ރާއްޖެއަށް 103 ފަހަރު އައި ފަތުރުވެރިއަކަށް ހާއްސަ މަރުހަބާއެއް

ރާއްޖެއަށް 103 ފަހަރު ޒިޔާރާތްކުރި ފަތުރުވެރިއަކަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ މަރުހަބާ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޖަޕާނަށް ނިސްބަތްވާ ނައިޓޯ ޓަކާޝީ 103 ވަނަ ފަހަރަށް ރާއްޖެ އައީ އިއްޔެ އެވެ. އޭނާ އައީ ސަފާރީ ބްލޫ، ފަން އަޒުލް ފްލީޓްގައި ޗުއްޓީ ހޭދަކުރުމަށެވެ.
އޭނާއަށް މަރުހަބާ ކިޔާފައިވަނީ، އެ ސަފާރީގައި އިއްޔެ ބޭއްވި ހަފްލާއެއްގައި ޓޫރިޒަމް މިނިސްޓަރު މައުސޫމްގެ އިތުރުން އެ ސިނާއަތުގެ އިސް ބޭފުޅުންނެވެ.
ތަފްސީލް - ޓޫރިޒަމް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ، ޓަކާޝީ ވަނީ މިދިޔަ 24 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 3-5 ފަހަރު ރާއްޖެ ޒިޔާރާތްކޮށްފައި ކަމަށެވެ.
އެނގުން މުހިންމު - ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 7އާ ހަމައަށް މި އަހަރުގެ ތެރޭގައި 1.11 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.
އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ތިން ގައުމަކީ:
ރަޝިއާ - 131،987 ފަތުރުވެރިން
އިންޑިއާ - 124،802 ފަތުރުވެރިން
ޗައިނާ - 100،105 ފަތުރުވެރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ