ހޫނު ބަހުސްތަކަށްފަހު ނަޝީދު ބޭނުން ނުވާ ގޮތަށް އިންތިހާބު ކޮމިޓީ އެކުލަވާލައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހޫނު ބަހުސްތަކެއް ކުރުމަށްފަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ހާއްސަކޮށްގެން އިންތިހާބު ކޮމިޓީ އެކުލަވާލައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި ނަން ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.
ތާޖުއްދީން ސްކޫލުގައި މިރޭ ކުރިއަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އިންތިހާބީ ކޮމިޓީ އެކުލަވާލީ ހޫނު ބަހުސްތަކަކަށް ފަހު ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންގެ ބައިވެރިވުން ނެތި އެވެ. އެބޭފުޅުން ގައުމީ މަޖިލިސް ދޫކުރައްވާ ވަޑައިގަތީ އެ ބޭފުޅުންގެ ހުށަހެޅުންތަކަށް ވޯޓަށް އެހޭނެ އެއްވެސް ގޮތެއް ނުފެނުމުންނެވެ.
އެމްޑީޕީގެ އަސާސީ ގަވައިދުގައި ބުނެފައިވަނީ އިންތިހާބީ ކޮމިޓީގެ ފަސް މެންބަރުން ހިމެނުމަށެވެ. ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ހުށަހެޅުއްވީ މި ކޮމިޓީގައި ދެ ކެންޑިޑޭޓުން ތަމްސީލް ކުރަން ދެ ބޭފުޅުން ހިމެނުމަށާއި ދެ ކެންޑިޑޭޓުންނަށް އެއްބަސްވެވޭ އިތުރު ބޭފުޅަކު ހިމެނުމަށެވެ. އަދި ކޮމިޓީއަށް ހޮވާ ފަސް ބޭފުޅުންގެ ނަމަށް ވަކިވަކިން ވޯޓަށް އެހުމަށްވެސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ހުށަހެޅުއްވި އެެވެ.
މިހުށަހެޅުމަށް ރައީސް ސޯލިހަށް ތާއީދުކުރައްވާ މެންބަރުންނާއި ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ދެކޮޅު ހައްދަވާފަ އެވެ.
އިންތިހާބު ކޮމިޓީގެ ގޮތުގައި ހޮވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހަޅުއްވައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ތާއީދުކުރެއްވި ކޮމިޓީ އެވެ.
ކޮމިޓީގައި ހިމެނޭ ބޭފުޅުން
އަނަސް އަބްދުއްސައްތާރުއަހުމަދު އަބްދުﷲ އަފީފްއަކްރަމް ކަމާލުއްދީންމުހައްމަދު އީމާންއިބްރާހިމް ވަހީދު
ރައީސް ނަޝީދުއާ އެކު ހުންނެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ވިދާޅުވީ އިންސާފުވެރިކަމާ އެކު އެމްޑީޕީގެ ޕްރައިމަރީ ގެންދަން ބޭނުންވާނަމަ އެ ބޭފުޅުން ހުށަހެޅުއްވި ގޮތަށް ކޮމިޓީ އެކުލަވާލަންޖެހޭ ކަމަށެވެ.
"އެއިރުން ނޫންތޯ އިންސާފާއި ހަމަހަމަކަމާއެކު މިކަން ކުރިއަށް ނިންމޭނީ. އެހެންނޫނީ މިކަމެއް ނުހިނގާނެ. މަޝްވަރާކޮށްގެން ނޫނީ ޕާޓީގެ ކަންކަމެއް ވެސް ނުދާނެ،" އަލީ އާޒިމު ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ބޮޑު ބޭބެ ވިދާޅުވާ ގަލޮޅު އުތުުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ފައްޔާޒު ޖަލްސާ ކުރިއަށް ގެންދަވާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން ފައްޔާޒަށް ފާޑު ވިދާޅުވެފަ އެވެ. އަދި ފައްޔާޒު މަސައްކަތް ކުރައްވަނީ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕްގައި ހިޔާލުފާޅު ނުކުރެވޭ ގޮތް ހެދުމަށްފަހު ގައުމީ މަޖިލީހުގައިވެސް ހިޔާލުފާޅު ނުކުރެވޭ ގޮތް ހެދުމަށް ކަމަށް އީވާ ތުހުމަތުކުރެއްވި އެެވެ.
"ޕާޓީގެ ޗެއާ ހައްދަވަން ތިއުޅުއްވަނީ މިކަން ޒުވާބަކަށްތޯ. މަލާމާތް ރައްދުވާ ގޮތަށް. އެހެން ނުހައްދަވާ. ތިޔަ މަގާމުގެ ހައިސިއްޔަތު ގަދަރު ހިފަހައްޓަވައިދެއްވާ،" އީވާ ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ހުށަހެޅުމަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ ޕްރައިމަރީއަށް ނަގާ އިންތިހާބު ކޮމިޓީގައި ކެންޑިޑޭޓުންގެ މަންދޫބުން ތިބެންޖެހޭ ކަމަށް ބައެއް މެންބަރުން ވިދާޅުވީ ގައުމީ އިންތިހާބުތައް ކުރިއަށް ގެންދާ -- އިލެކްޝަންސް ކޮމިޝަން އެކުލެވިގެން ވަނީ ކެންޑިޑޭޓުންގެ މަންދޫބުންގެ މައްޗަށް ނޫން ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ދައްކަވަނީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ