30 ދުވަހުގެ ސީސްފަޔާ އަށް ޔޫކްރޭން އެއްބަސްވެ، ދެމެހެއްޓެނިވި ސުލްހައަކަށް މަސައްކަތް ފަށައިފި

ވަގުތީގޮތުން 30 ދުވަހަށް ހަނގުރާމަ ހުއްޓުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުން ޔޫކްރެއިން ގަބޫލުކޮށް، ދެމެހެއްޓެނިވި ސުލްހައެއް ގާއިމްކުރުމަށް މަސައްކަތް ފަށަން ނިންމާފި އެވެ. އެމެރިކާ އަދި ޔޫކްރެއިންގެ ވަފުދުތަކުން ސައޫދީ އަރަބިޔާގެ ޖިއްދާގައި ބޭއްވި ބައްދަލުވުމަކަށްފަހު ނެރުނު ބަޔާނެއްގައި މިކަން ހާމަކޮށްފައިވެ އެވެ.
އަންގާރަ ދުވަހު، ޔޫކްރެއިން އަދި އެމެރިކާއިން  "ޔުކްރެއިންއަށް ދެމެހެއްޓެނިވި ސުލްހައެއް ގެނައުމަށް މުހިންމު ފިޔަވަޅުތަކެއް" އަޅާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ޔުކްރެއިން ވަނީ އެމެރިކާއިން ހުށަހެޅި ވަގުތީ 30 ދުވަހުގެ ސީސްފަޔާ އެއްބަސްވުމަށް ތައްޔާރަށް ހުރިކަން ފާޅުކޮށްފަ. މި ސީސްފަޔާގެ މުއްދަތު ދެފަރާތުގެ އެއްބަސްވުމަކުން ދިގުކުރެވިދާނެ. އަދި މިއީ ރަޝިޔާއިން ބަލައިގަނެ، އެއާ އެއްގޮތަށް އަމަލުކުރުމަށް ބާރުއަޅާފައިވާ ކަމެއް. ސުލްހަ ހޯދުމަށް ރަޝިޔާގެ އެއްބާރުލުމަކީ މުހިންމު ކަމެއްކަން އެމެރިކާއިން ރަޝިޔާއަށް އަންގާނެ."
އެމެރިކާއިން "ވަގުތުން އިންޓެލިޖެންސް ހިއްސާކުރުން ހުއްޓާލާފައިވާ ހުއްޓާލުން ނިންމާލައި، ޔޫކްރެއިންއަށް ސަލާމަތީ އެހީތެރިކަން އަލުން ފޯރުކޮށްދޭނެ" ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ދެ ވަފުދުން އެއްބަސްވެފައިވަނީ "ޔޫކްރެއިންގެ ދިގު މުއްދަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދެމެހެއްޓެނިވި ސުލްހައަކަށް" ވަގުތުން މަޝްވަރާކުރަން ފެށުމަށެވެ.
އެމެރިކާއިން މި ހުށަހެޅުންތައް ރަޝިޔާގެ އޮފިޝަލުންނާ މަޝްވަރާކުރުމަށް އެއްބަސްވި ކަމަށާއި، ޔޫކްރެއިންގެ ވަފުދުން ސުލްހައިގެ މަރުހަލާގައި ޔޫރަޕްގެ ބައިވެރިވުން މުހިންމުކަން ތަކުރާރުކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ރޫބިއޯ: 'މިހާރު ބޯޅަ އޮތީ ރަޝިޔާގެ ކޯޓުގައި'
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މައިކް ވޯލްޓްޒް އަދި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ޖިއްދާގައި ޔޫކްރެއިންގެ އިސް ވެރިންނާއެކު ބޭއްވުނު ބައްދަލުވުންތަކަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވާފަ އެވެ.
މިއަދުގެ މަޝްވަރާތަކުގައި ޔޫކްރެއިން އަދި އެމެރިކާއިން "އިޖާބީ ފިޔަވަޅެއް" އަޅާފައިވާ ކަމަށް ރޫބިއޯ ވިދާޅުވެފައިވާއިރު، އެމެރިކާއިން މިހާރު "މި ހުށަހެޅުން" ރަޝިޔާއަށް ގެންދާނެ ކަމަށާއި، "މިހާރު ބޯޅަ ވަނީ އެމީހުންގެ ކޯޓުގައި" ކަމަށް އޭނާ ވިދާޅުވި އެވެ.
އަންގާރަ ދުވަހު ޔުކްރެއިންގެ ވަފުދުން "ވަރަށް ސާފުކޮށް" ހާމަކޮށްފައިވަނީ އެމީހުން "ރައީސް ޓްރަމްޕްގެ ސުލްހައިގެ ވިޝަން ހިއްސާކުރާ" ކަމަށްކަމަށް ވޯލްޓްޒް ވިދާޅުވެފައިވެ އެވެ.
ޔޫކްރެއިންއިން ވޮޝިންގްޓަންގެ ހުށަހެޅުމަށް އެއްބަސްވެ ފުރިހަމަ ސީސްފަޔާ ގެނައުމަށް "ވަކި ފިޔަވަޅުތަކަކާއި ހުށަހެޅުންތަކެއް" ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި" ރަޝިޔާގެ އެ މަގާމުގައި ހުންނެވި ބޭފުޅަކާ ވާހަކަދައްކަވާނެ ކަމަށާއި، ރޫބިއޯ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ޖީ7ގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވާނެ ކަމަށް ވޯލްޓްޒް ވިދާޅުވެފައިވެ އެވެ.
މައުދަނާ ބެހޭ އެއްބަސްވުމަށް 'ވީހާވެސް އަވަހަކަށް' ވާސިލުވާނެ
އެމެރިކާ އަދި ޔޫކްރެއިން އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ދެ ގައުމުން "ވީހާވެސް އަވަހަކަށް ޔޫކްރެއިންގެ މުހިންމު މައުދަނުގެ ވަސީލަތްތައް ތަރައްގީކުރުމަށް ފުރިހަމަ އެއްބަސްވުމަކަށް ވާސިލުވެ، ޔޫކްރެއިންގެ އިގްތިސާދު ފުޅާކޮށް، ޔޫކްރެއިންގެ ދިގު މުއްދަތުގެ ފާގަތިކަމާއި ސަލާމަތް ކަށަވަރުކުރާނެ" އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓެކްނޮލޮޖީގެ އުފެއްދުންތަކުގައި ބޭނުންކުރެވޭ ޔުކްރެއިންގެ މައުދަނީ މުއްސަނދިކަމަށް ވާސިލުވުމަށް ތަކުރާރުކޮށް އިސްކަންދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ