ޖަޕާން-މޯލްޑިވްސް އާޓްސް އެންޑް ކޮސްޕްލޭ އިވެންޓަށް ހޫނު ތަރުހީބެއް

ރާއްޖެ އާއި ޖަޕާނުގެ ގާތް ގުޅުން ދައްކުވައިދޭ ހާއްސަ އިވެންޓެއް ކަމަށްވާ 'ޖަޕާން-މޯލްޑިވްސް އާޓްސް އެންޑް ކޮސްޕްލޭ' މިދިޔަ މަހުގެ 26ގައި ގައުމީ އާޓް ގެލެރީގައި ވަނީ ބާއްވައިފަ އެވެ. އެއީ މޯލްޑިވްސް ސެންޓަ ފޮ ޕޮލިސީ ރިސާޗުން ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނާ ގުޅިގެން ބޭއްވި ކުލަ ގަދަ އިވެންޓެކެވެ. މި ހަފްލާގެ އިތުރު ބައިވެރިންގެ ތެރޭގައި ޖަޕާން އެމްބަސީ، އެންސީއޭ، ގައުމީ އާޓް ގެލެރީ އަދި މިނިސްޓްރީ އޮފް ޔޫތު ހިމެނެ އެވެ.
"މިއީ ޖަޕާނާއި ރާއްޖެއާ ދެމެދު އޮތް ގާތް ސަގާފީ ގުޅުން ދައްކުވައިދޭ އިވެންޓެއް. އަޅުގަނޑުމެންގެ ބޭނުމަކީ ދިވެހިރާއްޖޭގައި ޖަޕާނަށް އޮތް ލޯބި އަދި ޖަޕާނު މީހުން ރާއްޖެއާ މެދު ދެކޭ ރަނގަޅު ގޮތް ބޮޑަށް ފާހަގަ ކޮށްދީ ޒުވާނުންގެ މެދުގައި ބޮޑަށް ހޭލުންތެރިކަން އުފެއްދުން،" މޯލްޑިވްސް ސެންޓަ ފޮލިސީ ރިސާޗުގެ ޗެއާޕާސަން މުހައްމަދު ހޫދު އިބްރާހިމް ވިދާޅުވި އެވެ.
ޖަޕާނުގެ އެމްބެސަޑަރު އިޝިގަމި ރުމިކޮ ވެސް މި އިވެންޓުގައި ބައިވެރިވަޑައިގަތެވެ. އަދި މިކަހަލަ އިވެންޓެއް ގައުމީ ޔުނިވާސިޓީގެ ޒުވާން ދަރިވަރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔުން ވަރަށް އުފާކުރައްވާ ކަމަށް، ދައުރުއަށް ދެއްވި އިންޓަވިއުއެއްގައި، އޭނާ ވިދާޅުވި އެވެ. 
 ޖަޕާނުން ފެށުނު މަޝްހޫރު 'ކޮސްޕްލޭ'ގެ އެކި ވައްތަރުތައް، މި އިވެންޓުގައި ބައިވެރިވި ދަރިވަރުން ވަރަށް ފުރިހަމައަށް ދައްކާލި އެވެ. ޖަޕާނުގެ 'އެނިމޭ ކެރެކްޓަރު'ތަކުގެ އިތުރުން ދަރިވަރުންގެ އަމިއްލަ 'ކެރެކްޓަރު'ތަކުގެ އުފެއްދުންތައް ވެސް އޭގެ ތެރޭގައި ހިމެނުނެވެ.
ހަފްލާގައި ޖަޕާނު އެމްބަސީގެ ކަލްޗަރަލް ބޫތަށް ޒިޔާރަތް ކުރި މީހުންނަށް 'ކެލިގްރަފީ' ފަދަ ތަފާތު ތަޖުރިބާތައް ކުރުމުގެ ފުރުސަތު ލިބުނެވެ. އަދި ޖަޕާނުގެ ސަގާފީ ފޭރާމެއް ކަމަށްވާ 'ޔޫކާޓާ' އަޅައި، ސަގާފީ 'ކަޕް އެންޑް ބޯލް' ކުޅިވަރެއް ކަމަށްވާ 'ކެންޑަމާ' ކުޅުމުގެ ފުރުސަތު ވެސް އެ މީހުންނަށް ލިބުނެވެ. މީގެ އިތުރުން ޖަޕާނުގެ އޮސާކާގައި ބާއްވާ އެކްސްޕޯ 2025ގެ މައުލޫމާތު ދީ، ޖަޕާނަށް ދާން އެންމެ ރަނގަޅު ދުވަސްތައް ވެސް އެމްބަސީން ވަނީ ކިޔައިދީފަ އެވެ.
އެންމެ ދެތިން ގަޑިއިރުގެ މި ހަފްލާ ބަލަން ގިނަ އަދަދެއްގެ މީހުން ޖަމާވި އެވެ. ޖަޕާނަށް އޮތް ޝައުގު އަދި އެ ގައުމުގެ ސަގާފީ އަދި ގުދުރަތީ ރީތިކަމާ މެދު ގިނަ ދިވެހިން އެއްބަސްވާކަމީ ޝައްކެއްނެތް ކަމެކެވެ. 
މި އިވެންޓުގައި ވެސް ދިވެހިންގެ އުފެއްދުންތެރިކަމާއި ހުނަރު އަނެއްކާވެސް ވިދާލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ