ޢަދާވާތްތެރިންނާ އެކުވެރިނުވާށެވެ!

އެކުވެރިކަމާއި ހަމަހިމޭންކަމުގައި އެކުއުޅުމަކީ މުސްލިމުންނަށް ވީތީ އަޅުގަނޑުމެން އެންމެ އިސްކުރާނެ މަޞްލަޙަތެވެ. އެއީ އިސްލާމްދީނުގެ ކިޔަވައިދިނުންތަކުގައި ވެސް އެކަން އޮތް ގޮތެވެ. ނަފުރަތްތެރިކަމާއި ރުޅިވެރިކަމަކީ ހުތުރު އަޚުލާޤެކެވެ. އެކުވެރި މާޙައުލެއްގައި އުޅުމަށް ތަރުތީބުތަކެއް ވެސް ހުރެއެވެ. އާންމުކޮށް އެކަން ފެށެނީ އެންމެންނާ ވެސް އެކުވެރިވުމުގެ ބާބުންނެވެ. ދެން އޭގެ ފަހުން ތަރުތީބުކުރަން ޖެހެނީ އެކުވެރިކަން ނުބާއްވާ ދުރުގައި ތިބެންވީ މީހުންނާއި އެކަން ކުރަންވީ މިންވަރާއި އޭގެ ސަބަބުތަކެވެ. އެ ގޮތުން އެކުވެރިކަން ދޫކޮށްލައި އެބައެއްގެ ކިބައިން އެހީތެރިކަމާއި މަދަދު ނުހޯދަންވީ ބަޔަކު އުޅެއެވެ. އެއީ މާތް ﷲގެ ޢަދުއްވުންނެވެ. އަދި މުއުމިނުންގެ ޢަދުއްވުންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاءَ﴾ (الممتحنة: ١)‏ މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ޢަދުއްވުންނާއި، އަދި ތިޔަބައިމީހުންގެ ޢަދުއްވުންނަކީ، އެހީތެރިން ކަމުގައި ތިޔަބައިމީހުން ނުހިފާށެވެ!" މާތް ﷲގެ ޢަދާވާތްތެރިންނާ މުސްލިމުން ގުޅުމެއް ނުބާއްވާނެއެވެ. އެ މީހުންވަނީ ﷲގެ ދީނަށް ފުރަގަސްދީ ނުކިޔަމަންތެރިވެފައެވެ. އަޅުގަނޑުމެންނަށް އެކަން ނުވިސްނިތިބެ އެފަދަ މީހުންނަށް ލޯބިކޮށް އެ މީހުންނާ އެކު މަޖިލިސްކޮށް ހެދުނެއް ކަމަކު އެއީ ﷲ ނަހީކުރައްވައިފައި ވާކަމެކެވެ. އެކަން ދަންނަ ނަމަ އެބައިމީހުންނާ ދުރުގައި ތިބުން ހެޔޮވީއެވެ. ﷲ ވަޙީކުރެއްވިއެވެ. ﴿تُلْقُونَ إِلَيْهِم بِالْمَوَدَّةِ وَقَدْ كَفَرُوا بِمَا جَاءَكُم مِّنَ الْحَقِّ﴾ (الممتحنة: ١)‏ މާނައީ: "ތިޔަބައިމީހުން، އެއުރެންނަށް ލޯތްބާއި، އެކުވެރިކަން ހުށަހަޅަމުއެވެ. އަދި ތިޔަބައިމީހުންގެ ގާތަށްއައި ޙައްޤު ދީނަށް އެއުރެންވަނީ ކާފިރުވެފައެވެ." ދުނިޔޭގެ ހުރިހާ ބިތަކުން ވެސް މިއަދު ފެންނަނީ މުސްލިމުން ނިކަމެތިކޮށް އެ މީހުންގެ މައްޗަށް ކާފިރުން އަތްގަދަކުރަމުން އަންނަ މަންޒަރެވެ. އެއްބައި ޤައުމުތައް އަޅުވެތި ކުރަނީ ފާޅުގައި ހަތިޔާރު ބޭނުންކޮށްގެންނެވެ. އަނެއްބައި ތަންތަނުގައި ހިންގަނީ ފިކުރީ ހަނގުރާމައެވެ. އަނެއް ބަޔަކަށް އިޤްތިޞާދީ ދަތިކުރުމާއި އަމަން ގެއްލުވައިލުމެވެ. މި ހުރިހާ އުނދަގުލެއްގައި ޤައުމުތައް ކަރުތާފެނުގައި ބަކަތަޅަމުންދާއިރު، އަވަށްޓެރި މުސްލިމް އެހެން ޤައުމުތައް ވެސް ތިބެނީ ކުރާނެކަމެއް ނެތި ގޮތް ހުސްވެފައެވެ. ކުރެވޭނެ ކަމެއް ވެސް ނޯންނަނީއެވެ. ކޮންމެ ބަޔަކަށް ވެސް މި ތިބެވެނީ ﷲގެ ޢަދުއްވުންނާ ކޮންމެވެސް ވަރެއްގެ އެކުވެރިކަމެއް ޤާއިމުކުރެވިފައެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އިސްލާމީ ދައުލަތް ޤައުމުތަކަށް ބަހައިލާ އެ ޤައުމުތަކުގައި ޤައުމީވަންތަ ނިޝާންތައް ރަމްޒުކުރުމާއި ވާދަވެރި މުބާރާތްތަކުގައި ވަނަ ހޯދުން އެއީ ޤައުމީ ހަދަފަށް ހަދައިލިއެވެ. އެއަށްފަހު ފުރަތަމަ ފެށުނީ އެކުވެރި މަޖާ މާހައުލެއްގައި މުބާރާތްތައް ކުޅެ ކޮންމެސް އެއް ބަޔަކު ކާމިޔާބުވެ އަނެއް ބަޔަކު ބަލިވާން ފެށި މަންޒަރެވެ. ޒަމާން ދިގުވެ އެންމެން ވެސް މިހާރު މޮޅުވާން ވާދަކުރަނީ ސަމާސާ ފޯރި ދޫކޮށްލައި ދުޝްމަނު ފޯރީގައެވެ. ނަތީޖާއަކަށް ވެފައި މި އޮތީ މުސްލިމުން މުސްލިމުންގެތެރޭ ނޭދެވޭ އެތައް ކަމެއް ކުރުމުގެ ޘަޤާފަތެއް އުފެދި އޭގެ މަތީ މީހުން ހަމަޖެހުމެވެ. މިއީ ހަމައެކަނި ޤައުމުތަކުގެ ނިސްބަތުގައި ވެފައި އޮތް ކަމެއް ވެސް ނުމެނޫމެވެ. މުސްލިމު ޢާއިލާތައް ވެސް މި ނުރައްކާތެރި ހާލަތައް ވެއްޓިފައި ވާތީ އެބަފެނެއެވެ. ޢާއިލާގެ މީސްމީހުން ދުރުހިލޭ މީހުންނަށް އޯގާތެރިކަމާއި ރަޙުމާއި ކުލުނާއި ލޯބި ބަހައްޓާއިރު، އަމިއްލަ ގޭތެރެއިން އެކަން ނެތިވަމުން ދާތީ އެބަ ފެނެއެވެ. މައިންބަފައިން ދަރިންނަށް ނުރުހުންވެ ޢަދާވާތްތެރިވާ ހިސާބަށް ދެއެވެ. ދަރިން ވެސް މައިންބަފައިންނާ މެދު މިފަދައިން ކަންތައް ކުރެއެވެ. އަނބިން ފިރިންނަށާއި ފިރިން އަބީންނަށް ވެސް ލޯތްބާއި އަޅާލުން ނުދޭ ކަމުގެ ޝަކުވާތައް ރަށުތެރޭގައި ވަރަށް ގިނަވެއްޖެއެވެ. އެއްބަނޑުއެއްބަފައި ކުދިންގެ މެދުގައި ވެސް އެކުވެރިކަމެއް ނޯވެއެވެ. ބޭރުން ދިމާވާ ރައްޓެހިންނާ އެކުވެރިވެފައި އަމިއްލަ ކޮއްކޮ، ބޭބެ، ދައްތަމެންނާ އޮންނަނީ ޢަދާވާތްތެރިކަމެވެ. އެކުވެރި ކިޔުންތެރިންނޭވެ! އަޅުގަނޑުމެންގެ އުފަލަކީ އެކުވެރިވުން ކަމުގައި ހަދަމާ ހިނގާށެވެ. ޢަދާވާތްތެރި ވާންވީ ކޮން ބަޔަކާކަން ދަސްކުރަމާ ހިނގާށެވެ. ތިމާގެކަމުގެ ދާއިރާގައި ތިބި އެކަކާ ވެސް ޢަދާވާތްތެރި ނުވަމާ ހިނގާށެވެ. ބޭރުން އަންނަ މީހާއާ އެކުވެރިވެ، ގާތް ގުޅުމެއް އުފެއްދުމުގެ ކުރިން އޭނާ އެ ކަމަށް ކުފޫ ހަމަވޭތޯ ބަލަމާ ހިނގާށެވެ. ﷲގެ ޢަދާވަތްތެރިންނަކީ އަޅުގަނޑުމެންގެ ވެސް ޢަދާވާތްތެރިން ކަމުގައި ހަދަމާ ހިނގާށެވެ. ﷲގެ ރުހުމާއި އެއިލާހުގެ މަދަދު ލިބުން ވަނީ އެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ