ލިވަޕޫލާއި ޕީއެސްޖީ އަށް މޮޅެއް، ބަޔާނުން ޗެލްސީ ބަލިކޮށްފި ލިވަޕޫލާއި ޕީއެސްޖީ އަށް މޮޅެއް، ބަޔާނުން ޗެލްސީ ބަލިކޮށްފި

ލިވަޕޫލް (ސެޕްޓެމްބަރު 18) - ޔުއެފާ ޗެމްޕިއަންސް ލީގުގެ އާ ސީޒަނުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޕީއެސްޖީ މޮޅުވިއިރު، ބަޔާން މިއުނިކުން 3-1 އިން ޗެލްސީ ބަލިކޮށްފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީން ވަނީ 4-0 އިން އެޓަލަންޓާގެ މައްޗަށް ކުރިހޯދައިފަ އެވެ. ފަހު ވަގުތު ލަނޑު ޖަހައި، 3-2 އިން އެތުލެޓިކޯ މެޑްރިޑް އަތުން ލިވަޕޫލް މޮޅުވިއިރު، މިދިޔަ އަހަރުގެ ރަނަރަޕް އިންޓަ މިލާނުން ވަނީ 2-0 އިން އަޔަކްސްގެ މައްޗަށް ކުރިހޯދައިފަ އެވެ.
ޕީއެސްޖީ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، މާކީނިއޯސް، ކްވިޗާ ކްވަރަޝްކޭލިއާ، ނޫނޯ މެންޑޭޒް އަދި ގޮންޒާލޯ ރާމޯސް އެެވެ. މި މެޗުގައި ޕީއެސްޖީގެ ބްރެޑްލީ ބާކޮލާ އަތުން ޕެނަލްޓީއެއް ވަނީ ނާކާމިޔާބުވެފަ އެވެ. އިންޓަ އިން ރޭ އަޔަކްސް ދަނޑުގައި މޮޅުވިއިރު، ލަނޑުތައް ޖެހީ، މާކަސް ތުރާމް ދެ ގޯލެވެ. މި ދެ ލަނޑު ޖަަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ، ހަކަން ޗަނޮނޯލޫ އެވެ.
ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި ހަ މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއްނެގި އެވެ. ފުރަތަމަ ލަނޑަކީ ލިވަޕޫލްގެ މުހައްމަދު ސަލާހު ޖެހި ހިލޭ ޖެހުމެއް އެ ޓީމުގެ އެންޑީ ރޮބަޓްސަން ފައިގައި ޖެހިފައި ވަން ގޯލެކެވެ. ދެ ވަނަ ގޯލު ޖެހީ ސަލާހު އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މާކޮސް ލޮރެންޓޭ އެތުލެޓިކޯ އަށް އުންމީދެއްް ހޯދައިދިންއިރު، ދެ ވަނަ ހާފުގައި އޭނާ ވަނީ އިތުރު ގޯލެއް ޖަހައި، އެއްވަރުކޮށްދީފަ އެވެ. ލިވަޕޫލް މޮޅުވީ އިތުރު ވަގުތުގެ ހަތަރު މިނިޓް ތެރޭގައި ވާޖިލް ވެން ޑައިކް ބޮލުން ޖެހި ގޯލުންނެވެ.
ބަޔާނުން ރޭ ލީޑުނެގީ ޗެލްސީގެ ޓްރެވާ ޗަލޯބާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ހެރީ ކޭންގެ ޕެނަލްޓީން ބަޔާނުން ލީޑުފުޅާކުރިތާ ދެ މިނިޓް ފަހުން، ކޯލް ޕާމާ ވަނީ ގޯލެއް ޖަހައި ޗެލްސީ އަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، ދެ ވަަނަ ހާފުގައި ޗެލްސީގެ ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާނަގައި، ކޭން އިތުރު ގޯލެއް ޖަހައި، ބަޔާނަށް ތިން ޕޮއިންޓް ޔަގީންކޮށްދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ