ހުޅުމާލޭގެ ބިމެއް 28.7 މިލިއަނަށް ފަލާހް ބައްލަވައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު 28.78 މިލިއަން ރުފިޔާއަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ބައްލަވައިގެންފައިވާކަން ސިވިލް ކޯޓުގެ ހުކުމަކުން އެނގިއްޖެ އެވެ.ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ 2 ގެ ބިމެއް މިދިޔަ ޖުލައި މަހު ފަލާހަށް ވިއްކަން ނިންމައި، އެއްބަސްވުން ހަދާފައިވާ ކަމަށެވެ.ހުކުމުގައިވާ ގޮތުން 3،250 އަކަފޫޓުގެ އެ އަމިއްލަ ބިމުގެ އަގަކީ 26.6 މިލިއަން ރުފިޔާ ކަމަށްވީ ނަމަވެސް ޖީއެސްޓީއާ އެކު ބިމުގެ އަގަކީ 28.7 މިލިއަން ރުފިޔާ އެވެ. އެ އަގު ފަލާހް މިހާރު އެއްކޮށް ދައްކައި، ނިންމާފައިވާ ކަމަށް ހުކުމުގައިވެ އެވެ.އެހެންކަމުން އެ ބިން ފަލާހަށް މިލްކުވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.މި ބިން ގަތްކަން ފަލާހު ވަނީ މި މަހު މަޖިލީހުގައި އިއުލާނު ވެސް ކުރައްވާފަ އެވެ. ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މާލީ ބަޔާންތަކުގެ ވާހަކަ ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރުމުން އޭނާ ވިދާޅުވީ، އޭނާގެ ނަމުގައި މިހާރު ހުރި ބިންތަކުގެ އިތުރުން އިންނަމާދޫއިން ތިން ބިމަކާއި ހުޅުމާލެއިން ބިމެއް ގަނެފައިވާނެ ކަމަށެވެ.ނަމަވެސް އެ ބިންތަކުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކޮށް އަދި ނުނިމޭ ކަމަށް ފަލާހު ވިދާޅުވި އެވެ."އަދި އިންނަމާދޫ އިން ގަނެފަ ރަޖިސްޓްރީ ބަދަލުވުމުގެ މަރްހަލާގައި ތިން ގޯތި އެބަ އުޅޭ އަދި ހުޅުމާލެ އިން ގަތް ގޯތި ވެސް އުޅެނީ ރަޖިސްޓްރީ ބަދަލުކުރުމުގެ މަރުހަލާގައި. ވަރަށް ބެލިން މިފަހަރުގެ މާލީ ބަޔާނަށް ލެވޭ ވަރަށް ނިންމާލެވޭތޯ ނަމަވެސް ވާގޮތެއް ނުވި،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވި އެވެ.މި ބިމުގެ އިތުރުން މިވަގުތު ފަލާހުގެ ނަމުގައި މިވަގުތު ހަތަރު ބިމެއް އެބަ އޮތެވެ. އެއީ ރ. އިންނަމާދޫ ފަލަކް، ފަތް، އަސުރުހިޔާ އަދި މާލެއިން ގަނެފައިވާ މ. އަސުރުކުރި އެވެ. މާލެއިން އޭނާ ގޯތި ގަތީ ހަތަރު މިލިއަން ރުފިޔާއަށް ކަމަށް ފަލާހު ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ