުފާނު އަނބިކަނބަލުން އަމިއްލަ ފައިސާއިން ހަރަދުވެސް ކުރެއްވި ކަމަށެވެ.
''މެޑަމްގެ ޕާސަނަލް އެކައުންޓުން ފައިސާވެސް ހަރަދުކުރި އެއީ ދިމްޔާތުން ލިބުނު ލާރިއެއް ނޫން، މެޑަމް ޖަލަށް ދިޔަ ދުވަހެއްގައި އަޅުގަނޑު މެޑަމް އަރިހު ދެންނެވިން މެޑަމްއޭ މެޑަމްގެ އެކައުންޓުން ތިން މިލިއަން ރުފިޔާ ނަގާށޭ، އަޅުގަނޑު ވީއްލުނުހާ އަވަހަށް ރީމްބާސް ކޮށްދޭނަމޭ، މިއީ އެކަމުގެ ހަގީގަތް''' އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީން އެހެން ވިދާޅުވެފައި މިވަނީ ޕީއެންސީ/ޕީޕީއެމް އިން ބޭއްވި ޕެނަލް ޑިސްކަޝަންގައި މި ސަރުކާރުގެ އިސް ވަޒީރު އަބްދުއްރަހީމް ވިދާވި ވާހަކައަށް ރައްދު ދެއްވަމުންނެވެ. އެ ޕެނަލް ޑިސްކަޝަންގައި އަބްދުއްރަހީމް ވަނީ ޔާމީން މިނިވަންކުރަން ގޮވާލާ ބޭއްވި މުޒާހަރާތަކުގައި ފާތުމާ އާއި ދަރިކަލުން ޒޭން ޔާމީން ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ