ދުނިޔޭގެ ގިނަ ގައުމުތަކޭ އެއްގޮތަށް ރާއްޖެއަކީ ވެސް އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެކެވެ. ހުރިހާ މުދަލެއްހެން ގެންނަނީ ބޭރު ގައުމުތަކުންނެވެ. ބައިނަލްއަގުވާމީ ވިޔަފާރި ކުރުމަށާއި މުދާ ރާއްޖެއަށް ގެނައުމަށް ބޭނުންވާ އެމެރިކާ ޑޮލަރަކީ ރާއްޖޭގައި ޗާޕު ކުރާ ފައިސާއެއް ނޫނެވެ.
އެމެރިކާ ޑޮލަރު ރާއްޖެއަށް ވަންނަނީ އެކްސްޕޯޓުތަކުންނާއި އަހަރަކު ޒިޔާރަތް ކުރާ ގާތްގަނޑަކަށް ދެ މިލިއަން ފަތުރުވެރިން މެދުވެރިކޮށެވެ. ރާއްޖޭގެ އެކްސްޕޯޓުތަކުން އެކަށީގެންވާ ވަރަކަށް ގައުމަށް ޑޮލަރެއް ނުވަދެ އެވެ. ގިނަ ޑޮލަރު ވަންނަނީ ޓޫރިސްޓު ހިދުމަތް ދޭ ތަންތަނަށެވެ.
މި ފެށެނީ ޓޫރިޒަމްގެ އޮފް ސީޒަނެވެ. އަބަދުވެސް ޑޮލަރުގެ ތާށިކަން އޮންނަ މި ގައުމުގައި ޓޫރިޒަމްގެ އޮފް ސީޒަން އަބަދުވެސް ވެފައިވަނީ އިމްޕޯޓަށް ޑޮލަރު ހޯދާ ވިޔަފާރިތަކަށް ދަތި ދުވަސްވަރަކަށެވެ. ރަސްމީ ރޭޓެއް އޮތް ނަމަވެސް ދުވަހަކު ވެސް އެ ރޭޓުގައި ޑޮލަރު ނުލިބޭތީ ވިޔަފާރިތަކުން ޑޮލަރު ގަންނަނީ ކަޅު ބާޒާރުންނެވެ.
މައްޗަށް ނުދާނެ ކަމަށް ރައީސް ވިދާޅުވި ޑޮލަރު ރޭޓު 19.30ރ. އަށް އަރައިފި އެވެ. ރަސްމީ ޑޮލަރު ރޭޓަކީ 15.42 ރ. އެވެ. އެހެން ކަމުން މި ވަގުތު ކަޅު ބާޒާރުގައި ޑޮލަރެއް ވިއްކަމުން ދަނީ ރަސްމީ ރޭޓަށް ވުރެ 3.88ރ. ބޮޑުކޮށެވެ. އެ އަގުގައި ވެސް ޑޮލަރު ލިބުން މިހާރު ދަތިވެއްޖެ އެވެ.
ޑޮލަރު ތަދުވެ، ވިޔަފާރިތަކަށް ހުރަސްތަކާ ކުރިމަތިވެފައި މިވަނީ ރާއްޖެއިން ބޭރުން މުދާ ގަންނަން ކުރާ ޓީޓީއަށް ބޭންކުތަކުން ދެމުންދިޔަ ޑޮލަރު ސަޕޯޓު ފަސް ޕަސެންޓަށް ދަށްކޮށްފައި ވަނިކޮށެވެ. ޑޮލަރުގެ ސަޕޯޓު ކުޑަކުރުމާ ގުޅޭ ގޮތުން ބޭންކުތަކުން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައި ނުވެ އެވެ.
ޑޮލަރު ސަޕޯޓުގެ ގޮތުގައި ވިޔަފާރިތަކަށް ދޭ ފައިސާގެ އިންސައްތަ ކަނޑައެޅުމުގެ ބާރު އޮންނަނީ ބޭންކުތަކަށެވެ. ބޭންކުތަކުން މި އިންސައްތަ ކަނޑައަޅަނީ ބޭންކުތަކަށް ލިބޭ ޑޮލަރުގެ އަދަދަށާއި އެކްސްޗޭންޖު ރޭޓު ހިފަހައްޓަން އެމްއެމްއޭއިން ބޭންކުތަކަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރަަށް ބިނާކޮށެވެ.
ޑޮލަރުގެ އަގު އުފުލި، ބޭންކުތަކުން ޑޮލަރު ސަޕޯޓަށް ދޭ ޕަސެންޓު ދައްކޮށްފައި މި ވަނީ ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ 90 ޕަސެންޓު އެމްއެމްއޭއަށް ނަގަން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. ކުރިން އެމްއެމްއޭއަށް މާރުކުރަން ޖެހެނީ ކޮންމެ ހަފުތާއަކު މާރުކުރާ ފައިސާގެ 60 ޕަސެންޓެވެ.
އެމްއެމްއޭއަށް ނަގާ ޑޮލަރުގެ ޕަސެންޓަށް ގެނައި ބަދަލާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާނެއްގައި އެ އޮތޯރިޓީން ބުނީ އެއީ ބޭންކުތަކަށް ފޯރުކޮށްދޭ ޑޮލަރުގެ ކަންކަން ހަރުދަނާ ކުރުމަށް ގެނައި ބަދަލެއް ކަމަށެވެ. މި ބަދަލަށް މި މަހު އެކަކުން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ.
ރާއްޖެ އަށް މުދާ އެތެރެކުރާ ބޮޑެތި ބައެއް ކުންފުނިތަކުން ބުނީ އެ ކުންފުނިތަކަށް ބޭނުން ދޭ ޑޮލަރު ސަޕޯޓު ވެސް ދަށްކުރުމުން ކަޅު ބާޒާރަށް ގޮސް ޑޮލަރު ގަންނަން އިންތިހާއަށް ދަތިތައް އެބަހުރި ކަމަށެވެ. މީގެ ސަބަބުން މުދާ ގަންނަން ކުރަން ޖެހޭ ހަރަދު ބޮޑުވެ، މުދާ ވިއްކާ އަގު އުފުލުމުގެ ފުރުސަތު އެބައޮތެވެ.
"އަހަރެމެންނަށް ކޮންމެ މަހަކު 1.5 މިލިއަން ޑޮލަރު އެބަ ބޭނުންވޭ. އެކަމަކު ކޮންތާކުންތޯ ހޯދޭނީ. ބޭންކަކުން ދެނީއެއް ނޫން. ކަޅު ބާޒާރުން ވެސް ލިބެނީއެއް ނޫން،" ރާއްޖޭގައި ހޯލްސޭލް ވިޔަފާރިކުރާ ބޮޑު ކުންފުންޏެއްގެ ވެރިޔަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނިން މުދާ އެތެރެކުރަނީ ކޮންމެ އަހަރަކު ވެސް އެތެރެކުރާނެ ކޮންޓެއިނަރު އަދަދު މުދާ ފޮނުވާ ނުވަތަ މުދާ އުފައްދާ ކުންފުންޏަށް ދީގެން ކަމަށެވެ. އެ ކުންފުނިތަކުން މުދާ ފޮނުވާއިރު، ކަނޑައަޅާފައިވާ މުއްދަތަށް ފައިސާ ދެއްކުމަށް މިހާރު ދަތިތައް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިގޮތަށް ގިނަ ދުވަސްތަކެއް ވާނަ. އަޅުގަނޑުމެންނާމެދު ބޭރު ކުންފުނިތަކުގެ އިތުބާރު ގެއްލި، އަދި ފައިސާ ވެސް ނުދެއްކި ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ. ބައެއް މުދާ އެތެރެ ކުރުން ހުއްޓުމަކާ ހަމައަށް ދިޔުން ގާތް،" އޭނާ ވިދާޅުވި އެވެ.
އެހެން ހޯލްސޭލަރަކު ބުނީ އެ ކުންފުންޏަކަށް އެތެރެކުރާ މުދަލަށް ކޮންމެ ހަފުތާއަކު މަދުވެގެން 200،000 ޑޮލަރު ބޭނުންވާ ކަމަށެވެ.
"ނަމަވެސް، މިއުޅެނީ 19.30ރ އަށް ވެސް ޑޮލަރު ނުލިބިގެން. މި ހަފުތާގައި ވެސް ލިބުނީ މިހާތަނަށް 30،000 ޑޮލަރު،" އަންގާރަ ދުވަހު އޭނާ ބުންޏެވެ.
ރާއްޖެއަށް މެރިން އިކިއުޕްމެންޓް އެތެރެކުރާ ކުންފުންޏަކުން ބުނީ ޑޮލަރު ނުލިބޭ ވާހަކަ ބޭރުގެ ކުންފުނިތަކުން ގަބޫލުކުރަން ދަތިކަމަށެވެ.
"އެއީ އެހެން ގައުމެއްގައި އާންމުކޮށް ދިމާވާ ކަމެއް ނޫން. އެ މީހުންނަށް އެބަ އެނގޭ ރާއްޖެ އަށް ޑޮލަރު ވަންނަކަން. ނަމަވެސް އަޅުގަނޑުމެންނަށް ޑޮލަރު ނުލިބިގެން ޕޭމެންޓު ހެދެން ދަތިވާހަކަ ބުންޏަށް އެ މީހުން ގަބޫލެއް ނުކުރޭ،" އޭނާ ބުންޏެވެ.
މި މައްސަލަ ތަކުރާރުވަމުންދާނަމަ ދިވެހި ވިޔަފާރިތަކާމެދު ބޭރުގެ ކުންފުނިތަކުގެ އިތުބާރު ގެއްލި، މި ސަރަހައްދުގައި ވެސް މުދާ ވިއްކުމަށް ދީފައިވާ ލައިސަންސް އަތުލަ ފާނެ ކަމުގެ ބިރު އޮތް ކަމަށް، އަދަދު ނޫހާ ވާހަކަ ދެއްކި ކުންފުނީގެ އެއް ޑިރެކްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދުނިޔެމަތީގެ ސުވަރުގެއޭ ކިޔާފައި އިސްތިހާރު މިކުރާއިރު، ވިޔަފާރިވެރިން މިއުޅެނީ ޑޮލަރު ނުލިބިގެން މުދާ ނުގެނެވިގެން. ބޭރު ފަރާތްތަކުގެ ކުރިމަތީގައި އަގު ވެއްޓެމުން މިދަނީ. މިއީ ދިވެހިރާއްޖޭގެ ބްރޭންޑަށް ވެސް ގެއްލުމެއް،" އޭނާ ވިދާޅުވި އެވެ.
ޑޮލަރުގެ އަގު އަނެއްކާ ވެސް އުފުލެމުން އަންނަ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ސަރުކާރުން ތަންފީޒުކުރަމުންދާ ފިޔަވަޅުތަކާއެކީ ރަސްމީ ރޭޓުގައި ޑޮލަރު ލިބެން ފަށާނީ 2027 ގައި ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވާން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބަ އޮތް ޑޮލަރު މައްސަލަ ހައްލުވާނެކަން. އެއްކޮށް ރަނގަޅުވާނެ. އެކަމަކު ބައިވަރު ފިޔަވަޅުތަކެއް އެބަހުރި. މިހާރު އަޅުގަނޑުމެން މި ބަލަނީ 2027 ވަނަ އަހަރުގެ ނިޔަލަށް އަސްލު ޑޮލަރު ރޭޓުގައި ޑޮލަރު ލިބޭނެ ކަމަށް" އެޕްރީލް 23، 2025 ގައި ރައީސް ވިދާޅުވި އެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރަން ދެ އަހަރަށް ވުރެ ގިނަ ދުވަސް ވާނެ ކަމަށް ރައީސް ވިދާޅުވިއިރު، ކުރިން ރައީސް އާއި ސަރުކާރުގެ އިސްވެރިން ވިދާޅުވަމުން ގެންދެވީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ފެށުމުން ޑޮލަރުގެ ކަޅު ބާޒާރުގައި އަގުތައް ތިރިކުރެވޭނެ ކަމަށެވެ.
ގާނޫނުތައް ބަދަލުކޮށް، ޑޮލަރު މާރުކުރަން މަޖުބޫރުކުރި ފަހުން، 210 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އެކަމަކު، ޑޮލަރު ހޯދަން އާންމުންނާއި ވިޔަފާރިތަކުން ބަރޯސާވާން މަޖުބޫރުވެފައިވާ ކަޅު ބާޒާރުގެ އަގުތަކަށް މީގެ ސަބަބުން އެއްވެސް ބަދަލެއް ނާދެ އެވެ.
ޑޮލަރުގެ ވިއްކުމުގެ ހަރަކާތްތެރިވާ ބައެއް މީހުން ބުނި ގޮތުގައި، ޑޮލަރުގެ އަގު އުފުލެމުން ދަނީ ޓޫރިޒަމްގެ ލޯ ސީޒަނާ ދިމާވުމުންނެވެ. އެ ގޮތުން މި ދުވަސްކޮޅު ޑޮލަރު ލިބޭ މިންވަރު، އެހެން އަހަރުތަކުގެ މި ދުވަސްވަރެކޭ އެއް ފަދައިން، ވަރަށް މަދު ކަމަށް އެ މީހުން މައުލޫމާތު ދީފައިވެ އެވެ
ޑޮލަރުގެ ތާށިކަން ބޮޑުވެ ވިޔަފާރިތައް ހުއްޓުމަކަށް ހިނގައިދާނެކަމުގެ ބިރު! ޑޮލަރުގެ ތާށިކަން ބޮޑުވެ ވިޔަފާރިތައް ހުއްޓުމަކަށް ހިނގައިދާނެކަމުގެ ބިރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ