ޖުންޖުލާ 10
"ޑްރަގް ހަރާމް އެއްޗަކަށްވެފައިވަނީ އެވެސް މަސްތުވާ އެއްޗެހީގެ ތެރޭގައި ހިމެނޭ އެއްޗެއްކަމުގައިވާތީއެވެ. އަދި އޭގެ ސަބަބުން ތިބާގެ ސިކުނޑިއާއި، ނަފުސާއި، އާއިލާ އާއި މުޖުތަމައަށްވެސް ގެއްލުންވާކަމަށްޓަކައެވެ. ޑްރަގްގެ ވަބާއިން އާއިލާއާއި ގައުމުވެސް ސަލާމަތްކުރުމަށް އެންމެންވެސް ވީވަރަކުން މަސައްކަތްކުރަންވާނެއެވެ. އެންމެންގެ ރައްކާތެރިކަމާއި ހަމަޖެހުމަށްޓަކައެވެ." *** "އެ ފުރުގާން ލަދެއްވެސް ނުގަނެއެއްނު..." ޖެނީފާ ރިމޯޓް އެއްލައިލިއެވެ. "ކިހިނެއްވީ؟" "ވަށްބަހުން މަށަށް ޖެއްސުން އެކުރީ...." "ހަމަ އެހެން މީހުންވެސް އުޅޭގޮތެއްނޫންތަ މިއީ؟ އެ ވާހަކަތަކުގައި ގޯހެއްނެތް..........."އާރިކްގެ ޖުމްލައާއެކު ޖެނީފާ މައިތިރިވެ އަނެއްފަރާތަށް އެނބުރުނެވެ. ކުޑަދޮރުގައި އަތް އަޅުވައިލިއެވެ."ތިބުނީ ހަމަ ތެދެއް...އަހަންނަކީ ކުށްވެރިއެއް...ވިޔާނުދާމީހެއް...އަހަންނަށް ހައްގުތަނަކީ ހަމަ ޖަހައްނަމް..." "ޝިރުކު ނޫން ހުރިހާ ފާފައަކަށް ތައުބާވުމުގެ ފުރުސަތު އޮވޭ.." "ފުރަތަމަ މިކަންތައް ހުއްޓާލައިގެން ދޯ ތިހާ މައްޗަށް ދެވޭނީ؟ މަ ކަހަލަ މީހަކަށް ސޯލިހު ދަރިއެއްލިބުނީ ކީއްވެ؟ ކުރިން ނޭގިވެސް ރަގަޅުކަމެއް ކުރެވުނީކަމަށްވާނީ..ބުޅަލެއް ގެންގުޅުނިން. ގަހެއް އިންދިން. މަންމަ ބުނި ހަނދާނެއް ވޭ ގޭގައި މޭވާ ގަހެއް އިންދިޔަސް ޚައިރާތަކަށްވާނެއޭ..ގޭގައި ހުރި އަނބުގަހަކީ އެ ނިޔަތުގައި އިންދި ގަހެއް. މަންމަގެ ބަސްއަހައިގެން ކުޑައިރު އުޅުނީމަ އެކަމުގެ އިނާމަކަށް ލިބުނީ އާރިކް..." "އާރިކްގެ ބައްޕައާއި ގުޅުން ކިހިނެއް؟"ޖެނީފާ އިރުކޮޅެއްފަހުން އެހިއެވެ. އާރިކް އެއްޗެކޭ ބުނަން އުޅެފައިވެސް ދުރަށް ބަލަންފެށިއެވެ. "ބައްޕަ އާރިކްދެކެ ލޯބިވޭ....އެކަން ހަނދާން ނައްތާނުލާ.." އޭނަގެ މަންމަ ބައްޕަގެ ނުބައިކަމުގެ ވާހަކަ ކިޔާދީފައި އަނެއްކޮޅުން އަންގަނީ ލޯބިވުމަށެވެ. އަޖައިބެއްކަހަލަ އަރަތެކެވެ. ހަގީގަތުގައި އޭނައާއި ބައްޕަގެ ގުޅުމުގެ ވާފަށް ހީނަރުވީ ސަބަބުތަކެއްވެސް ހުއްޓެވެ. އެއް ސަބަބަކީ މަންމައެވެ. އެއާއެކު މަންމައާއިމެދު އަމަލުކުރިގޮތް މަންމަގެ ދުލުން އިވުމުން ހިތުގައި ވި ނުރުހުމާއި ރުޅި އިތުރުވިއެވެ. ބައްޕައަށްޓަކާ ހިތުގައި އޮތް އިހުތިރާމާއި ގަދަރު ކެނޑުނެވެ. މިނިސްޓަރެއްގެ މަގާމުގައި ކޯޓުފަޓުލޫނުލައިގެން ހުރި ވަރުގަދަ ޝަޚުސިއްޔަތެއް ނަމަވެސް ފޮރުވިފައިވަނީ ކޮންފަދަ އަނދިރި މާޒީއެއްހެއްހެއްޔެވެ؟ ލިބުނު ހަމައެކަނި ދަރިފުޅުވެސް ބިކަ ހާލުގައި ޖެހި ނިކަމެތިވީއެވެ. ނިކަމެތިންގެ ބަލަދުވެރިޔަކީ ﷲ ތައާލާކަމަށް އޭނަ ގަބޫލުކުރެއެވެ. މާމަ ދުނިޔޭގައި ހުރެގެން އޭނަ ބަލާބޮޑުކުރިކަމީ ރަހުމަތެކެވެ. ނަމަވެސް މަންމަ ގާތުގައި އެކަމަށް އެއްބަސްވާން އޭނަގެ ޟަމީރު ދެކޮޅުހެދި ސަބަބެއް ނޭގުނެވެ. އޭނަގެ މައްސަލައަކީ މައިންބަފައިންގެ ލޯތްބަށް އެންމެ ބޭނުންވީއިރު ހިމާޔަތްނުދީ އެއްލައިލުމެވެ. މިއަދު ބައްޕައާއި މަންމަވެސް އޭނަގެ ހަޔާތަށް ކޮންމެވެސް ސިފައެއްގައި އައުމުން މަޖުބޫރުވީ ހެޔޮކޮށް ހިތުމަށެވެ. މަންމަ އައީ ބަލިމީހެއްގެ ގޮތުގައެވެ. ނަފްސާނީ އެހީތެރިކަން ބޭނުންވެފައެވެ. ނުބައި ވަބާއެއްގެ އަނދިރިކަމުން ނުނިކުމެވިފައެވެ. މަންމަގެ ހިތުގައިވާ އެއްޗެއް ސާފުކޮށް ދެނެގަންނަން އޭނައަށްވަނީ ނުކުޅެދިފައެވެ. މަންމަގެ ސިކުނޑިއަށް ފީނައިގަންނަން ދުވަސްނަގާނެއެވެ. *** އަނެއްކާވެސް ވާރޭގެ ތިކިތައް ފުރާޅުގައި ބޮސްދޭންފެށިއެވެ. އާރިކްގެ މި ދުވަސްކޮޅުގެ ނުރަސްމީ ސައުންޑްޓްރެކްއަކީވެސް ވާރޭފަދައެވެ. ދިރިއުޅުން ހައިޖާނަކަށްވާން ބޭނުންވާއިރަށް ވުމުގެ ރަމްޒަކީ ވާރެއެވެ. އާރިކް މިސްކިތުން ނިކުމެގެން ހިނގާފައި އަންނަނިކޮށް ގަހެއްގެ ބަސްހުއްޓު ކައިރީގައި މަޑުކޮށްލައިގެން ހުރި ނިގާބީ އަންހެންކުއްޖަކު ފެނުނެވެ. ވިސްނައިލުމުން އެއީ އަހެދްއާއެކު އުޅޭ މަޑުމައިތިރި އަންހެންކުއްޖާކަން އެނގުނެވެ. މިއަދު އެކަނިމާއެކަނި އެހެރީ އަހެދްގެ އިންތިޒާރުގައި ކަމަށް ވެދާނެއެވެ. ވައިރޯޅިތަކުގެ ހަމަލާއިން ބުރުގާ އުދުުހިދާނެހެން ހީވުމުން ގަޔާއި ގާތަށް ދަމައިލިއެވެ. އެހިސާބާއި ކައިރިވެފައި އޭނައަށް ފިޔަވަޅުތައް މަޑުކޮށްލެވުނެވެ. އެކުއްޖާގެ ހާޟިރުގައި ކޮންމެވެސް ކަހަލަ އިހުސާސްތަކެއް ކުރެވުނެވެ. ކޮންމެހެން މޫނު ދެނެގަނެވޭކަހަލަ އިހުސާސެއްނޫނެވެ. އެއް ޒަމާނެއްގައި ލޯބިކުރި ލަވައެއްގެ ނަން ސިކުނޑިން ކައްސައިލިފަދަ އިހުސާސްއެކެވެ. ބާބިލް މަޑުމަޑުން ހިނގާލަފައި އައިސް އޭނަގެ ކައިރިއަށް ހުއްޓުނެވެ. ސީދާ ލޮލަށް ބަލަހައްޓައިގެން ހުރީ ލަދުގަންނަވާފަދަ ގޮތަކަށެވެ. ނަމަވެސް އެ ނަޒަރު އަލާނާއާއި ހާސްބައި ތަފާތެވެ. ސާފުކަމާއި މައުސޫމްކަމެވެ. ޝައުގާއި ހިތާމަވެސްމެއެވެ. އެތައް އިހުސާސްތަކުން ކަޅިވެފައިވިއެވެ. އެކަމަކު އެހާވަރަށް އޭނަގެ މޫނަށް ބަލަހައްޓައިގެން ހުރެ އެކުއްޖާ ދެނެގަންނަން މަސައްކަތްކުރީ ކޮންކަމެއްހެއްޔެވެ؟ ނިގާބުއަޅާކުދިންގެ މިފަދަ ނޭއްގާނި ސިފަތައް ހުންނަންވާނެ ހެއްޔެވެ؟ ޔަގީނުންވެސް އޭނަގެ ހިތުގައި އެފަދަ ކުދިންނަށް އޮންނަނީ މަތިވެރި ގަދަރެކެވެ. މީހުން އަޅާ ހެދުމަކީ އެމީހާގެ ހަގީގަތް ބުނެދޭ އެއްޗެއް ނޫނެވެ. ނަމަވެސް އޭނައަށް އެފަދަ ކުދިން ފެންނަނީ އަޅުވެރި ބަޔެއްގެ ގޮތުގައެވެ. "ޢައްސަލާމް އަލައިކުމް...."ބާބިލް އިސްނެގިއެވެ. އާރިކް ސަލާމްގެ ޖަވާބުދިނެވެ. "ތިއީ އަހެދްގެ އެކުވެރިޔާ؟" "ޢާނ.ބާބިލް.........ބާބް ކިޔަސް ރަގަޅުވާނެ..." "އޯ....."އާރިކް ސިހުނެވެ. ކެރޭކުއްޖެކެވެ. "ގަމަރިއްޔާ ދިރިއުޅެނީ ތިގޭގައިތަ؟ އަހަރެން......" "އަހަރެންގެ މާމަ؟" އާރިކް އެއްބުމަ އަރުވައިލިއެވެ. މި އަންހެންކުއްޖާއަށް މާމަ އެނގުނީ ކިހިނެއްހެއްޔެވެ؟ "ހޫމް......ކުރީ ދުވަހަކު ދިމާވެފައި ކުޑަކޮށް އެހީތެރިކަން ބޭނުންވާކަމަށް ބުނި....ހަމަ މަންމައެއްފަދަ އިހުސާސެއް ކުރެވުނީ...އަހަރެން....ހޯޕް ޔޫ ޑޯންޓް މައިންޑް......." "އޯ...އިޓްސް އޯކޭ ހަމަ.....އެންމެ ރަގަޅު..މިދަނީ ގެއާއި ދިމާލަށް.." ދެމީހުން އެ ހަނި މަގުތަކުން ކުރިއަށް ދިޔައިރު ތުނިކޮށް ވާރޭވެހެމުން ދިޔައެވެ. ކިރިޔާ އާރިކްގެ އިސްތަށިގަނޑުގައި ކުދި ފެންތިކިތައް ވިދާވަރަށެވެ. ބާބިލް ކުދި ފިޔަވަޅުތަކުގައި ކުރިއަށް ދިޔައިރު ބަސްމަދެވެ. އެލޮލުން ކަރުނަ ހިލިފައިވިއެވެ. އޭނައަށް އާރިކް ފެނުމާއެކު ހިތުގައި އެތައް އިހުސާސްތަކެއް ހިނގިއެވެ. "އަބަދުވެސް ތިހާ މަޑުން ހުންނަނީ؟" އާރިކް ހަނދާންވީ އަލާނާއެވެ. ދިމާ އިދިކޮޅެވެ. "އެއް އިރެއްގައި...އަހަރެންވެސް މިހެނެއްނޫން..." ބާބިލް ހީލިއެވެ. ފޮރުވިފައިވާ މާޒީއެކެވެ. "ވީއިރު އަހެދްއާއި ބާބް ތިމާގެތަ؟" އިރުގަނޑެއްފަހުން އޭނަ އެހިއެވެ. "ފާޑަކަށް ހެހެ.....އެއްގެއްގައި އުޅެން ޖެހުނީ..އަނެއްހެން ހަމަ ސިސްއެއް އަދި އެންމެ ގާތް އެކުވެރިޔާ...އަހެދް މެރީކުރީ ޕައިލެޓަކާއި....އެކަމަކު....." "ކިހިނެއްވީ؟" "ޑިވޯސްވީ..އޭނަ ކުރިން ރައްޓެހިވިކުއްޖާއާއި ކައިވެނިކުރީ އެކަަމަކު އަހެދް އަދިވެސް އޭނައަށްޓަކާ ހެޔޮ ދުޢާކުރޭ..." "ވެއިޓް...ވަޓް؟" އޭނައަށް ބުނެވުނެވެ. "އަދިވެސް އޭނަދެކެ އަހެދް..ރުޅިއެއްނާދޭ...އިހުތިރާމްކުރޭ.........." "ތީ ހާދަ ނުވާކަހަލަ ކަމެއް ދޯ..އެހެން މީހަކާއި ކައިވެނިކުރާ ހިސާބުން ގިނަފަހަރު އަންހެންކުއްޖާ ވަރަށް ނައްޓާނެ." "އަހެދް ބުނީ ޓްރޫ ލަވްއަކީ އަނެކަކު ކޮންމެފަދަ ގޮތަކަށް އަމަލުކުރިޔަސް ބްރޭކް ކުރާކަހަލަ ޑީލްއެއްނޫނޭ....ﷲތައާލާވެސް އިންސާނުން ކުރާ ފާފަތައް ފުއްސަވާދެއްވައޭ އެހެންވީމަ ރުޅިވެރިކަން ބާއްވަން ބޭނުމެއްނޫނޭ......" "މާޝާﷲ..."އޭނައަށް ބުނެވުނެވެ. "އަހެދް ވަރަށް ހިތްވަރުގަދަ...އަހަރެމެން ދެމީހުންނަށްވާ ވަރަށް ރުއީ އަހަރެން...."ބާބިލް ބުނެލިއެވެ. އޭނަ ސިހިފައި ބާބިލްގެ މޫނަށް ބަލައިލިއިރު ހަމްދަރުދީއާއި ކުލުނު ވެރިވިއެވެ."އެހެން މީހަކު ބާބިލްގެ ހިތްވެސް ހަލާކުކޮށްލީތަ؟" ބާބިލް ބޯ ޖަހައިލިއެވެ. "ޢައިމް ސޮރީ...." "ބައެއްފަހަރު ހިތަކީ ހަލާކުވެސް ވާން އޮންނަ އެއްޗެއް..އަބަދު އުފާވެރިކަން ދުނިޔެއިން ނުލިބޭނެ...." އެމީހުންނަށް އެޕާޓްމެންޓާއި ހަމަޔަށް ފޯރިއެވެ. ގަމަރިއްޔާ ކުޑަދޮރު ކައިރީގައި އެމަންޒަރު ބަލަން ހުރީ އިންތިޒާރުގައެވެ. އެ މަންޒަރުން ހިތަށް ލިބުނު ފިނިކަން ބަޔާން ކުރަން ދަތިވިއެވެ. ދެބެން އެއްތަނަކުން ފެނުނަސް އަދިވެސް އާއިލާ ފުރިހަމައެއް ނުވެއެވެ. ނަމަވެސް މިވަރުވެސް ފުދެއެވެ. ގަމަރިއްޔާ އަވަސްވެގަތީ އެމީހުންނަށް ދޮރާއި ހަމަޔަށް ނާދެވެނީސް ދޮރު ހުޅުވައިލުމަށެވެ. "ބާބިލް......އަހަންނަށް އެނގުނު މިއަދު އަންނާނެކަން..."ގަމަރިއްޔާގެ ލޯ ފެންކަޅިވުމާއެކު އެކުއްޖާ ގެނެސް މޭގައި ޖައްސާލައިގެން އިރިކޮޅެއްވާންދެން ހުއްޓެވެ. ބާބިލްވެސް އެއަތުގެ ހޫނުކަން ލިބިގަންނަން ހުރިއިރު ކޮންމެވެސް ކަހަލަ ހަދާންތަކެއް އާވިއެވެ. އާރިކްވެސް ހުރީ އެ މަންޒަރު ދެކެން ހައިރާންވެފައެވެ. އާއްމުކޮށް ފިލްމުތަކާއި ވީޑިއޯއިން ފެންނަ ފަދަ ކަމެކެވެ. "އާރިކް ބާބިލް ގޮވައިގެން ތިއައީ...މާމައަށް ގަބޫލުވެސް ނުކުރެވޭ...." "މާމަ ހުރިތަން އަހައިލީމަ..." "އަހައިގެން ކަން އެނގޭ....އެކަމަކު ދެކުދިން އެކީ އައުމުން މާމަ އުފާވި ސަބަބެއް ނޭގޭ..." އެންމެން އެކީ އެތެރެއަށް ވަނެވެ. އާރިކް ސައި ތައްތާރުކުރީ މާމައަށް ކަމުދާގޮތަށެވެ. ގެރިކިރާއި ކާފޫރުތޮޅި އަދި ތަންކޮޅެއް ގިނައިން ހަކުރުވެސް އަޅާފައެވެ. އޭނަގޮސް ބާބިލްއަށާއި މާމައަށް ސައިތަށިތައް ދިނުމަށްފަހު ކުރިމަތީގައި ހުރި ސޯފާގައި އިށީނީ ކޮފީތަށި ހިފައިގެންނެވެ. ކޮފީގެ ވަހުންވެސް ސިކުނޑިއަށް އަރާމުވެއެވެ. "ސޯ ބާބިލް.... ދެން ކީއްކުރަނީ؟ މިބުނީ ކޮން މަސައްކަތެއް؟ ވަޒީފާއަށް ދަން؟"އާރިކްއަށް ބާބިލްއާއި ވާހަކަދައްކަން އުދަގުލެއްނުވިއެވެ. އާއްމުކޮށް އަންހެންކުދިންނާއި ދުރަށް ދުވިޔަސް މިކުއްޖާއާއިމެދު ދެކެވުނީ ތަފާތު ނަޒަރަކުންނެވެ. "ކުޑަ ވިޔަފާރިއެއް ހިންގަން. އެކަމަކު ކުދިންނަށް ގުރުއާން ކިޔަވާދެން... އަދި އަހެދް ހިންގާ ހަލަގާ ގްރޫޕެއްގައިވެސް މަސައްކަތްކުރަން........." "ސަޅި..." "ތިއީ ކާކުކަން އަހަންނަށް އެނގޭ....." "ހޫމް...އެނގޭނެތާ..ހޮސްޕިޓަލުން ދިމާވެފައި ހުރީމަ....އަނެއްކާ މިއިނީ ކުރިމަތީގައި ފެންނަން..." "އައި މީން...މިބުނީ އޭގެ ކުރިންވެސް އެނގެއޭ..." ނާޒުކް ލަފުޒުތަކެކެވެ. އޭގެ މާނަ އަހަން އަރިކް އުޅުމާއެކު ގަމަރިއްޔާ އަވަހަށް މައުޟޫ ބަދަލުކޮށްލިއެވެ."އެހެންވީމަ ބާބިލް މިރޭ ކައިގެން ދޯ ގެއަށްވާނީ....ތިހާ އަވަދިނެތި އުޅެމުންއަރާމުކޮށްލަން ވާނެ.....އެހާ ގިނައިން ހިނގާފައި އަންނަނިކޮށް އާރިކް ގެއަށް ތިގެނައީ....." "ވާރޭގައި ހިނގަން މަޖާ.....ކުޑައިރުގެ ހަނދާންތައްވެސް އާވޭ...."ބާބިލް ހީލިއެވެ. އާރިކް އިނީ ހައިރާންވެފައެވެ. އޭނައަށް ނޭގޭ ކޮންމެވެސް ސިއްރެއް އެބައޮތެވެ. މާމައާއި ބާބިލް މާޒީގެ ކޮންމެވެސް ހިސާބަކުން ދެނެ ފަރިތަވެފައިވާފަދައެވެ. ބީރައްޓެހިކަމުގެ އެއްވެސް ކުލައެއްނެތެވެ. އެތައް ދުވަހަކުއްސުރެ ދެނެފަރިތަ ދެ އެކުވެރިންނެކޭ ތަފާތެއްނެތެވެ. ގަމަރިއްޔާ އާއި ބާބިލްއަށް އެކަނިވާނެ ފުރުސަތުދީފައި އޭނަ ގަސްތުކުރީ ކޮޓަރިއަށް ވަނުމަށެވެ. ވަރަށް ގިނައިރުވާންދެން މާމައާއި ބާބިލް އަނގަތަޅާ އަޑުއިވުނެވެ. ބާބިލްގެ ހުނުމުގެ އަޑުވެސް އިވުނެވެ. ނިގާބީކުދިން ހިލޭ ފިރިހެނުންނަށް އިތުބާރުކޮށްގެން އެޕާޓްމެންޓުތަކަށް ވަނުމާއިމެދު ހިތުގައި ސުވާލު އުފެދުނެވެ. އޭނައަށް އެކުއްޖާ އިތުބާރުކުރަންވީ ސަބަބެއް ނޭގެއެވެ. އެރޭ ތަންކޮޅެއް ލަސްވީފަހުން އާރިކް ބެލްކަނީގައި ވާރެއަށް ނަޒަރު ހުއްޓާލައިގެން ހުރީ ވިސްނުމެއްގައެވެ. ގަމަރިއްޔާ ބޮޑިބަތާއި ހަނާކުރި ކުކުޅުހުރި ކުޑަ ބޯތަށްޓެއް ގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ. އިރުކޮޅެއްވާންދެން ހިމޭނުން ހުރުމަށްފަހު މާމަ އެހިއެވެ. "ދުވަހަކުވެސް ކޮއިފުޅަށް މިހެންވިތަ؟ މީހަކ ފެނުމުން އެއީ ދަންނަ ފުރާނައެކޭ ހިތަށް އިހުސާސްވޭ އެކަމަކު އެކަމުގެ ސަބަބެއް ނޭގި...އެކަހަލަ ގޮތެއްވިތަ؟" އާރިކްގެ ނަޒަރު މާމައަށް ހުއްޓުނެވެ. "އެ އަންހެންކުއްޖާ...."މާމަބުނަމުން ދިޔައެވެ." ބާބިލް....އެކުއްޖާއަށް ހެޔޮކޮށް ހިތައްޗޭ....އެކުއްޖާއަށްވެސް ހަމަ އާރިކްގެ ހިތުގައި އަޅާފަދަ ވޭނެއް އަޅަނީ. ދެމީހުންގެ ހިތުގައިވަނީ އެއް މައްސަލައެއް......" "މާމާ ތީގެ މާނައަކީ؟" އޭނަ ހައިރާންވިއެވެ. މާމަ އިތުރު އެއްޗެއް ނުބުނެ ހިނގައިގަތްއިރު ފައިވާނުގެ މަޑު އަޑު ވާރެއާއިއެކު ވަމުން ދިޔައެވެ. ކޮންމެވެސް ސިއްރެއް ބުނާފަދައެވެ. އެއީ ކޮންކަމެއްކަމެއް ދެނެގެންނާކަށް އޭނައަކަށް ނޭގުނެވެ. ގަމަރިއްޔާގެ އެޕާޓްމެންޓް ވަރަށް ހިތްގައިމެވެ. ތަރުތީބުވެފައި ސާފުކަމުން އާ ތަނެއްފަދައެވެ. ކޮންމެ ދުވަހަކު ބާބިލް އެގެއަށް އައިސް މާމައާއެކު ވަގުތު ހޭދަކުރެއެވެ. އާއްމުކޮށް ކެއްކުމުގައެވެ. ގަމަރިއްޔާގެ މާޒީއެކޭ ގަދީމީ ފަސާނާއެއް ފަދައެވެ. އަޑުއަހާ ފޫހިވުމެއް ނެތިއެވެ. އެއްވެސް މީހަކަށް ބަރޯސާނުވެ މާމަވެސް ބާބިލް ލައްވާ ކަކުލުގައި ތެޔޮ ދަމާ އިސްތަށިގަނޑު އޮމާންކުރުވަން އެއްބަސްވެއެވެ. ހަމަ އާއްމުކަމެއް ހެންނެވެ. މާމަ ދަރިއެއް ފަދައިންނެވެ. އެކަން ގަބޫލުކުރަން ދަތިވީ އަލާނާއަށެވެ. އޭނަ އެގެއަށް އައީ ކީމިޔާއާއި ބަޖިޔާ ހިފައިގެންނެވެ. ވާރޭ ވެހޭ ފިނި ދުވަހެއްގެ ހަވީރު ސަޔަށް މިވަރުގެ ހަދިޔާއެއް ނުދެވޭނެއެވެ. "ސަލާމް މާމާ....އަހަރެން މިއައީ ސިއްހީގޮތުން ސުވާލު އުފެދޭ އެކަމަކު މާމަމެން އަބަދުވެސް ކާހިތްވާކަހަލަ ހަދިޔާއެއް ހިފައިގެން........."އަލާނާގެ ހަރުއަޑުން އިއުލާން ކުރިއެވެ. އެތެރެއަށް ވަނުމާއެކު ގަމަރިއްޔާގެ ފައި މޮޑެދޭން އިން ނިގާބީކުއްޖާ ފެނުމުން އޭނަ ސިހޭގޮތްވިއެވެ. "އޯ ހައި މިގޭގައި.....އަދި މާމަގެ ފައި މޮޑެދޭން......"އަލާނާ ލޯ ބޮޑުކޮށްލިއެވެ. "ހުރިހާ ސިއްހީ މެޝިނަށްވުރެ މި ކުއްޖާ ގެ އަތުގެ ބަރަކާތް މާ ބޮޑު މާޝާﷲ......." "ޔަގީން؟ އަހަރެން މިގެނައީ އެކަމަކު ކޮލެސްޓްރޯލް...އެކަމަކު މަޝްހޫރު ބަޖިޔާއާއި ކީމިޔާ...." ގަމަރިއްޔާ އިރުކޮޅަކު ވާހަކަދައްކަން އިނދެފައި ކާ ބަޔާއި ދިމާލަށް ދިޔުމާއެކު އަލާނާގެ ސުވާލުތައް އަމާޒުވިއެވެ. " މިގެއާއި ބާބިލް ގުޅުމެއް އޮންނަކަމެއް ނުދަންނަން...ކިހިނެއް މާމަ އެނގުނީ؟ އާރިކްއާއި ފްރެންޑްތަ؟" "ކުޑަކޮށް..މާމަ އެނގުނީ ހަމަ އިއްތިފާގުން..." "ދެމިުން ހާދަ ގާތްހެން ހީވޭ...މިބުނީ މާމަގެ ފައި މޮޑެދޭ ހިސާބަށް..ތިއީ އަނެއްކާ ފިޒިއޮތެރަޕިސްޓެއް؟ މަށަށް ނޭގި ދޯ އޮތީ؟" "ނޫން ނޫން...ކުޑަކުއްޖަކަށްވެސް މަސާޖްކޮށްލެވިދާނެ...."ބާބިލް ހީލިއެވެ. "ލޯވެސް ދަންނަ ފާޑެއް.....ދުވަހަކުވެސް މީހަކު އެހެން ބުނިތަ؟އާރިކްއާއި ތިމާގެ ދޯ....ކަޒިންއެއް ނޫނީ ދުރުތާ ތިމާގެ............"އޭނަ ލޯ ހަނިކޮށްލިއެވެ. ބާބިލްއާއި އާރިކްގެ ލޮލުގައި ވައްތަރުގޮތެއް އެބަހުއްޓެވެ. "އަވަހަށް ދެކުދިން ސައިބޯން އާދޭ....."މާމަގެ އަޑު އިވުނެވެ. "އާރިކް ފޯނުވެސް ނުނަގާ..ގޭގައި ނެތް؟"އަލާނާ އަށް ނުހުރެވިހެން އަހައިލެވުނެވެ. "އެކުވެރިއެއްގެ ދަރިފުޅު ބަލިވެގެން ހޮސްޕިޓަލަށް ގޮސްފައިވީ" އަލާނާގެ ތަބީއަތު ގޯސްވިއެވެ. ސައިބޯހިތް ކެނޑުނެވެ. ބާބިލްއާއި އާރިކްގެ އޮތް ގުޅުމެއް އެނގެން ކެތްތެރިކަން ކުޑަވިއެވެ. އަނެއްކާ މަންމަގެ މެސެޖްތައް ފުލުފުލުގައި އާދެއެވެ. އެއްވެސް ކުރިއެރުމެއް ލިބުނުކަން ޔަގީންކުރުމަށެވެ. މަންމައަށް އާރިކްގެ މިޒާޖު އެނގޭނެނަމައެވެ. އެހާ ފަސޭހައިން އާރިކް އަތު އަޅުވައިލުމަކީ ހުވަފެނެއްގައި ނޫނީ ވާނެކަމެއްނޫނެވެ. އަދި މައްސަލައަކީ ނިގާބީ އަންހެންކުދިންގެ ހިޔަނި އެޅުމެވެ. *** ޖެނީފާގެ މޫޑުވެސް ރަގަޅެއްނޫނެވެ. ހައްތާ ފުރައްސާރައާއި ޑްރާމާއެވެ. ވޭޕްކުރުމުގެ ހައްދެއްނެތެވެ. އަނދާފައިވާ ބެޓެރީގެ ވަސް ކޮޓަރީގައި ހަރުލާފައިވާއިރު ޖެނީފާގެ ނޭއްގާނި ސުލޫކުން މުވައްޒަފުންވެސް ތިބީ ހާސްކަން މަތީގައެވެ. އަހެދް އައީ މުސްހަފެއް ހިފައިގެންނެވެ. "އަނެއްކާ އައީ؟މަވެސް ހައްދު ފަހަނަޅާފައިވާ ގްރޫޕަށް ލާންވެގެންތަ؟ ޖިހާދަށް ކޮންތަަނަކަށް ދާންވީ؟" ޖެނީފާ ޖެއްސުންކުރިގޮތުން އަހެދްގެ ހިތަށް އުދަގޫވިއެވެ. "ހަމައެކަނި ގުރުއާނުން ތެރަޕީ....ގުރުއާނަކީ ޝިފާއެއް..." "ބުނަން ވާހަކައެއް.. މަދަރުސާއެއް ހުޅުވައިގެން މަގޭ ހާލަށް މަ ދޫކޮށްލާ...." "ބާބިލްވެސް އެބަހުރި ބޭރުގައި މަޑުކޮށްލައިގެން...." "އެއީ ކާކު؟ ސަތޭކަ އަހރުގެ ހިތާމަ ލޮލަށް ލައިގެން އުޅޭ މަންޖެ؟" ޖެނީފާގެ ރާގުގައިވީ މަލާމާތެކެވެ. "ހިތާމައަކީވެސް ދިރިއުޅުމުގެ ބަޔެއް..އެކަމަކު...." "އަލާނާ ބުނި އޭނަ އާރިކްގެ މާމަ ކައިރިއަށް ދާ ވާހަކަ..."ޖެނީފާ ޖުމްލަ މެދުކަނޑައިލިއެވެ." "ހޫމް....އޭނަ މާމަ ދެކެ ލޯބިވޭ.." "އެއްވެސް މީހަކު އެހާ މުސްކުޅި މީހަކުދެކެ ލޯތްބެއްނުވާނެ. އަމިއްލަ އެދުމެއްނެތި...ތިމާގެ މީހަކަށް ވީމަ ނޫނީ ވަސިއްޔަތް ނާމާގައި އޮތީމަ ކަމަށްވާނީ...އަނެއްކާ އެކަހަލަ ކަމެއް އޮތީތަ؟" "ކޮންމެ ކަމަކީ ޝައްކުކުރަންވާވަރުގެ ކަމެއްނޫން..." "އެކަމަކު މިއީ ހަމަ ޝައްކުކުރާވަރުގެ ކަމެއްނު..ކުއްލިއަކަށް އާރިކްގެ މާމަ ކައިރިއަށް ނިގާބީއަކު ދާން ޖެހުމަކީ ހަމަ ތަހުގީގުކުރަން ޖެހޭކަމެއް...." ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ