ގާޒީ ބަންދުކުރި މައްސަލައިގައި ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ސިފައިންގެ އޭރުގެ އޮޕަރޭޝަންސް ޑިރެކްޓަރު ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައި މިރޭ ހުކުމް ކޮށްފި އެވެ.
ޒިޔާދަށް ހުކުމްކުރަން މިރޭ ބޭއްވި މަޖިލީހުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ އެ އޮޕަރޭޝަންގައި ޒިޔާދު އަމަލުކޮށްފައިވަނީ އޭނާ ހުރި މަގާމުގެ ހައިސިއްޔަތުން ސިފައިންގެ ތެރޭގައި އަމަލުކުރަންޖެހޭ އުސޫލާ އެއްގޮތަށް ކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. އަދި ނުބައި ޖަރީމާއެއް ހިންގުމުގެ ނިޔަތް ޒިޔާދުގެ ކިބައިގައި އޮތްކަން ސާބިތުނުވާތީ އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް ގާޒީ ދީދީ ވިދާޅުވި އެވެ.
ގާޒީ ހައްޔަރުކުރި މައްސަލާގައި ޒިޔާދުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އަދި މިހާރު ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ދީދީގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ.
ޓެރަރިޒަމްގެ ދައުވާ މި ބޭފުޅުންގެ މައްޗަށް ކޮށްފައި ވާއިރު ނަޝީދުގެ މައްޗަށް ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ. މިހާރުގެ ޑިފެންސް މިނިސްޓަރު ޖަލީލުގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ. ތޮލްހަތުގެ މައްޗަށް 10 އަހަރަށް ޖަލަށްލާން މިރޭ ވަނީ ހުކުމް ކޮށްފަ އެވެ.
ޒިޔާދު އެމްއެންޑީއެފްގެ އޭވިއޭޝަން ކޮމާންޑުުގެ ކޮމާންޑަރަކަށް ހުންނަވަނިކޮށް މިިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ