ގާނޫނުއަސާސީއާ ހިލާފު ނުވާނަން، ޕާޓީއަށްވުރެ ރައްޔިތުން އިސްވާނެ: އަޒާން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާ ބިލަށް ވޯޓު ނުދިނީ ގާނޫނުއަސާސީއާ ހިލާފުވުމުން ކަމަށާއި ނަމަވެސް ހުންނެވީ ސަރުކާރާ އެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު މިއަދު ވިދާޅުވެއްޖެއެވެ. އަޒާން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް، ދެ ފަނޑިޔާރުން ވަކިކުރާ ބިލަށް އަތްހިތްލައިގެން ވޯޓަށް އަހަމުން ދަނިކޮށް ވޯޓުގައި ބައިވެރިނުވެ މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގެންފައެވެ. އެ ބިލު ބަލައިގަތުމާ މެދު އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި ވެސް އަޒާން ބައިވެރިވެފައެއް ނުވެއެވެ. އެހެންވެ، ޕީއެންސީގެ މަޖިލީސް މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕުން ވެސް އަޒާން ވަނީ އިއްޔެ ބޭރުކޮށްލައިފައެވެ. https://sun.mv/203062 މި ކަމާ ގުޅުވައި އަޒާން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، މަޖިލީސް އިންތިޚާބުގައި ރައްޔިތުންނަށް ދިން ޔަގީންކަމަކީ، ދާއިރާ ރައްޔިތުންގެ މަސްލަހަތާއި ގައުމުގެ މަސްލަހަތު އިސްކުރާނޭކަމުގެ ޔަގީންކަން ކަމަށެވެ. ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށްވުރެ އިސްކުރަންޖެހޭނެ މަސްލަހަތެއް ނޯންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މަޖިލީހަށް ހުށަހެޅިފައިވާ ކޯޓުތަކާ ބެހޭ އިސްލާހަށް ތާއީދު ނުކުރަން ނިންމީ އިންތިޚާބުކުރި ރައްޔިތުންނާއި ވަކީލުންނާއި ޝަރުއީ ދާއިރާގައި ދިގު މުއްދަތަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ އިތުރުން ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާއި ގިނަ ދުވަހު ގައުމަށް ޚިދުމަތްކުރެއްވި ބޭބޭފުޅުން ދެއްވި މަޝްވަރާއާއި އެއްގޮތުގެ މަތީން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި ބިލަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ޚިލާފު ބިލަކަށް ވާތީ އެފަދަ ބިލަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމުގައި ދެކޭތީ ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ. "ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންގެ ސުލޫކީ މައްސަަލައެއް ހުރިނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން މެދުވެރިކޮށް އެ މައްސަލަ ބަލައި އެފަދަ މައްސަލައެއް ސާބިތުވާނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކިކުރެވިދާނެ،" އަޒާންގެ ބަޔާނުގައިވެއެވެ. އޭނާ ވަނީ މަޖިލީހުގެ ސުޕަމެލޯރެޓީ އޮއްވާ އެ މަގު އިޚުތިޔާރު ނުކޮށް ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައި ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހުން ނިންމުމަކީ ގާނޫނީ ގޮތުން ދެކޮޅުޖެހޭ ކަމެއް ކަމުގައި އޭނާ ނުދެކޭ ކަމަށް ވިދާޅުވެފައެވެ. އަމުދުން ސުޕްރީމް ކޯޓިގައި ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް އެ ކޯޓުން ދެ ފަނޑިޔާރުން ވަކިކުރަން ގާނޫނަށް އިސްލާހު ގެނައުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ގަބޫލުނުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. "އެއީ، ހުޅުވާލެވިފައިވާ މިނިވަން ދިމިގްރާތީ މުޖްތަމައުތަކުގައި އަމަލުކުރާ އުސޫލުތަކާއި، ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއި ބީރައްޓެހި އަދި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ކަނޑައެޅިގެން ޚިލާފަށް ކުރެވިގެންދާ ކަމެއް ކަމަށް ވާތީ އެފަދަކަމެއްގައި ބައިވެރިވެ ތާއީދު ނުކުރެވޭނެ،" އަޒާން ވިދާޅުވިއެވެ. އަޒާން ވަނީ އޭނާ އަދިވެސް ހުންނެވީ ސަރުކާރަށް ތާއީދު ކުރާ މެންބަރެއްގެ ގޮތުގައި އައްޑޫއަށް ތަރައްގީ ގެނައުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރަން ކަމަށާއި ސަރުކާރުން އައްޑޫއަށް ވެފައިވާ ވައުދުތަށް ނުފުއްދޭނަމަ ނުވަތަ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިނުދެވޭނަމަ ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ. ފަސް އަހަރު ދުވަހަށް ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތާއި ރައްޔިތުންނަށް ވީ ވައުދުތައް އަދާނުކޮށް އަނެއްކާ ވެސް ރައްޔިތުންގެ ގާތަށް ވޯޓުހޯދަން ދާނެ މީހަކަށް އޭނާ ނުވާނެ ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ. ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފައި ވަނިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފައެވެ. https://sun.mv/203064 ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރިއިރު ހެނދުނު 11:00އަށް އޮތީ ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފައެވެ. ޖޭއެސްސީން ބުނީ، ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އެ ފަނޑިޔާރުންނާ ގުޅޭ ޖިނާއީ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބަލަމުން އަންނާތީ ކަމަށެވެ. މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވުމުންނާއި ޕާޓީ ވަކިކުރުމުން ވެސް ގޮނޑި ގެއްލޭގޮތަށް ޕީއެންސީން ވަނީ ގާނޫނުއަސާސީ އިސްލާހުކޮށްފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އަންނަނީ ހިނގަމުންނެވެ. އެކަމަކު، ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމުން އެ މައްސަލަ އޮތީ ހުއްޓީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ