މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު!

މިދިޔަ ބުދަ ދުވަހަކީ ފަހުގެ ތާރީހެއްގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވާ ދުވަސްކަމަށް ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 23 ވަނަ ދުވަހު 56 މަސްދޯންޏަކުން ޖުމްލަ 403.62 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. އަދި އެ ދުވަހު ކިރުވި މަހަށް މަސްވެރިންނަށް 5.4 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މީގެ ކުރިން މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިދިޔަ މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދުވަހު 30 މަސްދޯންޏަކުން ކިރުވި މަހަށް 5.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި 254 މަސްދޯންޏަކުން މަސް ކިރުވާފައިވެއެވެ. އަދި މި ދޯނިތަކަށް ޖުމްލަ 14.6 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 14 އިންސައްތައިގެ އިތުރުވުމެކެވެ. އެހެނީ އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވަނީ 12.8 މިލިއަން ރުފިޔާއެވެ.
މިފްކޯއިން މިފަދަ ރެކޯޑު އަދަދަކަށް މަސްވެރިންނަށް ފައިސާ ދޫކުރެވިފައިވުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބިގެންދާ ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ