ދީނުގަ އޮތީ ގޯސް މީހަކާ ކައިވެނި ކުރެވުމުން މިއީ މާތް ﷲ ކަނޑައެޅުއްވެވި ގޮތްކަމަށް ބުނެ ނިންމައިލެވޭނެ ގޮތަކަށް ނޫން!: ޝައިޚް އާސިމް އަލް ޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ
 
އަހަރެންނަށް އަބަދުވެސް މި ސުވާލު ކުރެވި އަދި މީގެ މާނައަކީ ކޮބައިތޯ އަހަރެން ހިތަށްއަރައެވެ. އެހެންކަމުން، ވިސްނުމަށްފަހު އަހަރެން ދެކޭގޮތުގައި ގިނަ މީހުން މިހެން ބުނަނީ އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ގެނައުމަށްޓަކައެވެ. އެއީ ކައިވެނީގެ ހުށަހެޅުމެއް ލިބި، އެ ހުށަހެޅުން ބަލައިނުގަތުމުން ހިތާމަކުރާ ހިނދު. އެހެންކަމުން، އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ގެނައުމަށްޓަކައި އެމީހުން ބުނަނީ އަނބިމީހާ ނުވަތަ ފިރިމީހާ ކަނޑައަޅުއްވަނީ މާތްﷲ ކަމަށެވެ.  އެހެންވީމާ، މިކަން ވާންޖެހޭ ގޮތަކަށް ނުވާތީ މިކަން ނުވާނެއޭ. އަދި އަންހެނަކު ފިރިހެނަކާ އިނދެ، އޭނާއަކީ އަނިޔާވެރި މީހަކަށް ވުމުން ނުވަތަ ދީނަށް އަމަލުނުކުރާ މީހަކަށް ވުމުން، އޭނާ ބޮޑެތި މީހުންގެ ގާތަށްގޮސް ޝަކުވާކޮށް، ލަފާ ހޯދައި، ވަރިވުމަށް އެދޭއިރު، އެމީހުން އޭނާއަށް ހިތްހަމަޖެހުން ގެނެސްދެނީ "މިއީ މާތްﷲ ކަނޑައެޅުއްވި ކަމެކޭ. މިކަމާއެކު ދިރިއުޅެންޖެހޭނެއޭ" ބުނެފައެވެ.  
އަދި މިއީ މުޅިން ތެދެއް ނޫނެވެ. އެއީ ކުށްތަކާއެކު ދިރިއުޅުމަށް އަދި އެ ކުށްތަކާއެކު އުމުރު ދުވަހަށް ދިރިއުޅުމަށް ޤަބޫލުކުރަންޖެހޭނެ ކަމަށް ބުނެވޭ ގޮތަކަށް ނެތެވެ. އެއީ މާތްﷲ ކަނޑައެޅުއްވި ކަމެއް ކަމަށް ބުނެފައެވެ. އެހެނެއްނޫނެވެ. މާތްﷲ އަހަރެމެންނަށް އަންގަވަނީ ފަރުވާ ހޯދުމަށާއި އަހަރެމެންގެ މައްސަލަތައް ޙައްލުކުރުމަށެވެ. އަހަރެން ބަނޑުހައިވެފައި ހުރެއްޖެނަމަ، މިއީ މާތްﷲ ކަނޑައެޅުއްވި ކަމެކެވެ. އެހެނަސް، މާތްﷲ އަހަރެންނަށް އަންގަވާފައިވަނީ ކާނާ ހޯދައި ކެއުމަށެވެ. އަންހެނެއްގެ ފިރިމީހާއަކީ އަނިޔާވެރި މީހެއްނަމަ ނުވަތަ ދީނަށް އަމަލުނުކުރާ މީހެއްނަމަ ނުވަތަ ދީނީ ކަންކަމުގައި އޭނާއަށް އަނިޔާކުރާ މީހެއްނަމަ، އަހަރެމެން އޭނާއަށް ނުބުނަން މިއީ މާތްﷲ ކަނޑައެޅުއްވި ކަމެއް ކަމަށް، އަނގަ ބަންދުކޮށްގެން އަޅެއްގެ ގޮތުގައި ދިރިއުޅުމަކަށްވެސް ނުބުނަމެވެ. 
އެޙާލަތުގައި ތިބާއަށް ވަރިވުމަށް އެދުމުގެ ޙައްޤު އެބައޮތެވެ. ތިބާއަށް ފުލުހުންގެ ގާތަށްގޮސް އޭނާގެ ޖިސްމާނީ އަނިޔާގެ ޝަކުވާ ކުރުމުގެ ޙައްޤު އެބައޮތެވެ. އެކަން ސާބިތުކޮށްދެވޭނެ ހެކިތަކާއި މެޑިކަލް ރިޕޯޓުތައް ހުރުރިނަމައެވެ. ތިބާއަށް އޭނާއަކީ ތިބާއަށާއި ތިބާގެ އާއިލާއަށާއި ދަރިންނަށް އެކަށީގެންވާ މީހެއް ނޫންނަމަ ވަރިވުމަށް އެދުމުގެ ޙައްޤު އެބައޮތެވެ.
އެހެންވީމާ، އާއެކެވެ. ކައިވެނި ކަނޑައަޅުއްވަނީ މާތްﷲ އެވެ. ތިބާގެ އަނބިމީހާ ނުވަތަ ފިރިމީހާ ކަނޑައަޅުއްވަނީ މާތްﷲ އެވެ. އެހެނަސް، ހަމައެހެންމެ ވަރިވުންވެސް ކަނޑައަޅުއްވަވަނީ މާތްﷲ އެވެ. މަރުވުންވެސް އެހެންމެއެވެ. ބަލިވުންވެސް އެހެންމެއެވެ. މި ދުނިޔޭގައި ހިނގާ ހުރިހާ ކަމެއްވެސް އެހެންމެއެވެ. މާތްﷲ ކަނޑައެޅުއްވުމަކާ ނުލައި އެއްވެސް ކަމެއް ނުހިނގާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ