އަވީގެ ހަކަތަ ބޭނުންކޮށްގެން އަމިއްލަ ފަރާތްތަކަށް ވިޔަފާރި އުސޫލުން ކަރަންޓު އުފެއްދޭނެ މަޝްރޫއެއް އެނާޖީ މިނިސްޓްރީން މިއަދު ފަށައިފި އެވެ.
އެކްސެލެރޭޓިން ސަންޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއު ފައްޓަވައި ދެއްވަމުން އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގައި މުޅިން އަލަށް ފަށާ މި މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގައި 2.5 މެގަވޮޓްގެ ސޯލާ ޕެނަލްތައް ބަހައްޓާނެ ކަމަށެވެ. އަދި މި ޕެނަލްތައް ހަރު ކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ އިމާރާތްތަކުގެ މަތީގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
" މީގެ މުހިންމު ކަމަކީ ޕްރައިވެޓް އިންވެސްޓްމަންޓް ޕްރޮމޯޓް ކުރުން. ސަރުކާރާއި ވޯލްޑް ބޭންކް ތްރޫކޮށް ހުޅުވާލަނީ މި ރިނިއުބަލް އެނާޖީ ގްރިޑްތައް ޖަހަން. މިއީ މިގޮތަށް ކުރިއަށް ގެންދާ ފުރަތަމަ މަޝްރޫއު،" ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރު ތޯރިގު ވިދާޅުވީ މި މަޝްރޫއަށް ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖޫން މަހު ހުޅުވާލާނެ ކަމަށެވެ.
"މި މަޝްރޫއުގެ ދަށުން ސްޓެލްކޯ އަށް އަމިއްލަ ފަރާތްތަކުން އުފައްދާ އިރާދަކުރަނިވި ހަކަތަ 10 އަހަރު ވަންދެން ގަންނާނެ،" ތޯރިގު ވިދާޅުވި އެވެ.
މި މަޝްރޫއު ފަރުމާކޮށްފައިވަނީ ވޯލްޑް ބޭންކުން އިންވެސްޓްމަންޓަށް ބަދަލު ލިބިދޭނެ ގޮތަކަށެވެ.
ތޯރިގު ވިދާޅުވީ މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ހުށަހަޅަން ޖެހޭނީ އެ ފަރާތަކުން އަވީގެ ހަކަތައިން އުފައްދާ ކަރަންޓު ގަޑިއަކަށް ވިއްކޭނެ އަގު ކަމަށެވެ.
" މި މަޝްރޫއަށް ވޯލްޑް ބޭންކުން ޕޭމަންޓް ގެރެންޓީ ދޭނެ. ސްޓެލްކޯއިން ޕޭމަންޓް ލަސްވިނަމަވެސް ވޯލްޑް ބޭންކުގެ ގެރެންޓީ ލިބޭ. ވިހި އަހަރު ތެރޭގައި ކޮންޓްރެކްޓް ޓާމިނޭޓް (އެއްބަސްވުން އުފާލި) ނަމަވެސް ޓާމިނޭޝަން ގެރެންޓީއެއް ވެސް ވޯލްޑް ބޭންކުން ލިބޭނެ،" ތޯރިގު ވިދާޅުވި އެވެ.
އަމިއްލަ ފަރާތްތަކަށް އަވިން ކަރަންޓު އުފެއްދޭނެ މަޝްރޫއުއެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ