ލިވަޕޫލްގައި އިތުރު 2 އަހަރު މަޑުކުރަން ވެން ޑައިކް ސޮއިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް އެ ޓީމުގައި އިތުރު ދެ އަހަރު މަޑުކުރަން ނިންމައި، އެއްބަސްވުން އާކޮށްފިއެވެ. އުމުރުން 33 އަހަރުގެ ވެން ޑައިކް ލިވަޕޫލާ އެކު ކުރިން ހަދާފައިވާ އެއްބަސްވުން މި ފަހަރުގެ ސީޒަނާ އެކު ހަމަވާނެއެވެ. މިކަމުގެ ސަބަބުން މިހާތަނަށް ވެން ޑައިކް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނެތުމުން އޭނާ ފަހަރެއްގައި ކްލަބް ދޫކޮށް ދިއުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް ޚަބަރު ފެތުރުނެވެ. ނަމަވެސް، އާ އެއްބަސްވުމާ އެކު އެ ހުރިހާ ކަމަކަށް ޖަވާބުލިބި ވެން ޑައިކް ލިވަޕޫލާ އެކު ހުރިކަން މިވަނީ ސާބިތުވެފައެވެ. އާ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ވާހަކަދައްކަމުން ވެން ޑައިކް ބުނީ، އޭނާ އެއްވެސް އިރެއްގައި އެހެން ކްލަބަކާ ދޭތެރޭ ނުވިސްނާ ކަމަށެވެ. އޭނާގެ ބޮލުގައި އަބަދު ވެސް އޮތީ ލިވަޕޫލް ކަމަށާއި އަދި އޭނާގެ ހުރިހާ ޕްލޭނެއްގައި ވެސް އޮތީ ލިވަޕޫލް ކަމަށް ބުންޏެވެ. ލިވަޕޫލަށް މިހާތަނަށް 314 މެޗު ކުޅެދީފައިވާ ވން ޑައިކް އަންނަނީ 2023 ވަނަ އަހަރު އޭރުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ކްލަބް ދޫކޮށްދިޔަ ފަހުން އެ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުންނެވެ. މިހާރު ފެންނަ ފެނުމުގައި ޕްރިމިއާ ލީގުގެ ތަށި މި ފަހަރު އުފުލާލުމުގެ ޝަރަފު ވެން ޑައިކަށް ލިބޭނެކަން ގާތްގަނޑަކަށް ވަނީ ޔަގީންވެފައެވެ. ވެން ޑައިކް ބުނީ، އޭނާގެ ކެރިއަރުގައި ލިވަޕޫލްގައި ހޭދަކުރި ދުވަސްތަކަށް ފަހު އިތުރު ދެ އަހަރު އެ ކްލަބްގައި މަޑުކުރެވޭގޮތްވުމުން އޭނާ ވަރަށް އުފާކުރާ ކަމަށެވެ. އޭނާއާއި އޭނާގެ އާއިލާއިން ވެސް ބޭނުންވަނީ ލިވަޕޫލްގައި މަޑުކުރަން ކަމަށް ވެން ޑައިކް ހާމަކުރިއެވެ. ވެން ޑައިކް ލިވަޕޫލާ ގުޅުނީ 2018 ވަނަ އަހަރު ސައުތެމްޕްޓަންއިން 75 މިލިއަން ޕައުންޑްގެ އަގަކަށެވެ. މިހާތަނަށް އޭނާ ލިވަޕޫލްގައި ހޭދަކުރި މުއްދަތުގައި އޭނާވަނީ އެ ޓީމަށް ޕްރިމިއާ ލީގު، ޔުއޭފާ ޗެމްޕިއަންސް ލީގު، އެފްއޭ ކަޕް، ކްލަބް ވޯލްޑް ކަޕް އަދި ކަރަބާއޯ ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ލިވަޕޫލުން މިދިޔަ ހަފުތާގައިވަނީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ މުހައްމަދު ސަލާހާ އެކު ވެސް އާ އެއްބަސްވުމަކަށް އައިސްފައެވެ. އެހެންކަމުން އެ ޓީމާ އެކު އެއްބަސްވުން ހަދާފައިވާ ކުޅުންތެރިންގެ ތެރެއިން މި ސީޒަނާ އެކު އެއްބަސްވުން ހަމަވާން އޮތް ތިން ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިން މިހާރު މިވަނީ ކްލަބްގައި މަޑުކުރަން ނިންމިކަން ހާމަވެފައެވެ. ނަމަވެސް، ތިންވަނަ ކުޅުންތެރިޔާ ކަމަށްޗާ ޓްރެންޓް އެލެގްޒެންޑަ އާނޯލްޑްގެ ވިސްނުން ހުރީ މި ސީޒަނަށް ފަހު ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑާ ގުޅެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ