ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުޅުއްވަނީ އެ ޕާޓީ "ހައިޖެކް" ކުރައްވައިގެން ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ކައުންސިލް މެމްބަރުންތަކެއް ރައީސް އަބްދުﷲ ޔާމީނާ އެކު ރައީސް އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވެވި ބައްދަލުވުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ އިދާރީ ކަންކަން އޭނާގެ އަތުން ނެންގެވުމަކީ މައުމޫންގެ ނިންމެވުމެއް ކަމަށާއި އޭގެ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު ޕާޓީގެ ހުރިހާ ބާރެއް މައުމޫނަށް ނެންގެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މައުމޫނާ ވަރަށް ގާތްކޮށް އުޅުއްވި އަބްދުއްރަހީމް މިއަދު ވަނީ އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ޑިމޮކްރަސީ އަށް ވަކާލާތުކުރައްވާ ރައީސް މައުމޫން މިހާރު އަމަލު ކުރައްވަމުން ގެންދަވަނީ އޭނާ ދެނެވަޑައިގަންނަވާ ޑިމޮކްރަސީއަކަށް ނޫން ކަމަށެވެ.
ރައީސް ޔާމީނާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ޕީޕީއެމްގެ ކައުންސިލް މެމްބަރުން ރައީސް އޮފީހުން ނިކުމެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
ޕާޓީ ހުއްޓުވާލާފައި އޮތް އޮތުން އެއީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވެސް ރައީސް މައުމޫނަށް ކުރެއްވޭނެ ކަމެއް ނޫން، އަޅުގަނޑު ހަމަ ސުވާލުކޮށްލަން ބޭނުން މިއީ ކޮން ވައްތަރެއްގެ ޑިމޮކްރަސީއެއްތޯ. --އަބްދުއްރަހީމް
"އަޅުގަނޑުމެންގެ ޕާޓީއަކީ ޑިމޮކްރެޓިކް ޕާޓީއެއް. އަޅުގަނޑުމެން ވަކާލާތު ކުރަމުން އައީ ޑިމޮކްރަސީ އަށް. އެހެންވީމަ އެންމެ މީހަކަށް މުޅި ޕާޓީ ހައިޖެކް ކުރެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ރައީސް މައުމޫނަށް ވެސް އެގޮތަކަށް އެކަން ނުކުރެއްވޭނެ. ޕާޓީގައި އޮންނާނެ ކައުންސިލެއް، ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން އެންމެ ބާރުގަދަ ގުނަނަކީ ކައުންސިލް. ކައުންސިލްގެ މަޝްވަރާ ނެތި ރައީސް މައުމޫނަށް އެކަމެއް ނުކުރެއްވޭނެ."
އަބްދުއްރަހީމް ރައީސް އޮފީހުން ނިކުމެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
ރައީސް މައުމޫން އެ އުޅުއްވަނީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އޭނާ "ދުވަހަކު ވެސް ދުށް ވައްތަރެއްގެ ޑިމޮކްރަސީ ތެރެއަކު ނޫނެ"ވެ. ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ ކަމަށާއި އެ ޕާޓީގެ ހަރަކާތްތައް ހުއްޓުވާލާފައި ނުބޭއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން މި ޕާޓީ އަށް ދިމާވެފައިވާ ހާލަތުން ވީހާ ވެސް އަވަހަކަށް އަރައިގަނެވޭނެ ގޮތެއް ހޯދަން. ސުލްހަވެރިކަމާ އެކު އެކަން ކުރި އަށް ގެންދާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަށް ފަހު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންތަކެއް ނުކުމެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
"ޕާޓީ ހުއްޓުވާލާފައި އޮތް އޮތުން އެއީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވެސް ރައީސް މައުމޫނަށް ކުރެއްވޭނެ ކަމެއް ނޫން، އަޅުގަނޑު ހަމަ ސުވާލު ކޮށްލަން ބޭނުން މިއީ ކޮން ވައްތަރެއްގެ ޑިމޮކްރަސީއެއްތޯ؟"
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އޭނާ ޕާޓީ ހިންގެވީ މައުމޫން ބޭނުންފުޅުވި ގޮތަށެވެ. އެކަން މައުމޫން ވެސް ގަބޫލުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ބާރުތައް މައުމޫން މި ނެންގެވީ އިއުލާން ނުކޮށް ރަށްތައް ދޫކުރަން ވޯޓު ނުދޭން އެ މަނިކުފާނު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕަށް އެންގެވުމުން އެ ގޮތަށް އަމަލު ނުކުރައްވައި އެ މަނިކުފާނަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވާފައި ވަނިކޮށެވެ. ޕާޓީގެ ބާރުތައް ނެންގެވުމުން ޕީޕީއެމް މިހާރު ވަނީ ދެ ފަޅިވެފަ އެވެ.
މައުމޫން އުޅުއްވަނީ ޕާޓީ "ހައިޖެކް ކޮށްގެން"، ވަރަށް އަވަހަށް ހައްލެއް ހޯދާނަން: އަބްދުއްރަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ