ނިމިގެންދިއައީ ތަކެތި އުފައްދާ ފަރާތްތަކަށް އެންމެ ގިނަ ފައިސާ ސަރުކާރުން ދިން އެންމެ އުފާވެރި އަހަރު

ދިވެހި އުފެއްދުންތައް މާކެޓްކޮށްދީ އެފަދަ ވިޔަފާރިތައް ކުރާ ފަރާތްތައް ކުރިއެރުވުމަށް އަދުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޚާއްޞަކޮށް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.
ބީސީސީން ދަނީ ދިވެހި ފަންނުވެރިންގެ މަސައްކަތް ކުރިއެރުވުމަށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެފަދަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓް ކުރުމުގެ ފުރުޞަތުތައް ފަހިކޮށްދެމުންނެވެ. މި މަސައްކަތުގެ ތެރެއިން އެންމެ ކާމިޔާބު އެއް މަސައްކަތަކީ އޮތެންޓިކް މޯލްޑިވްސްގެ ނަމުގައި ހުޅުވަމުންދާ ފިހާރަތަކެވެ.
ނިމިގެން މިދިޔަ އަހަރަކީ، ދިވެހި އަތްތެރި މަސައްކަތް ކުރާ ދިވެހިންނަށް އަމާޒުކޮށްގެން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން ހުޅުވާފައިވާ އޮތެންޓިކް މޯލްޑިވްސްގެ ވިޔަފާރިއަށް އެންމެ މަންފާ ކުރި އަހަރެވެ، މިސަރުކާރު ވުޖޫދުވެގެން އައި ފަހުން މިވޭތުވި އެއް އަހަރު ވެގެން މިދިޔައީ އޮތެންޓިކް މޯލްޑިވްސްގެ އެހީގައި ދިވެހި އުފެއްދުންތައް ވިއްކާ ދިވެހި އުފެއްދުންތެރިންނަށް، އެންމެ އުފާވެރި އަހަރެއްގެ ގޮތުގައެވެ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުން ރިކޯޑު އަދަދަކަށް، ވިޔަފާރިތަކުން އުފެއްދި ތަކެއްޗަށް ފައިސާ ދޫކޮށްފައިވާކަން ހާމަކުރަމުން ދައުލަތުގެ މީޑީޔާއަށް ބީސީސީން ބުނެފައިވަނީ ފާއިތުވި އަހަރަކީ އެ ކުންފުނީގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރު ކަމުގައެވެ.
އޮތެންޓިކް މޯލްޑިވްސްގެ ވިޔަފާރި ފެށުނު އިރު އެންމެ 57 ސަޕްލަޔަރުން ތިބިއިރު، މިހާރު އެ އަދަދު ވަނީ 300 އަށްވުރެ އިތުރުވެފައެވެ. މި ސަޕްލަޔަރުންގެ 3000 އަށްވުރެ ގިނަ އުފެއްދުންތައް އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުން މިހާރު ލިބެން ހުންނާނެކަމަށް ބީސީސީއިން ބުނެފައިވެއެވެ. މީގެ ތެރޭގައި މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގެ ވިޔަފާރިވެރިންނާއި ކުޑަކުދިން އުފައްދާ ތަކެތިވެސް ހިމެނެއެވެ.
އޮތެންޓިކް މޯލްޑިވްސްއަކީ ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމަށްޓަކައި ބީސީސީން ހިންގާ ފިހާރައެކެވެ. މިހާރު ރާއްޖޭގައި 4 ފިހާރަ ހިންގަމުންދާއިރު، ޖަޕާނުގެ 2 އެއަރޕޯޓެއްގައިވެސް މި ފިހާރައިގެ ކިއޮސްކުތައް ޤާއިމްކޮށްފައިވެއެވެ. އަދި އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ.
ބީސީސީގެ އަމާޒަކީ ދިވެހި އުފެއްދުންތައް ރާއްޖޭގެ ރިސޯޓްތަކުގައި ޝޯވްކޭސްކޮށް ފަތުރުވެރިންނަށް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައި ވިޔަފާރިތަކަށް ރިސޯޓް މާކެޓް ފަހިކޮށްދިނުމެވެ. އަދި ސަޕްލަޔަރުންގެ އުފެއްދުންތައް ރާއްޖެއިން ބޭރުގައި ބާއްވާ ފަތުރުވެރިކަމާއި ވިޔަފާރިއާ ގުޅުންހުރި ބައިނަލްއަޤްވާމީ ފެއަރތަކުގައި އިސްތިހާރުކޮށް އިތުރަށް މާކެޓް ކުރުމަކީވެސް ބީސީސީގެ އަމާޒެކެވެ.
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އޮތެންޓިކް މޯލްޑިވްސްއިން 24.1 މިލިއަން ރުފިޔާ ސަޕްލަޔަރުންނަށް ދޫކޮށްފައިވާކަމަށް ބީސީސީން ބުނެފައިވެއެވެ. މިއީ އޮތެންޓިކް މޯލްޑިވްސްގެ 5 އަހަރުގެ ތެރޭގައި ދޫކުރި ފައިސާގެ ޖުމްލަ 27% އެވެ. އަދި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އޮތެންޓިކްގެ އެކިއެކި އައުޓްލެޓްތަކުން 3000 އަށްވުރެ ގިނަ އުފެއްދުން ވިކިފައިވެއެވެ.
އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުގައި މިހާރު 338 ވިޔަފާރިއަކުން އެމީހުންގެ ތަކެތި ވިއްކަމުންދާއިރު، މީގެތެރެއިން ީގެތެރެއިން 60% އަކީ އަންހެން ވިޔަފާރިވެރިންނެވެ. މިއަހަރުގެ ތެރޭގައި އެކަނިވެސް މުޅިން އަލަށް 38 އަށްވުރެ ގިނަ ވިޔަފާރިތަކުން އެމީހުންގެ ތަކެތި ވިއްކަން އޮތެންޓިކްގެ ފިހާރަތަކަށް ލާފައިވާކަން ފާހަގަކުރެވެއެވެ.
މިއަހަރުގެ ތެރޭގައި އޮތެންޓިކް މޯލްޑިވްސްގެ މުޅިން އައު 2 އައުޓްލެޓެއް ވަނީ ހުޅުވާފައެވެ. އެއީ ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުޅުވި އައުޓްލެޓާއި، ތޮއްޑޫގައި ހުޅުވި އައުޓްލެޓެވެ. މިހާރު އޮތެންޓިކް މޯލްޑިވްސްގެ 5 އައުޓްލެޓް ހިންގަމުން ގެންދެއެވެ.
އޮތެންޓިކް މޯލްޑިވްސްއަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު އިތުރުވެ، އުފެއްދުންތައް މާކެޓްކުރުމަށް ބީސީސީން ކޮށްފައިވާ ގިނަގުނަ މަސައްކަތްތަކުގެ ސަބަބުންނެވެ. މީގެއިތުރުން "ދިވެހިންނަށް އިސްކަން" މި ނަމުގައި އެ ކުންފުނިން ފެށި ކެމްޕެއިންގެ ސަބަބުން ފަތުރުވެރިންގެ އިތުރުން ދިވެހިންގެ މެދުގައިވެސް އޮތެންޓިކް މޯލްޑިވްސްއިން ވިއްކާ އުފެއްދުންތަކަށް އޮތް މަޤްބޫލުކަން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާއެކު އަދި އޭގެ ކުރިން ކެމްޕެއިން ތަކުގައިވެސް ވިދާޅުވެފައިވާ ބަސްފުޅުގެ ތެދުކަން ސާބިތުކޮށްދޭ ކަމެކެވެ. ދިވެހިންގެ އުދެއްދުންތައް މާކެޓަށް ނެރެ، ދިވެހި އުފެއްދުންތެރިންނަށް ގިނަ ފުރުސަތުތައް ފަހިކޮށްދިނުމަށް މިސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދިފަހުން އަންހެނުން ހިންގާ ވިޔަފާރިތައް އިތުރަށް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މި ސަރުކާރުން ފެށި "ފަށާ މަދަދު" ލޯނު ސްކީމްގެ ދަށުން 60 ފަރާތަކަށް ލޯނު ދޫކޮށްފައިވާ ކަން ވެސް ފާހަގަކޮށްލެވެއެވެ.
ބީސީސީއަކީ ރާއްޖޭގައި ހިންގާ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނީ ޒިންމާ ހަވާލުވެފައިވާ ކުންފުންޏެކެވެ. ބީސީސީގެ ޚިދުމަތް ރައްޔިތުންނާއި ގާތުން ފޯރުކޮށްދިނުމަށްޓަކައި، މިހާރު ރާއްޖޭގެ 13 ސަރަހައްދެއްގައި ބިޒްނަސް ސެންޓަރ ވެސް ވަނީ ޤާއިމްކޮށްފައެވެ. ހަމަމިއާއެކު ބީސީސީން ދަނީ ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ކޮންސަލްޓެންސީ ދިނުމާއި، އެހީތެރިވެ ދިނުމުގެ މަސައްކަތް ވެސް ހިލޭ ފޯރުކޮށްދެމުންނެވެ.
ފާއިތުވި އަހަރަކީ ދިވެހި އުފެއްދުންތެރިންނަށް އެންމެ އުފާވެރި އަހަރުކަން ފާހަގަކުރެވެއެވެ. އޮތެންޓިކް މޯލްޑިވްސްގެ ފަރާތުން ލިބުނު ފުރުޞަތުތަކާއި އާމްދަނީގެ ސަބަބުން ގިނަ ވިޔަފާރިވެރިންނަށް ކުރިއެރުން ލިބި، އެމީހުންގެ އުފެއްދުންތައް މާކެޓް ކުރުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ. މިކަމަކީ ދިވެހި އިޤްތިޞާދަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ކަމެކެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ފުރުޞަތުތައް އިތުރަށް ފުޅާވެގެންދާނެކަމަށް އުއްމީދު ކުރެވެއެވެ. މިސަަރުކާރުގެ އަމާޒަކީ ދިވެހިންގެ ތެރޭގައި ތިބި މަސައްކަތްތެރި ހުނަރުވެރިންނަށް އެބައިމީހުންގެ މަސައްކަތްތަކުން ނަފާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދީ، ދިވެހިފައިސާ ގައުމުން ބޭރަށް ނުގޮސް ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް އަދުގެ ސަރުކާރުން ދަނީ މަސައްކަތްކުރަމުން މަގުފަހިކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ