ގުނަވަން ބަދަކުރަން އެކުލަވާލަންޖެހޭ ގާނޫނުގެ ޑްރާފްޓް ނިމިއްޖެ: ނާޒިމް
ކިޑްނީ ޓްރާންސްޕްލާންޓް ކުރުމާއި އެ ނޫންވެސް ގުނަވަންތައް ބަދަލުކުރުމަށް އެކުލަވާލަންޖެހޭ ގާނޫނުގެ ފުރަތަމަ ޑްރާފްޓް މިހާރު ނިމިފައި ވާކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ. 'އެސްއެސް ޓީވީ'ގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ރާއްޖޭގައި ސިއްހީ ނިޒާމު ތަރައްގީކުރުން ދެވަނަ މަރުހަލާއަކަށް ގެންދަން ޖެހޭ ކަމަށެވެ. އެގޮތުން ކިޑްނީ ޓްރާންސްޕްލާންޓު ކުރުންފަދަ ޚިދުމަތްތައް ރާއްޖޭގައި ދެވޭނެ ފެންވަރަށް ރާއްޖޭގެ އޮޕަރޭޝަން ތިއޭޓަރުތަކުގެ ފެންވަރު ރަނގަޅުކުރަން ޖެހޭކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، ނާޒިމް ވިދާޅުވީ ގުނަވަން ޓްރާންސްޕްލާންޓު ކުރުންމުގެ ޚިދުމަތް ރާއްޖޭގައި ދިނުމަށް ބޭނުންވާ ލީގަލް ފްރޭމްވޯކް ނުވަތަ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް އެކުލަވާލަންޖެހޭ ގާނޫނުގެ ފުރަތަމަ ޑަރާފްޓް މިހާރު އެކުލަވައިލާފައި ވާކަމަށެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތަކީ މި ބިލް މަޖިލީހަށް ފޮނުވުމުގެ ކުރިން، އެއަށް އިތުރުކުރަންޖެހޭ ބައެއް ނުވަތަ ލަފައެއް އޮތްތޯ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. "ދުނިޔޭގެ އެކްސްޕާޓުންނާއި ދިވެހި ރާއްޖޭގެ ހެލްތް ޕްރޮފެޝަނަލުންގެ ލަފަޔާއި އިރުޝާދުގެ ދަށުން އެ ގާނޫނު މިހާރު އެކުލަވާލެވި، ފުރަތަމަ ޑްރާފްޓް ތައްޔާރުކުރެވި އަދި އިތުރަށް މަޝްވަރާކުރަންޖެހޭ ފަރާތްތަކާ އަޅުގަނޑުމެން މިދަނީ މަޝްވަރާކުރަމުން. މަޝްވަރާތައް ނިމުމާއެކު އަޅުގަނޑުމެން މަޖިލީހަށް ބިލް ފޮނުވާނަން." މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ. ޑްރާފްޓު ކުރެވުނު ގާނޫނު މަޖިލީހަށް ފޮނުވައި ފާސްކުރުމާއެކު ގާނޫނީ އިޖުރާއަތްތައް ތަރުތީބު ކުރެވި، އެ ޚިދުމަތް ރާއްޖޭގައި ދޭން ފެށޭނެ ކަމަށް މިނިސްޓަރު ނާޒިމް ވަނީ ވިދާޅުވެފައެވެ. ކިޑްނީ ނުވަތަ އެ ނޫންވެސް ގުނަވަންތައް ބަދަލުކުރުމުގެ ހުއްދަ ރާއްޖޭގެ އެއްވެސް ހޮސްޕިޓަލަކަށް މިހާތަނަށް ދީފައެއް ނުވެއެވެ. ނަމަވެސް ރާއްޖޭގައި ސިއްހީ ފަރުވާ ދެމުންގެންދާ ބައެއް އަމިއްލަ ހޮސްޕިޓަލުތަކުގައި ކިޑްނީގެ އިތުރުން އެ ނޫންވެސް ގުނަވަންތައް ބަދަލުކުރެވޭނޭފަދަ ވަސީލަތްތައް ގާއިމްކޮށްފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ