އެސްޓޯނިއާގެ ފަންނިއްޔާތުގެ ދާއިރާއާއި ސްޓާޓްއަޕް އިކޯސިސްޓަމުން ރާއްޖޭގެ ޑިޖިޓަލް ފަންނިއްޔާތުގެ ދާއިރާއަށް ކުރިއެރުވުމަށް ހިތްވަރު ލިބިގެންދާކަމަށާއި، އުންމީދަކީ ދެ ޤައުމު ގުޅިގެން އިޖާދީ މަސައްކަތްތަކެއް ވީހާވެސް އަވަހަށް ފެށިގެންދިއުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެސްޓޯނިއާގެ ރައީސްއަށް ލަފާ އަރުވާ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު ބޭއްވި ބައްދަލުކުރުމުގެ މުހިއްމުކަމާ ގުޅޭގޮތުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެސްޓޯނިއާގެ ރައީސް ޑރ. އަލަރް ކަރިސްއަށް އެ ޤައުމުގެ ފަންނިއްޔާތުގެ ކަންކަމުގައި ލަފާއަރުވާ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއި އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ ކުރިމަގު ބައްޓަން ކުރާނެ ގޮތުގެ ތަޞައްވުރު ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމަށް ފަހު އެސްޓޯނިއާގެ ރައީސް ޑރ. އަލަރް ކަރިސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެސްޓޯނިއާގެ ޑިޖިޓަލް ތަޖުރިބާ އާއި އިޖާދުތައް ފެށުމުގެ އިކޯސިސްޓަމްގެ ތަޖުރިބާތައް ރާއްޖެއާ ހިއްސާކޮށް ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށެވެ. އަދި މިއީ ދިވެހި ސަރުކާރާއި އަމިއްލަ ވިޔަފާރިތަކަށްވެސް ކުރިއެރުން ގެނެސްދޭނެ މަސައްކަތެއްކަމަށް އެސްޓޯނިއާގެ ރައީސް ވިދާޅުވިއެވެ.
އެސްޓޯނިއާގެ ރައީސްގެ ޕޯސްޓާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓުގައި ރައީސް ޑރ. އަލަރް ކަރިސް އާއިއެކު މި ބައްދަލުވުމުގައި މުހިންމު މަޝްވަރާތަކެއް ކުރެވުނުކަން ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެސްޓޯނިއާގެ ފަންނިއްޔާތުގެ އީޖާދުތަކާއި ފަންނީއްޔާތުގެ ދައިރާގެ ވިޔަފާރިތައް ފެށުމަށް ބޭނުން ކުރާ ސްޓާޓް އަޕް އިކޯ ސިސްޓަމްއަކީ ރާއްޖޭގެ މިދާއިރާ ކުރިއެރުވުމަށް ލިބޭ ހިއްވަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދެ ޤައުމު ގުޅިގެން ކުރާ އިޖާދީ މަސައްކަތްތައް އަވަހަށް ފެށުމަށް އިންތިޒާރު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި، އެ ކައުންސިލްގެ މެންބަރުން ވަނީ އުމްރާނީ ވަޞީލަތްތައް ބިނާކުރުމަށާއި ޑިޖިޓަލް ތަރައްޤީގެ މުހިންމު ދާއިރާތައް ކުރިއެރުވުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު އަދާކުރެވިދާނެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އަދި އީޖާދުތަކަށް މަގުފަހިކުރުމަށް ސްޓެމް އެޑިއުކޭޝަނާއި ލޮޖިކަލް ތިންކިންގއަކީ ޅަ ޢުމުރުން ފެށިގެންވެސް އުނގަންނައިދިނުން މުހިންމު ކަންތައްތަކެއްކަން ވެސް އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.
އަދި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރަށް އެއްބާރުލުން ދެއްވުމުގެ ގޮތުން އެފަރާތްތަކުގެ ތަޖުރިބާ ޙިއްސާކޮށްދެއްވައި، ޚިދުމަތްތައް އަލުން ފަރުމާކުރުމާއެކު އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ޝައުގުވެރިކަން، ކައުންސިލުގެ މެންބަރުން ފާޅުކުރެއްވިއެވެ.
އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު ކުރިއަށް ގެންދެވި މަޝްވަރާތައް ޢަމާޒު ކުރެއްވީ ދިވެހިރާއްޖޭގެ އަދުގެ ޙާލަތު ދެނެގަތުމާއެކު، ޑިޖިޓަލް ތަރައްޤީގެ ރޮނގުން ދިވެހިރާއްޖެއަށް އެންމެ ބޭނުންރެރި ދާއިރާތަކާއި އިސްތިރާޖުތައް ދެނެގަތުމުގެ މައްޗަށެވެ.
އެސްޓޯނިއާގެ ރައީސަށް ލަފާ އަރުވާ އެޤައުމުގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާކު ރައުންޑްޓޭބަލް މަޝްވަރާތައް ކުރިއަށް ގެންދެވީ އެސްޓޯނިއާގެ ޕޯކޯ ޕޮޕް އެންޑު ކޮންޓެމްޕޮރަރީ އާރޓް މިއުޒިއަމްގައެވެ.
އެސްޓޯނިއާގެ ފަންނިއްޔާތު ދާއިރާއިން ހިތްވަރުލިބިގެން ރާއްޖޭގައި އިޖާދީ މަސައްކަތްތަކެއް އަވަހަށް ފެށުމަކީ އުންމީދެއް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ