ހަނިމާދޫ އެއާޕޯޓު އަދާނީ ގުރޫޕަށް ވިއްކަން، ސިންގަޕޫރުގައި ބައްދަލުކުރި: ޔާމީން

ސަރުކާރުން އުޅެނީ، އުތުރުގެ އެންމެ ބޮޑު އުންމީދު ކަމަށްވާ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ 2019 ވަަ އަހަރު ކުރީ ސަރުކާރުގައި، އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންއެއްގެ ދަށުންނެވެ. މިދިޔަ އަންގާރަ ދުވަހު އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލި ވިދާޅުވީ އެ މަޝްރޫއުގެ 88 ޕަސެންޓު ނިމިފައިވާ ކަމަށާއި ސެޕްޓެންބަރަށް އެއްކޮށް ނިމޭނެ ކަމަށެވެ. އެ ވާހަކައަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، މިހާރު ހަނިމާދޫ އެއާޕޯޓް ނިމުމަކާ ހިސާބަށް ގޮސްފައިވަނީ އިންޑިއާ ސަރުކާރުން ވަރަށް ބޮޑަށް އެހީވެގެން ކަމަށްވާއިރު، ދިވެހި ސަރުކާރުން ވިއްކާލަން ނިންމާ ތަންތަނުގެ ތެރޭގައި އެ އެއާޕޯޓް ހިމެނޭ ކަމަށެވެ. "އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވިއްޔާ މިފަހަރު މި ބައްދަލުކުރި މީހުންގެ ތެރޭގައި ސިންގަޕޫރުގައި ބައްދަލުކުރި މީހުންގެ ތެރޭގައި އަދާނީ ގުރޫޕްގެ ޗެއާމަންއާ ބައްދަލުކުރި،" އެ މަނިކުފާނު ވިދާޅުވިއެވެ. "ޚަބަރު ލިބޭ ގޮތުގައި ވެއްޖެއްޔާ ހަނިމާދޫ އެއާޕޯޓް ވިއްކާލަން މި މަސައްކަތް ކުރަނީ އަދާނީ ގުރޫޕަށް." އަދާނީ ގުރޫޕުގެ ޗެއާމަނަކީ ގޯތަމް އަދާނީ ކަމަށްވާއިރު، އެ ކުންފުންޏަކީ ތަފާތު ކުދި ކުންފުނިތައް އެއްކޮށްގެން ހަދައިފައިވާ އެންމެ ބޮޑު ކޮންގްލޮމެރޭޓްއެވެ. ގުޖުރާތަށް ނިސްބަތްވާ އަދާނީ އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީއަކީ ވަރަށް ގާތް ދެ ބޭފުޅުންނެވެ. އިންޑިއާގެ އިދިކޮޅު ލީޑަރު, ރާހޫލް ގާންދީ ވިދާޅުވާގޮތުގައި އަދާނީއަށް ހިމާޔަތް ދެނީ ސީދާ ބޮޑުވަޒީރު މޯދީއެވެ. މޯދީ އެހެން ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި އަދަނީއަށް އެކިއެކި ޑީލްތައް ހޯދައި ދެއްވާ ކަމަށް ރާހުލް ތުހުމަތު ކުރައްވައެވެ. މި މަހު އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ރައީސާއި އަނބިކަނބަލުން ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަަންގައި: އެގައުމުން އިންވެސްޓަރުން ހޯދަން ދިޔަ ނަމަވެސް އެ ހަރަކާތުން ނަތީޖާ ނެރެވޭނެ ކަމާ މެދު ޔާމީން ސުވާލު އުފެއްދެވި-- ފޮޓޯ/ ރައީސް ރާއްޖޭގެ އެންމެ އުތުރުގައި ރިޒޯޓުތަކާއި ގެސްޓްހައުސްތައް ހުރިނަމަ ވެސް، އެ ފަދަ ބޮޑެތި ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރަށް ކުރަންޖެހޭ ހޭދަ މާ ބޮޑުވުމެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމި, ބޭރު ފްލައިޓްތަކުގެ ދަތުރުތައް ގަވާއިދުން ބާއްވަން ފެށުމުން މި ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށް އެ ރަށު ރައްޔިތުން އުއްމީދުކުރެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރުން ސިނާއީ މުހިންމު ބައެއް ތަންތަން ވިއްކުމުގެ މައްސަލައިގައި ޔާމީން މީގެ ކުރިން ވެސް ނުރުހުން ފާޅުކުރައްވާފައިވެއެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދިގު މުއްދަތަކަށް ހަވާލުކުރުމެވެ. އޭރުގެ އިދިކޮޅުގައި އޮތް ޕީޕީއެމުން އެންމެ ބޮޑަށް ނުރުހުން ފާޅުކުރި އެއް ކަމަކީ އެއީއެވެ. އެމަނިކުފާނުގެ ވެރިކަން ބަދަލުވުމަށް ފަހުގައި ދެން އައި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގައި ޖީއެމްއާރް އަތުން އެ އެއާޕޯޓު އަތުލިއެވެ. އެ ސަރުކާރުން ޖީއެމްއާރު އެއްބަސްވުން އުވާލީ އެއްބަސްވުމަކީ "އުފެދުނު އިރުވެސް ބާތިލް އެއްޗަކަށް ވާތީ" ކަމަށް ބުނެއެވެ. އެކަމުގެ ބަދަލެއްގެ ގޮތުން 271 މިލިއަން ޑޮލަރު ބަދަލެއް ދެއްކުމަށް އާބިޓްރޭޝަނުން އެންގިއެވެ. އެ އަދަދު ޖީއެމްއާރަށް ދައްކައި ޚަލާސްކުރީ ރައީސް ޔާމީންގެ ސަރުކާރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ