ފާއިތުވި 15 މަސް ދުވަހު ފަލަޞްޠީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލައި އަސީރުން ބަދަލު ކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާ ކުރުމަށް ފަހު އެންމެ ފަހުން ޔަހޫދީ ދައުލަތާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން މި ވަނީ އެއްބަސް ވެފައެވެ. ފާއިތުވީ ދުވަސްތަކުގައި އެއްބަސްވުމަކާ ހަމައަށް ނާދެވި މަޝްވަރާތައް ދިގުލައިގެން ދިޔައީ ޙަމާސްގެ ހުށަހެޅުންތަކަށް ޔަހޫދީންނަށް އެއްބަސް ނުވެވި, ޔަހޫދީންގެ ހުށަހެޅުންތަކަށް ޙަމާސަށް އެއްބަސް ނުވެވިގެންނެވެ. އަސީރުން ދޫކޮށްލުމަށް ޔަހޫދީން ޝަރުތު ކުރަމުން ދިޔަ ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް ޙަމާސުން ބުނަމުން ދިޔައީ އަސީރުން ދޫކޮށްލާނީ ހަނގުރާމަ އެއްކޮށް ހުއްޓައިލުމަށް ޔަހޫދީން އެއްބަސްވާ ނަމައެވެ.
އެއްބަސްވުމުގެ ފުރިހަމަ ތަފްޞީލު މިހާތަނަށް ލިބިފައި ނުވި ނަމަވެސް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ މަޝްވަރާތައް ވިލަރެސް ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ ޤަޠަރުން ތައްޔާރުކޮށް ޙަމާސަށާއި ޔަހޫދީ ދައުލަތަށް ފޮނުވާފައިވާ ދެލިކޮޕީތަކުގައި ހިމެނޭ ބައިތަކަށް އަލި އަޅުވާލައިނަމެވެ.
ޔަހޫދީ ފައުޖުން ޣައްޒާގައި ޢުދުވާން ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާން ފަށާފައި ވަނީ އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ޢުދުވާނީ ޙަމަލާތައް ފަށާފައި ވަނީ، އެ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާއެކެވެ. އެ ދުވަހު ޙަމާސުން ވަނީ 250އެއްހާ މީހުން ރަހީނުކޮށްފައެވެ.
ހަނގުރާމަ ހުއްޓައިލުމުގެ ފުރަތަމަ މަރުޚަލާގައި ދެ ފަރާތުން ވެސް އަސީރުން ދޫކޮށްލުމަށް ދެލިކޮޕީގައި ހުށަހަޅާފައި ވެއެވެ. އެކި މަރުޚަލާތަކަށް ބަހާލައިގެން މި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހުށަހެޅިއިރު ފުރަތަމަ މަރުޚަލާގައި މިނިވަންކުރާނީ ޙަމާސުން އަސީރުންގެ ގޮތުގައި ގެންގޮސްފައިވާ މީހުންގެ ތެރެއިން 33 މީހުންނެވެ. އެ ގޮތުން ފުރަތަމަ މަރުޚަލާގައި މިނިވަންކުރާނީ ކުޑަކުދިންނާއި އަަންހެން ސިފައިން ހިމެނޭ ގޮތަށް އަންހެނުންނެވެ. އަދި ފިރިހެނުންގެ ތެރެއިން އުމުރުން 50 އަހަރަށް ވުރެ ދޮށީ މީހުންނާއި ބަލި މީހުންނާއި ޞިއްޙީ އެހީތެރިކަން ބޭނުންވާ މީހުންނެވެ. ފުރަތަމަ މަރުޚަލާ ފުރިހަމަ ކުރުމަށް ވެސް ދެ މަސް ދުވަސް ނަގާފާނެ ކަމަށް ފަލަޞްތީނުގެ ރަސްމީ މަސްދަރުތަކުން ބުނެއެނެ.
ރާވާފައިވާ ގޮތާ އެއްގޮތަށް ކަންތައްތައް ދާނަމަ އެއްބަސްވުމަށް ޢަމަލު ކުރަން ފަށާތާ 16ވަނަ ދުވަހު ދެވަނަ މަރުޚަލާގެ މަޝްވަރާތައް ފެށޭނެއެވެ. އެ މަރުޚަލާގެ މަޤްސަދަކީ ޙަމާސުން ގެންދިޔަ އަސީރުންގެ ތެރެއިން ބާކީ ތިބި މީހުން އަނބުރާ ގެންދިޔުމެވެ. އެއީ ފިރިހެން ސިފައިންނާއި ޒުވާން ފިރިހެން އަސީރުންގެ އިތުރުން މަރުވެފައިވާ އަސީރުންގެ ހަށިތައް ރައްދު ކުރުމުގެ މަރުޚަލާއެވެ.
ޙަމާސުން އަސީރުން މިނިވަން ކުރުމުގެ ބަދަލެއްގެ ގޮތުގައި ޔަހޫދީ ޖަލުތަކުގައި ތިބި ގިނަ ޢަދަދެއްގެ ފަލަޞްޠީނުގެ ޤައިދީން ޔަހޫދީން މިނިވަން ކުރާނެއެވެ. އެއީ ކޮންމެ އަސީރަކަށް 30 ޤައިދީންގެ މަގުންނެވެ. އަދި އަސްކަރީ ފައުޖުގެ ކޮންމެ މީހަކަށް 50 ޤައިދީންގެ މަގުންނެވެ. ޔަހޫދީން މިނިވަންކުރާ މީހުންގެ ތެރޭގައި އުމުރަށް ޖަލަށް ލާފައިވާ މީހުން ވެސް ހިމެނެއެވެ. ބެލެވޭ ގޮތުގައި 1000އަށް ގިނަ ޤައިދީން އެއްބަސްވުމުގެ ދަށުން ދޫކޮށްލާނެއެވެ. އެ ގޮތުން އޮކްޓޯބަރު 7 ގެ ފަހުުން ހައްޔަރު ކޮށްފައިވާ ފަލަޞްޠީނުގެ ހުރިހާ އަންހެނުންނާއި ކުޑަ ކުދިން މިނިވަންކުރުމަށް ހަމަޖެހިފައި ވެއެވެ. ނަމަވެސް މި ގޮތަށް މީހުން މިނިވަންކުރުމުގައި އޮކްޓޯބަރު 7ގެ ޙަމަލާގައި ބައިވެރިވި އެއްވެސް މީހެއް ނިހިމެނޭނެއެވެ.
ޔަހޫދީންގެ ފައުޖުތައް ފަލަޞްޠީނުން ފުރިހަމައަށް ފައިބާނީ އެމީހުންގެ ހުރިހާ އަސީރުން މިނިވަންކޮށް ނިމުމުންނެވެ. ނަމަވެސް އެއްބަސްވުމަށް ޢަމަލު ކުރަން ފަށާ ހިސާބުން ފެށިގެން މަރުޚަލާތަކަކަށް ބަހާލައިގެން ދާނީ ފައުޖުތައް މަދު ކުރަމުންނެވެ. ފަލަޞްޠީނުގައި ބާކީ ތިބޭ ސިފައިންނަކީ ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ބިންތަކާއި އަވަށްތައް ދިފާޢު ކުރުމަށް ސަރަޙައްދީ ރޮނގުތަކުގެ ކައިރީގައި ތިބޭ ސިފައިންނެވެ.
އޭގެ އިތުރުން މިޞްރާއި ދެކުނު ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ފިލަޑެލްފި ކޮރިޑޯގައި ސަލާމަތީ އިންތިޒާމުތައް ހަަމަޖައްސާނެއެވެ. އެއްބަސްވުމަށް ޢަމަލު ކުރަން ފަށާތާ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި ޔަހޫދީ ފައުޖުން ފިލަޑެލްފި ކޮރިޑޯގެ ބައެއް ސަރަޙައްދުތައް ދޫކޮށް ދާނެއެވެ.
އެއްބަސްވުމުގެ ދަށުން ޣައްޒާގެ ރައްޔިތުންގެ ތެރެއިން އުތުރު ޣައްޒާއަށް ނިޞްބަތްވާ ރައްޔިތުންނަށް އެ ސަރަޙައްދަށް އަނބުރާ ދިޔުމަށް ވެސް ފުރުޞަތު ލިބޭނެއެވެ. މި ގޮތަށް އަނބުރާ އައުމުގެ ޙުއްދަ ދެވޭނީ އެ ފަދަ ރައްޔިތުންގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތްކަން ޔަޤީން ކޮށްފައެެވެ. ޣައްޒާގެ މެދުތެރޭގައި އޮންނަ ނިތުޝާރީމް ކޮރިޑޯ ވެސް ޔަހޫދީ ފައުޖުން ދޫކޮށްލާނެއެވެ.
ޣައްޒާއާއި މިޞްރާ ދެމެދު އޮންނަ ރަފާހު މަގު ވެސް މަޑުމަޑުން ހުޅުވައިލާނެއެވެ. އެއާއެކު ޣައްޒާގެ ރައްޔިތުންގެ ތެރެެއިން ބަލި މީހުން ފަރުވާ ދިނުމަށް ޣައްޒާއިން ބޭރު ކުރުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ. އަދި އިންސާނީ ސަބަބުތަކަށް ވެސް މީހުން ބޭރު ކުރުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.
އިންސާނީ ކާރިޘާއެއް ތަހައްމަލު ކުރަމުންދާ ޣައްޒާއަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު ފޯރުކޮށްދޭ އިންސާނީ އެހީތެރިކަން ބޮޑުތަނުން އިތުރު ވެގެން ދާނެއެވެ. އެއްބަސްވުމުގެ ދަށުން ޙަމަލާ ބަދަލު ކުރުން ހުއްޓާލާފައި އޮންނަ ކޮންމެ ދުވަހަކު 600 ޓްރަކުގެ އިންސާނީ އެހީ ޣައްޒާއަށް ވައްދަން ޖެހޭކަމަށް މަސްދަރުތަކުން ބުނެއެވެ. އޭގެ ތެރެއިން 50 ޓްރަކުގައި އެތެރެ ކުރާނީ ތެލެވެ. މުޅިއަކު 300 ޓްެރަކު ޚާއްޞަ ކުރާނީ ޣައްޒާގެ އުތުރަށެވެ.
ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމުގެ ދެލިކޮޕީން ނޭނގޭ އެއް ކަމަކީ ކުރިމަގުގައި ޣައްޒާ ހިންގައި އެ ސަރަޙައްދުގައި ވެރިކަން ކުރާނީ ކޮން ބައެއް ކަމެެވެ. މައްސަލައިގެ ބޮޑުކަމާއި ނާޒުކު ކަމުގެ ސަބަބުން އަދި އެ މައުޟޫޢުއަށް މަޝްވަރާ ކުރަން ވެއްޖެ ނަމަ އެއްބަސްވުމަކާ ހަމައަށް ނާދެވި މަޝްވަރާތައް ދިގުލައިގެން ދާނެ ކަމަށް ބެލެވޭތީ މަޝްވަރާތަކުގައި މި މައުޟޫޢު ހިމަނާފައި ނުވާ ކަމަށް ބެލެވެއެވެ.
ޙަމާސާއި ފަލަޞްޠީނިއަން އޮތޯރިޓީން ޣައްޒާ ހިންގުމަށް ޔަހޫދީން ދެކޮޅު ހެދި ނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބުނަމުން ދަނީ ޣައްޒާ ހިންގަން ޖެހޭނީ ފަލަޞްޠީނުން ކަމަށެވެ. ފަލަޞްޠީނިއަން އޮތޯރިޓީ އިޞްލާހު ކޮށް ވެރިކަމާ ޙަވާލުވެވެން ދެން ޣައްޒާ ހިންގާނެ ވަގުތީ ވެރިކަމެއް ޤާއިމު ކުރުމާ ގުޅޭ ގޮތުން ޔަހޫދީންނާއި އެމެރިކާއާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)އާ ދެމެދު މަޝްވަރާތައް ވަނީ ކުރެވިފައެވެ.
ޙަމާސްގެ ހުރިހާ ހުށަހެޅުމަކަށް ޔަހޫދީންނަށް ވާން ޖެހުނީ އެއްބަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ