އަޅުގަނޑަށް އޭނާ ފެންނަންފެށީ އާޓިފިޝަލް ބީޗުންނެވެ. އަބަދުވެސް އިންނަނީ އެކަންޏެވެ. މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. އެކަމަކު އިންނަނީ ވަރަށް ރީތިވެ ނަލަހެދިގެންނެވެ. މީރުވަސްދުވާ ސެންޓްވެސް ޖަހައިގެންނެވެ.
އޭނާ އާއި ވާހަކަ ދައްކާނެ ގޮތަކާއިމެދު ވިސްނަމުން ގޮސް އެއްދުވަހު ސައިތަށްޓެއް ގެންގޮސްދިނީމެވެ. ތަޢާރްފަވެސް ވީމެވެ. "އަހުރެންނަކީ 5 ދަރިން ގޮވައިގެން އެކަނި ދިރިއުޅޭ އަންހެނަކީމެވެ. ފިރިމީހާ ވަނީ މަރުވެފައެވެ. ދިރިއުޅެން ކުރާ މަސައްކަތަކީ ކާބޯތަކެތި ހަދައި ތަންތަނަށް ގެންގޮސްދިނުމެވެ. ލިބޭ އެއްޗަކުން އަސާސީ ބޭނުންތައް ފުއްދައިލެވެއެވެ."
އޭނާ ބުނީ އޭނާގެ އަނބިމީހާ ނިޔާވެފައިވާ ކަމަށެވެ. 2 ދަރިން އެބަ ތިބި ކަމަށާއި އެކަމަކު 2 ދަރިން ކައިވެނިކޮށްގެން އުޅެނީ ޜާއްޖެތެރޭގައި ކަމަށެވެ. އެހެންވެ ގޭގައި އުޅެނީ އެކަނި ކަމަށެވެ. އެތަނުގައި އިންނަނީ ހިތްހަމަޖައްސާލަން ކަމަށެވެ.
އެދުވަހުން ފެށިގެން ދެމީހުންގެ ބައްދަލުވުންތައް ކުރިއަށްދިއައެވެ. ކޮންމެ ދުވަހަކުވެސް ބައިގަޑިއެއްހައިއިރު ވާހަކަދައްކާލަން ތިބެމުއެވެ. އެގޮތަށް މަހެއްހައި ދުވަސް ފާއިތުވި ފަހުން އޭނާގެ އެދްރެސް ކިޔައިދީފައި އެރޭގެ ކެއުމަށް އެގެއަށް ކުދިން ގޮވައިގެންދާން ދިން ދަޢުވަތު ޤަބޫލުކޮށް އެގެއަށް ދިއައިމެވެ.
އެއީ ފުދޭވަރެއްގެ ބޮޑު ތަނަވަސްގެއެކެވެ. އެގޭގައި އޭނާގެ އިތުރުން އުޅެނީ ކައްކައިދޭ މުސްކުޅި އަންހެނެކެވެ. ކައިނިމިގެން އޭނާ ބުންޏެވެ. "އަހުރެން އެތަނުގައި އިންނަތާ އަހަރެއްހައި ދުވަސް ވެއްޖެއެވެ. އެކި ޢުމުރުގެ އަންހެނުން އައިސް ވާހަކަދައްކައެވެ. އެކަމަކު ތިބާނޫން ކޮންމެ އަންހެނަކާއިވެސް ވާހަކަދައްކައިލާއިރަށް ކޮންމެވެސް ކަމަކު އެދެއެވެ. ނުވަތަ ގުއިރޯނެއް ދަމައިލައެވެ. ނުޖެހި ސަލާމަތްވެވެނީ ކެތްތެރިކަމާއި ބުއްދި އިސްކުރާތީއެވެ."
"އަހުރެން ދަރިންނާއިއެކު ތިބާއަށް މިގެއަށް ދަޢުވަތުދިނީ ތިބާގެ ޙަޤީޤަތް ދަސްވެއްޖެކަމަށް ބަލައެވެ. ނަމަވެސް ދަސްނުވާ ބައެއްވެސް އޮވެދާނެކަންވެސް އެނގެއެވެ. އެކަމަށް ރިސްކް ނަގަން މިހުރީ ނިންމައިގެންނެވެ. ދެން އަހުރެން ބޭނުންވާ ގޮތް ބުނެލާނަމެވެ. އަހުރެން ތިބާއަށްވުރެ 10 އަހަރު ދޮށިކަން ޤަބޫލުކުރަމެވެ. އެކަން ތިބާ ގާތުގައިވެސް އޮންނާނީ ބުނެފައެވެ. އެހެންކަމާއިއެކުވެސް ތިބާ ރުހޭނަމަ އަހުރެން މިހުރީ ގުޅެން ތައްޔާރަށެވެ. އިތުރަކަށް ވަޢުދުތަކެއް ނުވާނަމެވެ. ކައިވެނިކޮށްފިނަމަ ހަމަޤައިމުވެސް އަހުރެންގެ ކިބައިން ކުށެއް ފެނިގެން ރުޅިއަންނާކަށް ނުޖެހޭނެއެވެ. މިއީ ވަޢުދެކެވެ."
އަޅުގަނޑު އެދަޢުވަތު ޤަބޫލުކުރީމެވެ. އަޅުގަނޑުގެ 5 ދަރިން ތިބުމުންނާއި އެކަނި ހުންނަތާ 5 އަހަރުވީއިރުވެސް ގައިގައި ބީހެން ބޭނުންނުވެ ކައިވެނިކުރަން ބޭނުންވި މީހަކު ފެނިފައި ނެތީމައެވެ.
ކޮންމެއަކަސް 2،3 ދުވަހުގެތެރޭގައި ކައިވެނިކުރެވުނެވެ. އެކައިވެނިމަތީގައި 12 އަހަރުވީއެވެ. މިއަދު މިއީ 8 ދަރިންގެ މަންމައެވެ. ފިރިމީހާ ވަނީ އޭނާވީ ވަޢުދު ފުއްދައިފައެވެ. އަދި މިހައިތަނަށް އޭނާ ދެކެ ރުޅިއަންނަން ޖެހޭނެ އެއްވެސް ކަމެއް މެދުވެރިއެއް ނުވެއެވެ. އިތުރަށް ބުނާނެ ވާހަކައެއް ނެތެވެ.
- ނަހުލާ / މިއަދުނޫހުގެ ކިޔުންތެރިއެއް
ޢިބްރަތްތެރި ވާހަކަ: ގައިގަ ނުބީހިތިބެ އެންމެ ރިވެތި ގޮތުގަ ކައިވެނިކުރަން ބޭނުންވާ މީހުންނަށް އަގުހުރި ފިލާވަޅެއް ލިބޭނެ ކައިވެންޏެއްގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ