ޖަލްސާގެ ކޯރަމް ހަމަ ނުވާ މައްސަލާގައި ރައީސް ނަޝީދުގެ ސިޓީއެއް ރައީސް ޞާލިހަށް!

ސަރުކާރު ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ މެންބަރުން ޖަލްސާއަށް ވަޑައިނުގަންނަވާތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެ ޖަލްސާތައް ކުރިއަށް ނުގެންދެވޭ މައްސަލާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޓީފުޅެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ފޮނުއްވައިފި އެވެ. 
ރައީސް ޞާލިހަށް އެޑްރެސްކޮށް ނަޝީދު ފޮނުއްްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން، މަޖިލީހުގެ ޙުރުމަތާއި ގަދަރު ހިފެހެއްޓުމަކީ، މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދަށް އުނިކަން އަންނަފަދަ އެއްވެސް ޢަމަލެއް ހިނގައިފިނަމަ، ނުވަތަ މަޖިލީހުގެ ގަވާއިދަށް އުނިކަމެއް އަތުވެދާނެކަމަށް ބެލެވޭ އެއްވެސް ކަމެއް ފާހަގަވެއްޖެނަމަ، އެކަމެއް ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކި، މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. 
މިއާއެކު ނަޝީދު ވިދާޅުވީ، ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އެއްގޮތްވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަނީވެސް މަޖިލީހުގެ ރައީސްއަށް ކަމަށެވެ. 
Advertisement
ކަން މިހެން ހުރިއިރު، ރައީސް ޞާލިހު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، އެމްޑީޕީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިމާރާތަށް ހާޒިރުވެވަޑައިގެން ތިއްބަވައި މަޖިލީހުގެ ހާޒިރީގައި ސޮއިކުރެއްވި ނަމަވެސް މަޖިލީހުގެ ޖަލްސާކުރާ މާލަމުގެ އެތެރެއަށް ވަދެވަޑައި ނުގަންނަވާ ތިއްބަވައި މަޖިލީހުގެ ޖަލްސާ ފެށުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަކުރުމަށް ދަތިތައް ކުރިމަތިކުރުވައި މަޖިލީހުގެ ޖަލްސާތައް ފެށުމަށް ހުރަސް އަޅުއްވަމުން ގެންދަވާކަން  ފާހަގަކުރެވޭކަމަށް ނަޝީދު ވިދާޅުވި އެވެ. 
އަދި އެގޮތަށް އެމްޑީޕީގެ މަޖިލިސް މެންބަރުން މަޖިލިސް ހުއްޓުވައި މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އަޅުއްވަމުން ގެންދަވަނީ ރައީސް ޞާލިހު އެކަމުގައި ބައިވެރިވެވަޑައިގެންކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން ދިވެހި ދައުލަތުގެ ބާރުތައްރައީސް ޞާލިހުގެ އަތްޕުޅު މައްޗަށް ނަންގަވައި ދިވެހި ދައުލަތް ހުއްޓަވާލެއްވުމަށް ކުރައްވާ މަސައްކަތް ހުއްޓަވާލެއްވުމަށް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ. 
"އެހެންކަމުން ދިވެހި ދައުލަތުގެ ބާރުތައް މަނިކުފާނުގެ (ރައީސް ޞާލިހުގެ) އަތްޕުޅު މައްޗަށް ނަންގަވައި ދިވެހި ދައުލަތް ހުއްޓަވާލެއްވުމަށް ތިޔަ ކުރައްވާ މަސައްކަތް ހުއްޓަވާ ލެއްވުމަށާ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދެމިހުންނަވާނެކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުނަ ނުދީ ކުރިއަށް ގެންދިއުމަށް އަޅުގަނޑު ކުރަން ޖެހޭ އެންމެހައި ކަންކަން ކުރާނޭ ކަމުގައި ދަންނަވަމެވެ." ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ