ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް: ޗެމްޕިއަން ލ. އަތޮޅު ސްކޫލު ބަލިކޮށް، ހަމަދު ފެށީ މޮޅަކުން

ލ. އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ކުޅެވޭ ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ގަމު ހަމަދު ސްކޫލުން، މާބައިދޫ ލ. އަތޮޅު ސްކޫލް ބަލިކޮށްފިއެވެ.
މިއަދު ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ހަމަދު ސްކޫލުން އެންމެފަހުގެ ޗެމްޕިއަން ލ. އަތޮޅު ސްކޫލް ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ މެޗުގެ ގިނަ ގޯލުތައް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ.
އެ މެޗުގެ ކުރިން ވަނީ ފެށުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައެވެ. ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީ ބައިވެރިވެވެޑައިގެންނެވި ފެށުމުގެ ރަސްމިއްޔާތުގައި ގަމު ސްކޫލް ކުދިންގެ ހާއްސަ ނެށުމުގެ ހަރަކާތްތައްވެސް ފެނިގެން ގޮސްފައިވެއެވެ.
14 ޑިސެމްބަރު 2023، ލ. ގަން ޒޯން ސްޓޭޑިއަމް، ލާމަސީލު ލާމު އިންޓަ ސްކޫލް މުބާރާތް ފެށުމުގެ ކުރިން --- ފޮޓޯ/ އަހުމަދު އަރުޝަދު، ލ. އަތޮޅު ކައުންސިލް
ރަސްމިއްޔާތަށްފަހު މެޗުގެ ކުޅުން ފެށިފައިވާ އިރު، ފުރަތަމަ ކޮޅުގައި ފެނުނީ ހަމަލާތައް މަދުކޮށެވެ. ފުރަތަމަ ހާފުގެ ފަހުކޮޅުގައި ހަމަދު ނުރައްކާ ބޮޑުކޮށް ފެނިގެން ގޮސްފައިވާ އިރު، 26 ވަނަ މިނެޓުގައި މުހައްމަދު ރިފްދާން އަލީ ވަނީ ހަމަދު ސްކޫލަށް ލީޑު ނަގައިދީފައެވެ. އަރިމަތިން އައި ހުރަސް، ރިފްދާނަށް ހުސްކޮށް ލިބުމުން އޭނާ ގޯލަށް ވައްދާލީ ފަސޭހަކާމައެކުގައެވެ.
ފުރަތަމަ ހާފު، 1-0 އިން ހަމަދު ކުރީގައި އޮވެ ނިމިގެން ދިޔަ އިރު، ދެވަނަ ހާފުގައި އެޓީމު ފެނުނީ މާ ބޮޑަށްވެސް ނުރައްކާ ކޮށެވެ. ކުރިއަށް ޖެހި މެޗު ޑޮމިނޭޓްކޮށްގެން ކުޅެފައިވާ އިރު، ހަމަލާތައް އިތުރު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ދެވަނަ ހާފުގައި އިތުރު ތިން ގޯލު ޖެހިއެވެ. ހަމަދުގެ ދެވަނަ ގޯލު، ނޫހު އިސްމާއީލް ޖެހި އިރު، ތިންވަނަ ގޯލު ޖެހީވެސް މެޗުގެ މޮޅު ކުޅުންތެރިޔާ ރިފްދާންއެވެ. ރިފްދާންގެ ދެވަނަ ގޯލަކީ ދުރުން ފޮނުވާލި ބޯޅައަކުން ޖެހި ހިތްގައިމު ގޯލެކެވެ.
ލ. އަތޮޅު ސްކޫލްގެ އަބްދުﷲ ނައުހާން ނަސީމް ގޯލެއް ޖަހައި އެޓީމަށް ސުން ކަނޑުވާލަ ދިން ނަމަވެސް، ހަމަދުން ނިންމާލީ އިބްރާހީމް ނަސީހު ޖެހި ހަތަރުވަނަ ގޯލަކާއެކު މުހިންމު ތިން ޕޮއިންޓް ޔަގީންކޮށްގެންނެވެ.
ލ. އަތޮޅު ކައުންސިލްގެ މިއަހަރުގެ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޝީޝާ ޕްރައިވެޓް ލިމިޓެޑެވެ. މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
މިރޭގެ މެޗުތައް
20:00، މާވަށު ސްކޫލް - މާމެންދޫ ސްކޫލް
21:30، ލ. އަތޮޅު ތައުލީމީ މަރުކަޒު - ދަނބިދޫ ސްކޫލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ