އިމްރާން ޚާން "ގެއްލިގެން"، ކަންބޮޑުވުންތަކެއް

ޖަލުގައި ބަންދުކޮށްފައި ވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ އެއްވެސް ޚަބަރެއް ނުވާތީ އޭނާގެ އާއިލާ އާއި ސަޕޯޓަރުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ. ސޯޝަލް މީޑިއާ އާއި ބައެއް ނޫސްތަކުން ވަނީ އިމްރާން, ޖަލުގައި މަރާލާފައިވާ ކަމުގެ އަޑުތައް ފެތުރޭ ކަމަށް ބުނެފައެވެ. ނަމަވެސް އެއްވެސް ރަސްމީ އިދާރާއަކުން އަދި މިކަން ޔަގީންކޮށެއް ނުދެއެވެ. ޕާކިސްތާނުގެ ތަހްރީކް އިންސާފް (ޕީޓީއައި) ގެ އިސްވެރިޔާގެ މަގާމުވެސް އަދާކުރައްވާ އިމްރާން ޚާން ވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އެތައް މައްސަލައެއް ސާބިތުވެ، ޖަލުގައި ބަންދުކޮށްފައެވެ. އިމްރާން ޖަލުގައި މަރާލާފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެފައިވާއިރު، އޭނާގެ ތިން އަންހެން ކޮއްކޮ ވަނީ އިމްރާންއާ ބައްދަލުކުރަން އެދުމުން ފުލުހުން އަނިޔާވެރިވެފައިވާ ކަމަށް ބުނެފައެވެ. އިމްރާންގެ ތިން އަންހެން ކޮއްކޮ ކަމަށްވާ ނޫރީން ޚާން، އަލީމާ ޚާން، އަދި އުޒްމާ ޚާން ވަނީ ޕީޓީއައިއަށް ތާއީދުކުރާ މީހުންނާ އެކު މި ހަފްތާގައި ރަވަލްޕިންދީގެ އަޑިއާލާ ޖަލުގެ ބޭރުގައި އެއްވެ، އިމްރާންއާ ބައްދަލު ކުރުމުގެ ހުއްދަ ދިނުމަށް އެދިފައެވެ. އިމްރާން, އާއިލާއާ ބައްދަލުކުރުމަށް ހުއްދަ ނުދޭތާ ތިން ހަފުތާއަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އިމްރާންގެ ކޮއްކޮމެންނާ ހަވާލާދީ އެންޑީޓީވީން ރިޕޯޓުކޮށްފައިވެއެވެ. ޕަންޖާބުގެ ޕޮލިސް ޗީފް އުސްމާން އަންވަރަށް ފޮނުވި ސިޓީއެއްގައި އިމްރާން ޚާންގެ އަންހެން ކޮއްކޮއިން ބުނީ ފުލުހުން އެ މީހުންނަށް އަނިޔާކުރީ އެއްވެސް އިންޒާރަކާވެސް ނުލައި ކަމަށެވެ. "އަހަރެމެން ސުލްހަވެރިކަމާއެކު މުޒާހަރާކުރީ އޭނާގެ ސިއްޙީ ހާލަތާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން. މަގުތައް ބަންދުކޮށް އާންމުންގެ ހަރަކާތްތަކަށް ހުރަސް އެޅި، ގާނޫނާ ޚިލާފު އެއްވެސް ކަމެއް ވެސް ނުކުރަން. ނަމަވެސް އިންޒާރެއް ނެތި އެ ސަރަހައްދުގެ މަގުމަތީގެ ލައިޓްތައް ކުއްލިއަކަށް ނިއްވާލާފައި ގަސްތުގައި އަނދިރިކޮށްލީ. އޭގެ ފަހުން ކުރި ކަމަކީ ޕަންޖާބުގެ ފުލުހުންގެ އަނިޔާވެރި ހަމަލާ ދިނީ." ނޯރީން ނިޔާޒީ ބުންޏެވެ. ޕީޓީއައި އިން ބުނާ ގޮތުގައި އިމްރާން ހުރީ މުޅިން އެކަހެރިކޮށް, އެކަނިވެރިކޮށް ބަންދުކޮށްފައެވެ. އިމްރާންގެ ގާނޫނީ ޓީމާ ގުޅުން ހުރި ވަކީލަކު މީޑިއާއަށް ވިދާޅުވީ އިމްރާނަށް ފޮތްކިޔުމާއި، ޒަރޫރީ ތަކެތި ފޯރުކޮށްދިނުމާއި ވަކީލުންނާ ބައްދަލުކުރުން ވެސް ހުއްޓުވާފައިވާ ކަމަށެވެ. "މިތަނުގައި ވެރިކަން ކުރަނީ ޖަންގަލީގެ ގާނޫނު. ހައްގުތައް ލިބެނީ ހަމައެކަނި ވެރިކަން ކުރާ ބަޔަކަށް. އެހެން މީހަކަށް އެއްވެސް ހައްގެއް ނެތް." ޚާލިދު ޔޫސުފް ޗައުދްރީ ވިދާޅުވިއެވެ. ޓެރަރިޒަމްގެ ދައުވާއާއި، ދައުލަތުގެ ސިއްރުތައް ލީކުކުރުމުގެ ދައުވާ ވެސް ހިމެނޭހެން 150 އަށްވުރެ ގިނަ ދައުވާ އިމްރާންގެ މައްޗަށް އުފުލާފައިވާއިރު، އެ ހުރިހާ ދައުވާއަކީ ވެސް ސިޔާސީ ގޮތުން ކޮށްފައިވާ ދައުވާތަކެއް ކަމަށް އިމްރާނާއި އޭނާގެ ސަޕޯޓަރުން ވެސް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ