އަޅުގަނޑުގެ މަންމަ އާއި ބައްޕަ ނިޔާވުމުން ތަރިކަ 3 ބެއިންގެ މެދުގައި ބެހުމުން އަޅުގަނޑަށް ފުދޭވަރެއްގެ އާމްދަނީއެއް ލިބެއެވެ. ޢިމާރާތުގެ ތިރީ 2 ފްލޯ 3 ބެއިންގެ ތަނެއްގެ ގޮތުގައި ބަހެއްޓީމާވެސް ކުއްޖަކަށް 3 ފްލޯ ލިބުނެވެ.
އެހެންވެ ރަނގަޅު ޢާމްދަނީއެއް ލިބޭތީ ފިރިމީހާ ވަޒީފާއަކަށްވެސް ނުފޮނުވަމެވެ. އޜނާގެ ވަޒީފާއަކީ އަޅުގަނޑާއިއެކު އުފާވެރި، ވަފާތެރި ދިރިއުޅުމެއް ކަމަށް ނިންމީމެވެ. އަދި ފިރިމީހާގެ މައިންބަފައިންނަށް ބޭނުންވާ ޚަރަދުތައްވެސް ކޮށްދިނީމެވެ.
ދެން މިބުނަނީ އެކަމުން ލިބުނު ނަތީޖާއެވެ. އެނގުނީ އަޅުގަނޑުގެ އެންމެ ޣާތް އެކުވެރިޔާއާއި ދެމީހުން ލޯބިވެ ގުޅުން ހިނަގައިގެން އޭނާ ބަލިވެއިނދެގެން އުޅޭކަމެވެ. ދަރިފުޅު ވައްޓާލަން އެއްބަސްނުވެގެން އުޅޭކަމެވެ.
އެހިސާބުންވެސް އެއްވެސް ކަމެއް އެނގުނު ކަމަކަށް ނުހަދަމެވެ. ނަމަވެސް މަޑުމަޑުން ދުރުހެލިވާން ފެށީމެވެ. މަހެއްހައި ދުވަހުގެ ތެރޭގައި އެކަނި އުޅުމުގެ ހިތްވަރު ޙޯދިއްޖެއެވެ. އެކަނި އުޅުމުގެ ހިތްވަރު ލިބުމުން ދެމީހުން ސިޓިންގ ރޫމްގައި ތިއްބައި ބުނީމެވެ.
"ދެމީހުންވެސް ނިކަން ބުނެދީބަލާށެވެ! ތިއަ ދެމީހުންނަށް ދެރަވާނެ އެއްވެސް ކަމެއް އަހުރެންނަށް ކުރެވިފައިވޭ ހެއްޔެވެ؟ އަދި އަހުރެންގެ ކިބައިން އެދުމުން ކޮށްނުދެވި އޮތީ ކޮންކަމެއް ހެއްޔެވެ؟ އެކުވެރިޔާއަށް އެންމެ ފަހުގެ ސައިކަލެއް 1 ލައްކަ ރުފިޔާ ދީފައި ގަނެދިންތާ އަތި މިވީ 4 މަސް ނޫން ހެއްޔެވެ؟"
އަހުރެން ކުރި ސުވާލުތަކަށް ދެމީހުންކުރެ އެކަކުވެސް ޖަވާބު ނުދިނުމުން ބުނީމެވެ. "ފުދިއްޖެއެވެ. ފުދިއިތުރުވެސް ވެއްޖެއެވެ. އިތުރަށް އަހުރެން މަރަން ނުހަދައި ދެމީހުން އެކުގައި ގެއިން ނުކުމެގެންދާށެވެ. ވަރިވުމަށް އެދި އޮންނާނީ ފޯމުލައިފައެވެ. އެކަން ކޯޓުން ކުރިއަށް ގެންދާނެއެވެ."
އެހެން ބުނުމުން ދެމީހުންވެސް ވަރަށް ދެރަވެގެން ރޮއިވެސް ހެދިއެވެ. ބުނީމެވެ. "ތިއަ ރޮނީ އަހުރެންނާއި ވަކިވާންޖެހިގެނެއް ނޫނެވެ. އަހުރެންގެ ތަނަވަސްކަމުން ދެން ނުލިބޭނެތީއެވެ. މިސިޓިންގ ރޫމް އެކަންޏެއް ނޫނެވެ. މުޅި ގޭގައި ފެންބޮޑުވާވަރަށް ކަރުނައެޅިޔަސް އަހުރެންނަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. އުފާވެރިކަން ވާނީ އިތުރެވެ." އެވަރުންވެސް ފިރިމީހާ ގެއިން ނެރެވުނީ ފުލުހުން ގެނެސްގެން ގެއިން ނެރޭނެ ކަމަށް ބުނުމުންނެވެ.
އަޅުގަނޑު ބުނެލަން ބޭނުންވާ އެއްކަމަކީ ކިތަންމެ ރަނގަޅަށް ކަންކަން ކޮށްދިނަސް ނުބައި މީހުންގެ ޢަމަލުތައް ދުވަހަކުވެސް ރަނގަޅެއް ނުވާނެއެވެ. އެއްވެސް މީހަކަށް ރަނގަޅަށް ކަންކަން ކޮށްދީގެން އެކަމުގެ ަގުވަޒަންކުރާނެ ނަމަ އަޅުގަނޑުގެ ފިރިމީހާ އާއި އެންމެ ގާތް އެކުވެރިޔާ އަޅުގަނޑުގެ އަގުވަޒަންކުރީހެވެ. އަދި އަޅުގަނޑަށް ހެޔޮކަމެއް ނުދިނަސް އަޅުގަނޑަށް އަނިޔާވެރިއެއް ނުވީހެވެ.
ދެން މިކިޔައިދެނީ އަޅުގަނޑުގެ މިހާރެވެ. ދެވަނައަށް ކައިވެނިކުރެވުނީ ފައިސާގެ ގޮތުން ފަޤީރުނަމަވެސް ތަޤްވާވެރިކަމުގެ ގޮތުން ވަރަށް ބޮޑު މުއްސަންޖަކާއިއެވެ. ތެދުވެރި އަމާނާތްތެރިއަކާއިއެވެ. އޭނާގެ މަސައްކަތުން މިހާރުވަނީ އަޅުގަނޑަށް ލިބޭ އާމްދަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. އެއީ ދެމީހުންގެ ނަމުގައި ކުރާ ވިޔާފާރީގެ ސަބަބުންނެވެ. ހަމައެއާއިއެކު ކައިވެންޏަށް 6 އަހަރުވީއިރުވެސް ފިރިމީހާގެ މައްޗަށް އެންމެ ކުޑަމިނުން ޝައްކެއްވެސް ކުރާކަށް ނުޖެހެއެވެ. ދެމަފިރިންގެ ފޯނު ލޮކެއްވެސް ނުކުރަމެވެ. ބޭނުންކުރަނީ އެފަހަރަކު ބޭނުންކުރަން ހިތަށް އެރި ފޯނެކެވެ.
- ޝިމްލާ / މިއަދުނޫހުގެ ކިޔުންތެރިއެއް
ޢިބްރަތްތެރި ވާހަކަ: ބޭނުންވާ ހުރިހާ ކަމެއް ފިރިމީހާއަށާ އެންމެ ގާތް އެކުވެރިޔާއަށް ކޮށްދެމުންދިއަ ތަނަވަސް އަންހެނަކަށް ކުރަންޖެހުނު ހިތި ތަރިބާ- އެންމެން ހޭލުންތެރިވާންޖެހޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ