އެމީހަކު ވޯޓުލާންޖެހޭ ވޯޓުފޮށި ހުރިތަން ދެނެގަތުމަށް ޕީޕީއެމް އިން އިލްތިމާސް ކޮށްފި

އެމީހަކު ވޯޓު ލުމަށް ރަޖިސްޓްރީވެފައިވަނީ ރަނގަޅު ތަނަށްކަން ކަށަވަރުކުރުމަށާއި އެމީހަކު ވޯޓުލާންޖެހޭ ވޯޓުފޮށި ހުރިތަން ދެނެގަތުމަށް ޕްރޮގްރެސިވް ކޯލިޝަނުން އިލްތިމާސްކޮށްފިއެވެ.
އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީރަޖިސްޓްރީ ވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މުއްދަތުގެ ތެރޭގައި އާދަޔާއި ޚިލާފަށް ގިނަ ޢަދަދެއްގެ ބޭފުޅުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށްވެ.
އެގޮތުން ހުށަހަޅާފައިވާ ފޯމުތަކުގެ ތެރޭގައި ބައެއް ފަރާތްތަކަށް އެނގުމެއް ނެތި އެފަރާތްތަކުގެ ނަމުގައި ފޯމު ހުށަހަޅާ އެފަރާތްތައް ވޯޓުލާތަން ބަދަލު ކުރުމަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
އެހެންކަމުން، ހުށަހެޅޭ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ހަރުދަނާ ނިޒާމެއްގެ ތެރެއިން އެކަން ކަށަވަރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ ގޮވައިލާފައެވެ. އަދި އެބޭފުޅަކު ރަޖިސްޓްރީވެފައިވާ ފޮށިތައް އިއުލާނުކޮށް ޝަކުވާއަށް ހުޅުވާލެވޭ މުއްދަތުގައި، ކޮންމެ ބޭފުޅަކު ވެސް، އެބޭފުޅަކު ރަޖިސްޓްރީވެފައިވަނީ ރަނގަޅު ފޮށީގައިކަން ޔަގީން ކުރުމުގެ ގޮތުން އެކަން ބަލާ ޗެކުކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
މީގެ އިތުރުން ބައެއް ބޭފުޅުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ފޮށި ހުރިތަން ބަދަލުވެފައިވާކަން ވެސް ފާހަގަވާތީ، ކޮންމެ ބޭފުޅަކު ވެސް އެބޭފުޅަކު ވޯޓު ލައްވާ ފޮށި ހުރި ތަން ޗެކުކުރެއްވުމަށް ވެސް އެ ކޯލިޝަނުން އެދިލައްވާފައި ވެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ވަރަށް ގިނަ ބޭފުޅުންގެ އައިޑީ ކާޑު ގަތުމަށް އެކި ބޭފުޅުންނަށް ގުޅުއްވާ ފައިސާ ހުށަހަޅަމުން ގެންދާތީ އެކަމަށް ސަމާލުވުމަށް ވެސް އެދިލައްވާފައެވެ.
އެފަދަ ބައެއް ކޯލްތަކުގައި ނުވަތަ ބޭފުޅުންނާއި ބައްދަލުކޮށް އެއީ ޕީޕީއެމް ނުވަތަ ޕީއެންސީގެ ފަރާތުން ކަމުގައި ބުނަމުންދާކަމަށް ވެސް ޚަބަރު ލިބޭތީ، އެފަދަ ކަމެއްގައި ޕީޕީއެމް ޕީއެންސީ ގެ ނަން ބޭނުންކުރިނަމަވެސް އެއްވެސް ފަރާތަކުން އެކަން ގަބޫލު ނުކުރުމަށް ވެސް އެ ކޯލިޝަނުން އެދިލައްވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ