ފެށޭ ކޮންމެ އާ އަހަރެއްގެ ޖެނުއަރީ މަހު ފެޝަން ދާއިރާގެ ތަޖުރިބާކާރުން އެ އަހަރަކު ފެންނާނެ އެންމެ މަގުބޫލު ޓްރެންޑުތަކުގެ ދިގު ލިސްޓެއް ގެނެސްދެ އެވެ. އެއީ ނިމުނު އަހަރު ތެރޭ ރަންވޭތަކުންނާއި ފެޝަން އިންފްލުއެންސަރުން ދައްކާލި ސްޓައިލްތަކަށް ބަލާފައި ނެރޭ ލިސްޓެކެވެ. މި އަހަރު ވެސް އަންނައުނުގެ އިތުރުން އެކްސެސަރީޒްގެ ބާވަތްތަކާ މެދު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގަ އާއި ފެޝަން މަޖައްލާތަކުގައި މަޝްވަރާ ކޮށްފި އެވެ.
ބޫޓުގެ އެންމެ ތަފާތު ޑިޒައިންތަކަށް އަރާލަން މިއީ އެންމެ އެކަށީގެންވާ ދުވަސްވަރެވެ.
'ސްޓޭޓްމެންޓް' ހީލްސް އަކީ އެކި ގޮތްގޮތަށް ޖަރީ ކޮށްފައި ހުންނަ ހީލްސް އެވެ. ބޫޓުގެ ބައްޓަން ނުވަތަ އޭގައި ޖަހާފަ ހުންނަ އެއްޗެއް ވަރަށް 'ފިއުޗަރިސްޓިކް' އަދި ޒަމާނީ ސްޓައިލްއަކަށް ހުރެފައި އެ މީހަކު ލައި އަންނައުނަކާ ގުޅުވާލުމުން އެ މީހެއްގެ މުޅި ސްޓައިލްއަށް އިތުރު ހިތްގައިމުކަމަކާއި ޒަމާނީ ސިފައެއް ގެނެސްދޭނެ އެވެ.
'ސްޓޭޓްމެންޓް' ހީލްސް އަކީ އޮފީހަށް ނުވަތަ ރަސްމީ ހަފްލާތަކަށް ވަރަށް އެކަށީގެންވާ ސްޓައިލްއެކެވެ. އޮފީހަށް ދާން ގަމީހަކާއި ހަރުވާޅެއް ނިއުޓްރަލް ކުލައަކުން ގުޅުވާލައިފައި ތަފާތު ސްޓައިލްއެއްގެ 'ސްޓޭޓްމެންޓް' ހީލްސްއަކަށް އަރާލުމުން އެ މީހެއްގެ މުޅި ސްޓައިލް ވަރަށް ފަސޭހައިން ޒަމާނީ ވައްޓަފާޅިއަކަށް ބަދަލު ކޮށްލަދޭނެ އެވެ.
'ސްލިންގް ބެކް ކިޓަން' ހީލްސް އަކީ ހަގީގަތުގައި މުޅީން އާ ޓްރެންޑެއް ނޫނެވެ. މިއީ1950ގެ އަހަރުތަކުގައި މަގުބޫލުވި ބޫޓު ސްޓައިލްއެކެވެ. އަދި 1960ގެ އަހަރުތަކުގައި އިތުރަށް އޭގެ މަގުބޫލުކަން ފެތުރުނެވެ. އެއަށް ފަހު ކިޓަން ހީލްސް އަކީ އެކި ޒަމާންތަކުގައި އެކި ފަހަރު މަތީން ތަފާތު ސްޓައިލްތަކުގައި ފެނުނު ބޫޓެކެވެ.
'ކިޓަން ހީލްސް' އަކީ އެހާ އުސް ބޫޓެއް ނޫނެވެ. އަރާލަން ފަސޭހަ ވައްތަރަކަށް ވެފައި އޭގެ އެކި ކުލަ އާއި ޑިޒައިންތައް މިހާރު ލިބެން ހުރެ އެވެ. މި އަހަރު ފެންނާނެ 'އެނިމަލް ޕްރިންޓް' ހުރި 'ކިޓަން ހީލް' އަކަށް އަރާލުމުން ކޮންމެ ހެދުމަކާ ވެސް ގުޅޭނެ އެވެ. އަދި އެއީ ގިނަ މުނާސަބަތުތަކަށް އެކަށީގެންވާ ވައްތަރެކެވެ.
މި އަހަރު މަގުބޫލު ވާނެ ކަމަށް ގިނަ ފެޝަން މާހިރުން ބުނާ އަނެއް ބޫޓު ސްޓައިލްއަކީ 'ޕީޕް ޓޯ' ހީލްސް އެވެ. މިއީ އަނެއްކާވެސް ވިންޓެޖު ބޫޓު ސްޓައިލްއެކެވެ.
މި ލަތީފީ ސްޓައިލް ފުރަތަމަ ފެޝަންއެއްގެ ގޮތުގަ ފެނުނީ 1940ގެ އަހަރުތަކުގަ އެވެ. އެއީ އޭރުގެ އަންހެންވަންތަ ސްކާޓް އާއި ހެދުމާ ގުޅުވާލައިގެން އެ ޒަމާނުގައި އަންހެނުން އަރާ އުޅުނު އެންމެ މަގުބޫލު ބޫޓެވެ.
މި އަހަރު މި ސްޓައިލް އަނެއްކާވެސް ފެންނާނެ ކަމަށް ލަފާ ކުރެވޭ މައިގަނޑު އެއް ސަބަބަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޮޑެތި ފެޝަން ބްރޭންޑުތަކުން މި ސްޓައިލްގެ އެކި ޑިޒައިންތައް ދައްކާލައިފައިވުމެވެ.
މި އަހަރު ވިންޓެޖު ލުކްއެއްގެ ބޫޓެއް ހެދުމަކާ އެކު ގުޅުވާލަން ބޭނުން ނަމަ 'ޕީޕް ޓޯ' ހީލްސް އެކަށީގެންވެ އެވެ.
'ބޯޓް ޝޫސް' ނުވަތަ 'ޑެކް ޝޫސް' އަކީ އާންމުގޮތެއްގައި ކެންވަސް ނުވަތަ ލެދަރު ބޭނުންކޮށްގެން ތައްޔާރު ކޮށްފައި ހުންނަ، ބޯޓެއްގައި ބޭނުންކުރުމަށް ފަރުމާކޮށްފައިވާ ބޫޓުގެ ވައްތަރެކެވެ. މިއީ ދެ ޖިންސަށް ތައްޔާރު ކޮށްފައިވާ ހުޅަނގުގެ މަގުބޫލު ކްލެސިކް ސްޓައިލްއެކެވެ.
މި ސްޓައިލް މިދިޔަ އަހަރު މަގުބޫލު ފެޝަން ބްރޭންޑު މިއު މިއުގެ ބަހާރު މޫސުމުގެ ކަލެކްޝަނުގައި ދައްކާލުމަށް ފަހު އެހެން ބްރޭންޑުތަކުން ފިނި މޫސުމުގެ ކަލެކްޝަނުގައި މި ވައްތަރުގެ ބޫޓު ދައްކާލި އެވެ.
'ބޯޓް ޝޫސް' އަކީ ވެސް ކޮންމެ ޒަމާނަކަށް އެކަށީގެންވާ ކްލެސިކް ސްޓައިލްއަކަށް ވެފައި ސެމީ ކެޝުއަލް އަދި ނުރަސްމީ ހަފްލާތަކަށް އަރާލަން ރީތި ބޫޓެކެވެ.
ޕެންޓޯންއިން މުށި ކުލައިގެ ޓޯންއެއް ކަމަށްވާ 'މޯކާ މޫސް'އަކީ 2025ގެ ކުލަ ކަމަށް އިއުލާނު ކުރުމުގެ ސަބަބުން ގިނަ ފެޝަން މާހިރުން ދެކޭ ގޮތުގައި މި އަހަރުގެ ބޫޓު ޓްރެންޑު ލޯފާޒް މި ކުލައިގައި ބެހެއްޓުން ޗާލެވެ. ކަޅު ކުލައިގެ ލޯފާޒް އަކީ އާއްމު ސްޓައިލްއަކަށް ވެފައި މި އަހަރުގެ ޓްރެންޑަކާ ގުޅުވާލަން ބޭނުން ނަމަ މުށި ކުލައިގެ ލޯފާސްއަށް ބަދަލުކޮށްލުން އެކަށީގެންވެ އެވެ.
މިދިޔަ އަހަރު ވަނީ އެކި ޒާތުގެ އަދި އެކި ކުލައިގެ ސްނީކާ ސްޓައިލްތައް ފެނިފަ އެވެ. ޓިކްޓޮކް އަދި އިންސްޓަގްރަމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފެޝަން ކޮންޓެންޓް ކްރިއޭޓަރުން ވަނީ ސްނީކާސްއަށް އަރައިގެން އެކި ހެދުން ސްޓައިލްކޮށްލެވޭނެ ގޮތްތައް ދައްކާލައިފަ އެވެ.
މި އަހަރު ވަކީން ހާއްސަކޮށް މަގުބޫލު ވާނެ ކަމަށް ބެލެވޭ އެއް ސްޓައިލް އަކީ 'ރަނާ ސްނީކާސް' އެވެ. 'ޕޫމާ ސްޕީޑްކެޓް' ފަދަ ރަނާ ޝޫސް އަކީ މިހާރު ގިނަ ބަޔަކަށް ކަމުދާ ނަލަ ސްޓައިލް އެކެވެ. 'ޕޫމާ ސްޕީޑްކެޓް'ގެ ސިފައަށް ހިމަކޮށް ހުންނަ ބޫޓުތައް އެހެން ބްރޭންޑުތަކުން ވެސް ލިބެން ހުރެ އެވެ. 'ރޭސިން' ނުވަތަ 'ރަނާ' ބޫޓުތަކަކީ މިވަގުތު އެންމެ ޒަމާނީ ސްޓައިލް އެވެ.
ސުއޭޑް އަކީ ހަމައެކަނި މި އަހަރު ބޫޓުގެ ގޮތުގައި ފެންނާނެ ޓްރެންޑެއް ނޫނެވެ. އަންނައުނު އަދި އަތްދަބަހުގައި ވެސް ސުއޭޑު ފޮތި ބޭނުންކޮށްފައި ހުރުމަކީ މިފަހުގެ ޓްރެންޑެކެވެ.
ސްނީކާ ބޫޓު ސްޓައިލްތަކުގެ ތެރެއިން މި އަހަރު މަގުބޫލުވާނެ ކަމަށް ބެލެވޭ ދެވަނަ ސްޓައިލް އަކީ ސުއޭޑް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ސްނީކާސް އެވެ. މިދިޔަ އަހަރު ސްނީކާސްއަށް ރަތް، ފެހި އަދި ރީނދޫ ފަދަ ކުލަތަކަށް ޓްރެންޑެއްގެ ގޮތުގައި ސަމާލުކަން ލިބުމަށް ފަހު މި އަހަރު ފެންނާނެ އެންމެ ބޮޑު އެއް ޓްރެންޑަކީ ސުއޭޑް އެވެ.
މިއީ ފާއިތުވި އަހަރުތަކުގައި ވެސް ފެނިގެންދިއަ ޓްރެންޑުތަކެކެވެ. އަދި މީގެ ތެރެއިން ގިނަ ސްޓައިލްތަކަކީ ކްލެސިކް ބޫޓުގެ ވައްތަރުތަކަށް ވުމުން ދެން އަންނަ އަހަރުތަކުގައި ވެސް އަރާލަން އެކަށީގެންވެ އެވެ. ކޮންމެ ޒަމާނަކަށާއި މުނާސަބަތަކަށް ވެސް ފެތެ އެވެ. މުޅިން އާ ބޫޓުތަކެއް ގަންނަން އިތުރު ހަރަދެއް ކުރާކަށް ނުޖެހެ އެވެ.
ފެޝަންގެ ނަމުގައި ވަގުތީ ގޮތުން އެންމެ ދެތިން މަހު އަރާލަން އޮތް ޓްރެންޑެއް މި އަހަރު ނެތްކަން ފާހަގަވި އެވެ. މިގޮތަށް ފެޝަންގެ ޓްރެންޑުތައް ހިނގާ ނަމަ ފެޝަންގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަ ނިސްބަތަކުން ނަމަވެސް ލުއިވެ އެވެ.
މި އަހަރު އެންމެ ހިނގާނެ ބޫޓުތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ