ޕީޕީއެމް މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި، މައުމޫނު އެދިލެއްވީ އިންސާފުވެރި ވުމަށް

ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ހަވާލުކޮށް ސިވިލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލާއިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ. ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށްދިނުމަށް އެދި ހައިކޯޓުގައި މަައްސަލަ އިސްތިއުނާފު ކުރީ ޕީޕީއެމްގެ އާންމު މެމްބަރު ސ. ހުޅުދޫ ފެންފިޔާޒު ވިލާ، އައްބާސް ވާފިރު އެވެ. މިއަދު ބޭއްވި އަޑުއެހުމުގައި ތަދައްހުލްވި ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ފަރާތުން ދަރިކަނބަލުން ޔުމްނާ މައުމޫނު ވަނީ ވާހަކަފުޅުދައްކަވާފަ އެވެ. ޔުމްނާ ވިދާޅުވީ މައުމޫނުގެ ފަރާތްޕުޅުން ކޯޓުގައި ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށް އިންސާފުވެރިކަމާއެކު މައްސަލަ ނިންމުމަށް އެދޭ ކަމަށެެވެ. "ގާނޫނުއަސާސީގެ ދަށުން އެމީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަަމަހަމަ ވެގެންވާ މީހެއްކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަ ކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ހައްގަކަށް ވާތީ ހަމަހަމަ ކަމާ އިންސާފުވެރިކަމާއެކު މި ދެ މައްސަލަ ނިންމަވާދެއްވުމަށް ރައީސް މައުމޫނު އެދިވަޑައިގަންނަވާ" ޔުމްނާ މައުމޫނު ވިދާޅުވި އެވެ. މިއަދުގެ އަޑުއެހުމުގެ ރައީސް މައުމޫނުގެ ފަރާތުން ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުންތައް އަސާސީ ގަވާއިދާ އެއްގޮތަށް ބާއްވަމުންދާ ކަމަށާއި ނުބާއްވައިގެން ޝަކުވާއެއް ހުށަހަޅާފައިވަނީވެސް އެންމެ ފަހަރަކު ކަމަށެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޝަރީއަތުން ކުރި ސުވާލުތަކަށް ޖަވާބުދެމުން މުއިއްޒު ވިދާޅުވީ އަބްދުއްރަހީމް އަބްދުﷲ އަކީ ޕާޓީގެ ނައިބު ރައީސް ނޫން ކަމަށެވެ. އަބްދުއްރަހީމް ޕާޓީގެ ކައުންސިލަށް އައްޔަން ކުރެއްވީ ރައީސް މައުމޫނު ކަމަށާއި ކައުންސިލުން އަބްދުއްރަހީމް ވަކިކުރެއްވުމާ ގުޅިގެން ނައިބު ރައީސްކަން ވެސް ގެއްލިފައިވާ ކަމަށެވެ. 20 އޮކްޓޯބަރ 2016: ޕީޕީއެމް މައްސަލާގެ އިސްތިއުނާފް އަޑުއެހުން ނިންމާލުމަށް ފަހު މައްސަލަ ރައްދުވާ މެމްބަރުނާއި އެބޭފުޅުންގެ ވަކީލު ހައިކޯޓުން ނިކުމެވަޑައި ގަންނަވަނީ---ސަން ފޮޓޯ: މުހައްމަދު އަފްރާހް ރައީސް މައުމޫނުގެ ފަރާތްޕުޅުން ވަކީލު ހުސްނުއްސުއޫދު ވަނީ މައުމޫނަށް އެނގުމަކާ ނުލައި އެ މައްސަލަ އިސްތިއުނާފު ކުރީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އިސްފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި މީހުންގެ ތެރޭގައި އައްބާސް ވާފިރު ހިމެނޭކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެހެންކަމުން އެވާހަކަ ޝަރީއަތުގެ މަޖިލީހުގައި ނުދެއްކުމަށް ފަނޑިޔާރު ވަނީ ސުއޫދަށް އަންގަވާފަ އެވެ. އިސްތިއުނާފު ރައްދުވާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ ފަރާތުން ވަކީލު އަބްދުﷲ މުއިއްޒު ވިދާޅުވީ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލާގައި ނިންމުމަކަށް ވާންވަނީ އެއްވެސް ފަރާތެއްގެ ހައްގެއް ގެއްލޭތޯ ބަލައި އެކަން އިސްލާހު ކުރުން ކަމަށެެވެ. ސިވިލް ކޯޓުގެ ހުކުމުގައި މުސްތަޝާރު ރައީސް ޔަމީނާ ޕީޕީއެމް ހިންގަން ހަވާލުކުރުމަކީ އެއްވެސް ފަރާތަކަށް ގެއްލުމެއް ވާނެ ކަމެއް ނޫން ކަމަށްވެސް އަބްދުﷲ މުއިއްޒު ވިދާޅުވި އެވެ. ޕީޕީއެމްގެ ފަރާތުންވެސް އަދި މައްސަލަ ރައްދުވާ މެމްބަރުންގެ ފަރާތުންވެސް އެދިލެއްވީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދު ކޮށްދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ