މަޖިލީހާއި އަޅުގަނޑުގެ މައްޗަށް ރައީސްގެ ނުފޫޒެއް ނުފޯރާނެ: އަބްދުއްރަހީމް
ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއް ނުވަތަ ރިޔާސަތުގެ ކޮންޓްރޯލު ވެސް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަތްޕުޅުގައި ނޫންކަމަށާއި، މަޖިލީހަށް ރައީސްގެ އެއްވެސް ނުފޫޒެއް ނުފޯރާކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުއްﷲ މިއަދު ވިދާޅުވެއްޖެއެވެ. އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދައިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ 20ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފުރިހަމަ ބާރު ހިނގާ މަޖިލީހެއްކަމަށް ވިދާޅުވެފައެވެ. މައުރޫފްގެ ވާހަކައިގައި، ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލު މުޅި މަޖިލީހަށް އޮތްކަމަށް ފާހަގަކުރެއްވީ ރަމަޟާން މަހު ވަޒީރުންނާ ސުވާލުކުރަން، ވަޒީރުން މަޖިލީހަށް ހާޒިރުކުރަން ދަތިވުމުން އެކަމުގެ ކަންބޮޑުވުމާއެކުގައެވެ. އޭނާ ވިދާޅުވީ އަބްދުއްރަހީމާއި މެންބަރުން ވެސް ކޮންޓްރޯލުކުރައްވަނީ ރައީސްކަމަށެވެ. "ވަކީން ޚާއްސަކޮށް [މަޖިލިސް] ރައީސަކީ، ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލުގައި އިންނެވި ބޭފުޅެއް. ބޮޓުންތަކެއް އޮޕަރޭޓްކުރާ ގޮތަށް މި ތަން މި އޮޕަރޭޓްކުރަނީ،" މައުރޫފް ވިދާޅުވިއެވެ. އެއާއެކު މައުރޫފްގެ ވާހަކަ ހުއްޓުވުމަށްފަހު އަބްދުއްރަހީމްވަނީ މަޖިލިސް ހިންގަމުން ދަނީ މަޖިލިސް ހިންގުމަށް އެކުލަވައިލައިފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލު މުޅި މަޖިލީހަށާއި، ރިޔާސަތަށް އޮތް ކަމަށް ބުނެ މައުރޫފް ވިދާޅުވީ ރަނގަޅު ވާހަކަފުޅެއް ނޫންކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި އޮތީ ތިންބާރު ވަކިވެފައި އޮތް ފާރަވެރިވުމުގެ ނިޒާމެއްކަމަށާއި، މަޖިލީސް ވެސް އޮތީ ވެރިކަން ކުރާ ބާރާ ވަކީން، މިނިވަންކޮށް ކަމަށެވެ. "އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ސުޕަމެޖޯރިޓީ މިތާ އޮތުމަކީ އެއީ އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެ މަނިކުފާނު މި ތަން ކޮންޓްރޯލުކުރާކަމަށް ވިދާޅުވެވޭނެ ސަބަބެއްކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވިއެވެ. އެއާއެކު އަބްދުއްރަހީމް ވަނީ މަޖިލިސް މެންބަރުންނަށް އިހާނެތިކަމެއް ލިބޭނެފަދަ ވާހަކައެއް ނުދެއްކުމަށް އެދިވަޑައިގެންފައެވެ. ވާހަކަ އަލުން ދައްކަވަމުން މައުރޫފް ވިދާޅުވީ ރޯދަމަހު ވަޒީރުން މަޖިލީހަށް ހާޒިރުނުކުރަން ސީދާ ރައީސް އަންގަވައިފައިވާކަމަށް ބުނާ ސުރުޚީތައް ނޫހަކުން ވެސް ފެނުނުކަމަށެވެ. ގިނަ ސުވާލުތަކެއް ހުށަހަޅައިފައި އޮތްއިރު، ވަޒީރު ހާޒިރުކޮށްގެން ކުރާ ސުވާލުތަކަށް، 14 ދުވަސް ތެރޭގައި ވަޒީރު ހާޒިރުކުރަން ޖެހޭކަމަށް ގަވައިދުގައި އޮތް ނަަމަވެސް މަސް ދުވަސްވާއިރު ވެސް އެ ކަން މިހާރު އޮތީ ނުވެ ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ. "ރަނގަޅު، ތިން ބާރު އޮންނަނީ ވަކިވެފައި. އެހެން ނަމަވެސް އަމަލު މިކުރެވެނީ ތިން ބާރު ވަކިވެފައި އޮންނަ ގޮތަށްތޯ؟ ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަންގައިގެން ކޯޓުތަކާ ބެހޭ ގާނޫނު ވެސް ހަމަ ފާސްކޮށްލީ ވަގުތުން ވަގުތަށް. ފަނޑިޔާރުން ސަސްޕެންޑުކޮށްލީ ވެސް ހަމަ ތިން ބާރު ވަކިވެފައި ވަނިކޮށް،" ތިން ބާރު ވަކިވެފައި އޮތް ތަން ފެނިވަޑައިނުގަންނަވާކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވިއެވެ. އެއާއެކު މައުރޫފް ތަކުރާރުކޮށް ވަނީ ރައީސްގެ ކޮންޓްރޯލް މަޖިލީހުގައި އޮތީ ރަސްކަލަކު ބާރުތައް އެއްކުރައްވައިގެން ބޭނުން ހިއްޕަވާ ގޮތަށްކަމަށް ސިފަކުރައްވައިފައެވެ. މަޖިލީހުގެ މަސައްކަތްތައް ހިނގަމުން އަންނަ ގޮތާއެކު ސަރުކާރާ އިދިކޮޅު ގިނަ އަދަދެއްގެ އާންމުންގެ ފާޑުކިޔުން ވެސް އަދި އިދިކޮޅު އެމްޑީޕީގެ އިސްވެރިންގެ ފާޑުކިޔުން ވެސް އަންނަނީ މަޖިލީހަށް އަމާޒުވަމުންނެވެ. ވަކިން ޚާއްސަކޮށް މުހިންމު ބިލުތައް ނިންމައިލުމުގައި އަވަސް އަރުވައިލައިގެން ފާސްކުރާތީ އެ ކަމުގައި ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ