ޔުނިވަރސަލް ފައުންޑޭޝަނުން 3 ދިވެހި ޑޮކްޓަރަކަށް މާސްޓަރސް ފެންވަރުގެ ސްކޮލަރޝިޕް ދީފި

ޔުނިވަރސަލް ފައުންޑޭޝަނުން އިއްޔެ 3 ދިވެހި ޑޮކްޓަރަކަށް މާސްޓަރސް ފެންވަރުގެ ސްކޮލަރޝިޕް ދިނުމަށް ނިންމައިފިއެވެ. މި ސްކޮލަރޝިޕްތައް ދެވިފައިވަނީ ޑރ. އާމިނަތު ނަޖުދާ (އޮޕަރޭޝަން)، ޑރ. ފާތިމަތު މިޝާފާ ވަސީމް (ކަރުންމަތި) އަދި ޑރ. ނުހާ އަބްދުއްރަޙުމާނު (ކުޑަކުދިންގެ ބަލިތައް) އަށެވެ.މި ސްކޮލަރޝިޕްތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޔުނިވަރސަލް ފައުންޑޭޝަންގެ ރައީސް އިޔާޒު ވަހީދު ވިދާޅުވީ، ފައުންޑޭޝަނުން އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފައުންޑޭޝަނުން ވަނީ 121 ސްކޮލަރޝިޕް ދީފައެވެ. އަދި މިހާރުވެސް 15 ދިވެހި ދަރިވަރުން ބޭރުގެ އެކި ޤައުމުތަކުގައި ކިޔަވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.އިޔާޒު ވަހީދު އިތުރަށް ވިދާޅުވި ގޮތުގައި، މި ސްކޮލަރޝިޕްތަކުގެ ދަށުން ކޯހުގެ ހުރިހާ ޚަރަދެއް ފައުންޑޭޝަނުން ބަލަހައްޓާނެއެވެ. މީގެ ތެރޭގައި ކިޔެވުމުގެ ފީ، ދަތުރުފަތުރުގެ ޚަރަދު އަދި ދިރިއުޅުމުގެ އެލަވަންސް ހިމެނެއެވެ.މި ސްކޮލަރޝިޕްތައް ދިނުމުގެ މައިގަނޑު މަޤްޞަދަަކީ ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ޚާއްޞަ ދާއިރާތަކުން ތަމްރީނު ލިބިފައިވާ ޑޮކްޓަރުންގެ އަދަދު އިތުރުކުރުމެވެ. މި ސްކޮލަރޝިޕްތަކުގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތް ފުޅާވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ