އަބްދުއްރަހީމް ހުންނެވި، ޕީއެންސީގެ ޗެއާޕާސަންގެ މަގާމަކީ ރައީސް އައްޔަން ކުރައްވާ މަގާމަކަށް ބަދަލުކޮށްފި

ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއާއި އެ ޕާޓީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުއިއްޒާ ދެމެދު ގުޅުން ގޯސްވެފައި ވަނިކޮށް، ޕީއެންސީގެ ޗެއާޕާސަންގެ މަގާމަކީ ޕާޓީގެ ރައީސް އައްޔަން ކުރައްވާ މަގާމެއް ކަމަށް ބަޔާންކޮށް އަސާސީ ގަވައިދު ބަދަލުކޮށްފިއެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީގެ އަސާސީ ގަވާއިދު އިސްލާހުކޮށްފައިވަނީ އިއްޔެ ޕާޓީގެ ލީޑާޝިޕުން ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބަދަލުތަކުގެ ތެރޭގައި، ޕާޓީގެ ޗެއާޕާސަން އައްޔަން ކުރާނީ ޕާޓީގެ ރައީސް ކަމަށް ކަނޑައަޅައިފައިވާއިރު، މި ބަދަލާއެކު އަބްދުއްރަހީމްގެ މަގާމަށް ވާނެ ގޮތެއް މިހާތަނަށް ސާފުވެފައިނުވެއެވެ. ޕީއެންސީގެ އަސާސީ ގަވައިދުގައި މިހާރު އޮންނަނީ، ޕާޓީގެ ޗެއާޕާސަންގެ މަގާމަށް މެންބަރަކު ހަމަޖެއްސުމުން، އެ މެންބަރެއްގެ މަގާމުގެ މުއްދަތު ދެމިގެންދާނީ، އެންމެ އަވަހަށް ބޭއްވޭ ޕާޓީގެ މަތީ މަޖިލީހަކާ ހަމައަށް ކަމަށެވެ. އަދި، ރައީސްގެ މަގާމުގައި ޕާޓީގެ މެންބަރަކު ހުރިނަމަ، ޕާޓީގެ އެންމެ މަތީ މަޖިލީހުގައި ޕާޓީގެ ޗެއާޕާސަންގެ މަގާމަށް މެންބަރަކު އިންތިޚާބު ކުރަންވާނެ ކަމަށް ގަވައިދުގައިވެއެވެ. މީގެ އިތުރުން ޕާޓީ ވެރިކަމުގައި އޮންނަ ދުވަސްވަރު، ޕާޓީގެ ޗެއާޕާސަންގެ މަގާމު ހުސްވެއްޖެނަމަ، ހަތް ދުވަހުގެ ތެރޭގައި، އެ މަގާމަށް ޕާޓީގެ މެންބަރަކު، ޕާޓީގެ މެންބަރުންގެ މަޖިލީހުން އިންތިޚާބުކުރަންވާނެ ކަމަށް މިހާރު ގަވައިދުގައި އޮވެއެވެ. ޕީއެންސީގެ އަސާސީ ގަވައިދަށް އިއްޔެ ގެނައި އިތުރު އިސްލާހުތަކުގެ ތެރޭގައި، ނައިބު ރައީސުންގެ އަދަދު ހަތަރަކުން ދެއަކަށް މަދުކުރުން ހިމެނެއެވެ. އަދި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭނީ ޕާޓީގެ ރައީސްގެ ރުހުމާއެކު ކަމަށް ވެސް އިއްޔެ ވަނީ ފާސްކޮށްފައެވެ. ޕީއެންސީގައި މިހާރު ހަތް ނައިބު ރައީސުން ތިއްބަވަައެވެ. އެއީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން، ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޔޫއޭއީގެ ސަފީރު މުހައްމަދު ހުސައިން ޝަރީފް، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އަދި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލެވެ. ޕީއެންސީގެ އަސާސީ ގަވައިދަށް އެ ބަދަލު ގެނައިއިރު، މިއަދު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފައެވެ. އެ މަނިކުފާނުގެ ދަތުރުފުޅު ނިންމަވާލައްވާނީ އަންނަ ބުރާސްފަތީގައެވެ. ރައީސާއި އަބްދުއްރަހީމް: މި ފަހުން އަބްދުއްރަހީމް ވަނީ އެ ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައިވާ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް ޝުޖާއު ހިމެނޭ ގޮތަށް، ޕީއެންސީގެ ނުވަ މެންބަރަކާއެކު އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގެންނެވިއިރު، އެ މަނިކުފާނާއި ރައީސްގެ ގުޅުން ގޯސްވެފައިވާ ކަމަށް އަބްދުއްރަހީމް މި ފަހުން ވިދާޅުވެފައިވެއެވެ. އެއީ، އެ މަނިކުފާނުގެ ދަރިކަލުން އިބްރާހީމް ފައިސަލް، މިދިޔަ މަހުގެ 28ގައި ކުއްލި ގޮތަކަށް ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރެއްވުމުންނެވެ. ފައިސަލް މަގާމުން ވަކިކޮށްފައިވާކަން އެންގެވިއިރު އަބްދުއްރަހީމް ހުންނެވީ ގައުމުން ބޭރުގައެވެ. ނަމަވެސް އެ ޚަބަރާއެކު އެ މަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތެވެ. އޭގެ ފަހުން، އަބްދުއްރަހީމް ސަރުކާރުން އެކަހެރިކޮށްފައިވާ ކަމަށާއި މަޖިލީހުގެ ރައީސްކަމުން ދުރުކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް ފެންމަތިވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންސީން، ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ބުދަ ދުވަހު އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ބައްދަލުވުމެއް ކުރިއަށް ގެންދިޔައިރު، އަބްދުއްރަހީމް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި މާލޭގައި އަބްދުއްރަހީމް ހުންނަވާނަމަ ޕީޖީ ބައްދަލުވުމުގެ ރިޔާސަތު އަބަދު ވެސް ބަލަހައްޓަވަނީ އަބްދުއްރަހީމެވެ. އަދި، ހުރިހާ ބައްދަލުވުމަކަށް ވެސް އެ މަނިކުފާނު ހާޒިރުވެވަޑައިގަންނަައެވެ. https://sun.mv/202289 އަބްދުއްރަހީމާއި ރައީސްގެ ގުޅުން ގޯސް ކަމަށް ސީދާ އަބްދުއްރަހީމް އެއްބަސްވެވަޑައިގަތް ނަމަވެސް ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. އެގޮތުން ރައީސާއި އަބްދުއްރަހީމާ ދެމެދު ނުތަނަސްވަސްކަމެއް ނެތް ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ