"ރަށު މާރުކޭޓު" ރެއިޑުގައި 37 ފަރާތެއް ޗެކްކުރިއިރު، ގަވާއިދާ ހިލާފަށް 15 ބިދޭސީން

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސްއިން އިއްޔެ ހަވީރު ހުޅުމާލެ ފޭސް 1 ގައި ހުންނަ "ރަށު މާރުކޭޓު" ގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަނުގައި ޖުމްލަ 37 ފަރާތެއް ޗެކްކުރެވުނު އިރު، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިޔަ 15 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު މީހުންގެ ތެރޭގައި 10 ފިރިހެނުންނާއި 5 އަންހެނުން ހިމެނެއެވެ.
މި ރެއިޑަކީ ރާއްޖޭގައި އިތުރުވަމުންދާ ގަވާއިދާ ހިލާފު ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު އޮޕަރޭޝަނެކެވެ. މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހިންގާނެ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު އެމީހުން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އަދި މިފަދަ ގަވާއިދާ ހިލާފު ޢަމަލުތަކުގައި ބައިވެރިވާ ދިވެހި ފަރާތްތަކާމެދުވެސް ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް އިމިގްރޭޝަނުން އިންޒާރު ދީފައިވެއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ވެސް ވަނީ ޤާއިމްކޮށްފަ އެވެ. އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވެ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ