60 ދުވަހަށް ޣައްޒާ ޤަތުލްޢާއްމު މެދުކަނޑާލަން އިސްރާއިލުން އެއްބަސްވެއްޖެ: ޓްރަމްޕް

އިސްރާއިލުން ޣައްޒާގައި ހިނގަމުންދާ ޤަތުލުޢާއްމު 60 ދުވަހަށް މެދުކަނޑާލަން އިސްރާއިލުން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް ޓްރަމްޕް އޭނާގެ މީސްމީޑިއާ އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެ ހުށަހެޅުމަށް އެއްބަސްވުމަށް ހަމާސްއަށް ގޮވާލާފައެވެ. މި ހުށަހެޅުން ހަމާސްއަށް ފޯރުކޮށްދީ މަޝްވަރާތައް ކުރިއަށް ގެންދާނީ ގަތަރު އަދި މިސްރުގެ މެދުވެރިކޮށް ކަމަށްވެސް ޓްރަމްޕް ބުނެފައިވެއެވެ.
ޓްރަމްޕް ބުނެފައިވާގޮތުން، ޤަތުލްޢާއްމު މެދު ކަނޑާލުމުގެ މަޝްވަރާތައް އިސްރާއިލާއެކު މިހާރު ވަނީ ކޮށް ނިމިފައެވެ. އަދި ޝަރުތުތަކަށް އެއްބަސްވެފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. 
މީގެ އިތުރުން ޤަތުލުޢާއްމު މެދުކަނޑާލާފައި އޮންނަ މުއްދަތުގައި، އެކަން އެއްކޮށް ނިމުމަކަށް ގެނައުމަށް ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ބުނެފައެވެ.
"މެދުއިރުމަތީގެ ހެވަށްޓަކައި، ހަމާސް މި އެއްބަސްވުން ގަބޫލުކުރާނެ ކަމަށް އަހަރެން އުންމީދު ކުރަން. އެއީ މިއަށްވުރެ ރަނގަޅު ގޮތެއް ނުލިބޭނެތީ" ޓްރަމްޕް ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން ޓްރަމްޕް މީގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ، ޣައްޒާ ޤަތުލްޢާއްމު ހުއްޓާލައި ރަހީނުން ދޫކުރުމުގެ އެއްބަސްވުމަކަށް އަންނަ ހަފްތާގައި އާދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު ޓްރަމްޕް އާއި ނަތަންޔާހޫއާ ވައިޓް ހައުސްގައި ބައްދަލުކުރަން ހަމަޖެހުފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ހަމާސްއިން ބުނެފައިވާ ގޮތުން، ޣައްޒާގައި ތިބި ބާކީ ރަހީނުން ދޫކުރަން އެމީހުން ތިބީ ތައްޔާރަށެވެ. ނަމަވެސް، ހަމާސް އިން ހަތިޔާރު ވެސް ދޫކޮށްލަންޖެހޭނެ ކަމަށް އިސްރާއިލުން ޝަރުތުކުރާއިރު، ހަމާސް އިން ވަނީ ހަތިޔާރު ބަހައްޓަން ދެކޮޅު ހަދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ