ސަރުކާރުގެ ލިޔެކިޔުންތައް އަމާނާތްތެރިކަމާއެކީ ހަވާލުކުރަންޖެހޭނެ: މެމްބަރު އިލްޔާސް

ސަރުކާރު ބަދަލުވެގެން އަންނައިރު އެއް ސަރުކާރުން އަނެއް ސަރުކާރަށް ޑޮކިއުމަންޓްތައް އަމާނާތްތެރިކަމާއެކީ ހަވާލުކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވެފައިމިވަނީ އެފްއެސްއެމްގެ ގިނަ އަދަދެއްގެ ޑޮކިއުމަންޓުތަކެއް ސިމެންތި ގަށައި މެޝިނަކަށް އަޅައި އެ ނައްތާލާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނަ ވަގުތެއްގައެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު އިލްޔާސް ވިދާޅުވީ ސަރުކާރުގެ އެއްވެސް ޑޮކިއުމަންޓެއް ޓްރާންސިޝަން މުއްދަތުގައި ނައްތާލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ނައްތާލައިގެންވެސް ނުވާނެ ކަމަށެވެ.
ދެން އަންނަ ސަރުކާރަކުން ޑޮކިއުމަންޓްތައް ބަލަން ބޭނުންވެއްޖެ ހާލަތެއްގައި އެ ލިޔެކިޔުންތައް ފެންނަން އޮންނަންވާނެކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ލިޔެކިޔުންތަކަކީ އަމާނާތްތެރިކަމާއެކީ ރައްކާތެރި ކުރަންޖެހޭ ތަކެތި ކަމަށެވެ.
މެމްބަރު ވިދާޅުވީ ސަރުކާރުތައް ބަދަލުވެގެން އަންނައިރު އެއް ސަރުކާރުން އަނެއް ސަރުކާރަށް ޑޮކިއުމަންޓްތައް އަމާނާތްތެރިކަމާއެކީ ހަވާލުކުރަން ޖެހޭނެ ކަމަށާއި ދެން އަންނަ ސަރުކާރެއް ސްމޫތު ކަމާއެކީ ހިންގުމުގެ ޖާގަދޭން ޖެހޭނެ ކަމަށެވެ.
ޓްރާންސިޝަނަލް މުއްދަތުގައި ލިޔެކިޔުންތަކެއް ނައްތާލާނީ ކޮންމެވެސް ގޯސްތަކެއް ހަދާފައި ހުރީމަ އެ ގޯސްތައް ފޮރުވަން ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.
ސަރުކާރުގެ ނުފޫޒު ކުންފުނިތަކަށް ފޯރުވުން ވީހާވެސް ކުޑަ ކުރެވޭނެ ގޮތަކަށް ގާނޫނު ހަދަން ޖެހޭކަންވެސް މެމްބަރު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ